ބީއެމްއެލްގެ ލޯނުތައް ދެއްކުން ޑިސެމްބަރުގެ ނިޔަލަށް ފަސްކޮށްދެނީ

 އޯގަސްޓްގެ ނިޔަލަށް 18 ހާސް ލޯނު ވަނީ ފަސްކޮށްދީފައި 

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލްގެ) ލޯނުތައް ދެއްކުން ޑިސެމްބަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމައިފައިވާ ކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.

މެނޭޖަރ ޕަބްލިކް ރިލޭޝަން މުޙައްމަދު ސަޢީދު ވިދާޅުވީ ޑިސެމްބަރުގެ ނިޔަލަށް ލޯންފަސްކޮށް ދިނުމަށް ނިންމަފައި ވަނީ އަލަށް ލޯން ފަސްކޮށް ދިނުމަށް އެދޭ ފަރާތްތަކަށް ކަމަށެވެ. ކުރިން ލޯން ފަސްކޮށް ދިނުމަށް އެދިފައިވާ ފަރާތްތަކަށް ވެސް އިތުރު ތިން މަސް ދުވަސް ލޯން ފަސްކޮށްދެއްވައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުރިން ލޯން ފަސްކޮށްދީފައިވާ ފަރާތްތަކަށް ވެސް ނޮވެމްބަރުގެ ނިޔަލަށް ލޯން ފަސްކޮށްދެވައިފައިވާ ކަމަށް ވިދާޅުވިއެވެ.

ކޯވިޑާ ގުޅިގެން އެ ބޭންކުގެ ކަސްޓަމަރުން ލޯނު އަދާކުރުމުގައި ފުރަތަމަ ހަމަސް ދުވަހަށް ދެވި ލުއިތައް އިތުރުކޮށްދެއްވީ މާރޗް މަހާ އަޅާ ބަލާއިރު އަދިވެސް ރާއްޖޭދގައި މާބޮޑު އިޤްތިޞާދީ ޙަރަކާތްތަކެއް ފެށިފައި ނުވާތީ ކަސްޓަމަރުންނަށް ދެއްވި ލުޔެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޑިސެމްބަރުން ފެށިގެން އެކަސްޓަމަރުން ލޯން ދައްކަންފަށާއިރު ހަމަސް ދުވަހަށް ލޯން ދައްކަން ޖެހޭނީ 20 އިންސައްތަ ކުޑަޢަދަދެއްކަން ވެސް ސަޢީދު ފާހަގަ ކުރެއްވިއެވެ.

ކުރިން ލޯނަށް އެދިފައިވާ ފަރާތަކާއި އަލަށް ލޯނަށް އެދެން ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ހައުސިން ލޯނާއި ޕާރސަނަލް ނުވަތަ ލުއިލޯނުވެސް ފަސްކޮށް ދިނުމަށް އެދެވޭނެކަމަށް ވިދާޅުވިއެވެ. އެ ޕޯރޓަލުން ލޯނާ ބެހޭ ތަފްސީލްތައްވެސް ލިބެން ހުންނާނެކަމަށް ވިދާޅުވިއެވެ. ލޯންދެއްކުން ފަސްކޮށްދެއްވާ މުއްދަތު ލޯން ދައްކަން ކަނޑައެޅިފައިވާ މުއްދަތަށް އިތުރުކޮށް ދެވޭނެކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.

އޯގަސްޓް މަހުގެ ނިޔަލަށް 18 ހާސް ލޯން ފަސްކޮށް ދެއްވައިފައިވާކަމަށް ވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.