ލެކްޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލާ އެމްއެންޔޫގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފި

ޔުނިވަރސިޓީތަކުގެ ލެކްޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލާ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ  (އެމްއެންޔޫ) ގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މި މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އިޢުލާން ކުރައްވާފައިވާއިރު، އޭގެތެރޭގައި ޔުނިވަރސިޓީތަކުގެ ލެކްޗަރާއިން ހިމަނުއްވާފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ލެކްޗަރާއިންނަކީ ކުރިންވެސް ވަކި އޮނިގަނޑެއްގައި ހިމެނޭ ބައެއް ކަމަށާއި މިފަހަރު މުސާރަ ބޮޑުވާއިރު، ލެކްޗަރާއިންގެ މުސާރަ ބޮޑު ނުވާނެ ކަމަށެވެ.

މިކަމާއި ހިތްހަމަ ނުޖެހި އެމްއެންޔޫގެ މުވައްޒަފުން ހިމޭންކަމުގެ އިހުތިޖާޖެއް މިއަދު ކުރަމުންދަނީ ކަޅުހެދުމުގައި ތިބެއެވެ. އަދި އެފަރާތްތަކުން މިއަދު ވަޒީފާއަށް ވެސް ނުކުމެފައެއް ނުވެއެވެ.

ތަފާތު ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެން އެމްއެންޔޫގެ ކެމްޕަސްތަކުގައި އެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނައިރު، މުސާރަބޮޑުކުރި އިރު، ލެކްޗަރާއިންގެ މުސާރާ ހިމަނާފައިނުވާތީ އެއީ ސަރުކާރުން ޖެހި ތަފާލެއް ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން ޔުނިވަރސިޓީތަކުގެ މުވައްޒަފުން ބާކީކޮށް ނުލުމަށް އެދިފައިވާއިރު، މެއި އެކަކުން ފެށިގެން އެމީހުންގެ މުސާރަވެސް ބޮޑުކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި އެމީހުންނަކީ ގައުމު ހިންގަން ތިބި މީހުން ބިނާ ކުރާ މީހުންކަމަށް ވެސް ބައެއް ބޯޑުތަކުގައި ވަނީ ފާހަގަކޮށްފައެވެ.

ޔުނިވަރސިޓީ މުވައްޒަފުން ހިމޭން އިހުތިޖާޖު ކުރަމުންދާއިރު ފިނޭންސް މިނިސްޓްރީން ވަނީ ލެކްޗަރާއިންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.