އަމީރާ ސުލްޠާނާގެ ނާރެސް - 19

(19 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

ސުވަރުގޭގެ ގަނޑުވަރު

އަޅުގަނޑުގެ އެންމެ ޅަދުވަސްވަރުއްސުރެ ، ޤަބޫލުކޮށްގެން މިހުންނަނީ ހުވަފެނަކީ ، އެހެން ޢާލަމެއްގެ ދިރިއުޅުންކަމުގައެވެ. އެހެންނަމަވެސް ، މިދުނިޔެމަތީ ފެންނަ ހުވަފެނުގެ ޙަޤީޤަތް ގެއްލިގެންނެއް ނުދާނެއެވެ. އެހެންކަމުން ، ނާއުއްމީދީ ތެދެއްކަމުގައިވެ ، ހިތުގައި ބިންވަޅުނެގިފައިވާ ، ރަމަޟާންމަހުގެ 19 ވަނަ ދުވަސް ހިތުން ފުހެވިގެންނެއް ނުދާނެއެވެ. އަދި އެދުވަހު ، އަޅުގަނޑު ، ސިނގިރެޓަކާއި ރާފޮދެއްބޮއެގެން ، ރޯދަދޫކޮށްލިކަންވެސް އެއީ ގަދަކަމުން ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެންމެ ގަދަޔަށް ހަނދާން ހުންނާނީ ، ދީނުގައި ޙަރާމްކުރައްވާފައިވާ ރޯފޮދެއް ބޮއެލުމަކީ ، އެދުވަހުގެ ރޯދަ ގެއްލުމުގެ ސަބަބަކަށްވީކަމެވެ. މަންމައާއި ދައްތަމެން ގޮތަށް ، ތެދުވެރި މުސްލިމެއްކަމުގައިވުމަކީ ، އަޅުގަނޑު އަބަދުވެސް ކުރަމުން އަންނަ އުއްމީދެކެވެ. އެމީހުން ދީނަށް ކަމޭހިތައި ދީނުގެ ކަންކަމަށް ބޯލަނބާ މިންވަރަށެވެ. ދީނުންބޭރުވެފައިވާ މިންވަރުގެ އިޙްސާސާއެކުގައިވެސް ، ރަނގަޅު މުސްލިމަކަށްވާން އަޅުގަނޑު ބޭނުމެވެ. އަޅުގަނޑުގެ ޙަޤީޤަތް ހާމަކޮށް ، ޢާއިލާގެ މީހުންގެކުރިމަތީ ކުށަށް އިޢުތިރާފްވެ ލަދެއްގައި ބެދޭފަދަ ކަމެއްކުރުމަކީ ، ކޮންމެހެން އެހައިބޭނުންކަމެއްނޫނެވެ. އަޅުގަނޑުގެ ޙާލަތާއި ޢަމަލުތައް ، ﷲ ސުބްޙާނަހޫ ވަތަޢާލާ މޮޅަށް ، ބައްލަވައިވޮޑިގެން ވާނެއެވެ. އެމިންވަރު އަޅުގަނޑަށް ފުދެއެވެ. އަޅުގަނޑުގެ ހަމައެކަނި ކަންބޮޑުވުމަކީ ، މަންމަ އަޅުގަނޑުމެންނަށް ދަސްކޮށްދިން ދީނީ ހަމަތަކާއި އުޞޫލުތައް ދުނިޔެމަތީ ބޭކާރުކަމެއްގެ ގޮތުގައި ވެގެންދާ ކަމެވެ. އަޅުގަނޑުމެންނަށް ، ދީން ދަސްކޮށްދީ ، ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އަދި އުޅެންވީ ގޮތާއި ދުރުހެލިވާންވީ ހުރިހައި ކަމެއް ، މަންމަވަނީ ދަސްކޮށްދީފައެވެ. 10 އަންހެންކުދިންނާއި ފިރިހެންދަރިޔަކު ވިހައި ، ބަލައި ބޮޑުކުރަމުންގެންދިޔައީ ވަރަށް އަވަދިނެތި އެހައި ބުރަކޮށެވެ. މަންމައަށް މާތް ﷲ  ، ހެޔޮ ރަޙުމަތް ލައވާށިއެވެ.

ކަރީމަކީ އަނެއް މައްސަލައެވެ. ރޯދަމަހުގެ ފަހުދުވަހު ، ޖިއްދާގައި ރަތްކަނޑުކައިރީ ހުންނަ އަޅުގަނޑުމެންގެ ގަނޑުވަރުގައި މަޑުކޮށްލުމަށް ޖިއްދާއަށް ހިނގައްޖައިމެވެ. އަޅުގަނޑާއެކު ކުދިނނާ އަދި ކަރީމުވެސް ދިޔައެވެ. ރޯދަމަހުގެ އެންމެފަހުދުވަސް ނިމެމުންދާތަން ބެލުމަށް ، ހަވީރުގަޑީގައި ކަރީމާއި ކުދިންނާއެކު ، ބަގީޗާގައި އިށީނދެ އިނީމެވެ. ކަރީމް ކަޅިޖަހައިނުލައި އަޅުގަނޑަށް ބަލަހައްޓައިގެން އިންކަން ފާހަގަކުރެވުނެވެ. އަޅުގަނޑާދިމާއަށް ކަރީމް ބަލަހައްޓައިގެން އިނީ ވަރަށް ފުންކޮށެވެ. އެކަމާހުރެ ، ފިރިމީހާއެއްކަމަކު ، ލަދުގަންނަގޮތްވެސް ވިއެވެ. އަމާނީ ، އޭނާގެ ދައްތައަށް ވެފައިވާ ވަޢުދު އުވައިލީ ބާވައެވެ. ކަރީމް ޖަޕާނަށްގޮސް އުޅެނިކޮށް ، ރާބޮއެގެން އަމަލުވެގެން އަޅުގަނޑު އުޅުނުގޮތް ، އަޅުގަނޑުގެ އަމިއްލަ ދަރިފުޅު އަމާނީ ، އޭނާޣެ ބައްޕަ ، ކަރީމްގާތު ބުނީބާވައެވެ.

ކިހިނެއްވީތޯ ، ކަރީމްކުރެން އަހައިލަން އަޅުގަނޑުގެ ހިތަށް އެރިއެވެ. އެކަމަކު ، ރަލާބެހޭ ވާހަކަ ދައްކައި އިތުރަށް އެ ހަނދާންތައް ހިތަށް ގެނެސްގަންނާކަށް އަޅުގަނޑު ބޭނުމެއްނޫނެވެ. ކަރީމް ، ވާހަކަދައްކަން ފެށުމުން ،  އަޅުގަނޑު މަޑުމަޑުން ބޯޖަހައިލީމެވެ. ހިނިތުންވެލުމާއެކު ، ކަރީމް ވާހަކަ ދައްކަން ފެއްޓިއެވެ.

"ސުލްޠާނާއެވެ! އަހަރެން ސުލްޠާނާއަށްޓަކައި ފަޚުރުވެރިވާވާހަކަ ބުނެލަން ބޭނުމެވެ."

ކަންއޮތްގޮތާ ތަފާތު ތަޢުރީފެކެވެ. އަޅުގަނޑަށް އޮޅުނެވެ. ކަރީމްގެ މަޤްޞަދަކީ ކޮބައިބާވައެވެ. އަނެއްކާވެސް ކަރީމް ވާހަކަދައްކަން ފެއްޓިއެވެ.

"ހަމަ ތެދެކެވެ. އަހަރެން ވަރަށް ފަޚުރުވެރިވަމެވެ." ކަރީމްގެ ލޮލުން ފައުޅުވި ލޯބި އަސަރުތަކުން އަޅުގަނޑުގެ ހިތް ކަތިލައިލި ކަހަލައެވެ. އެހައިލޯބިން އެހެންބުނެ ، ބަލަހައްޓައިގެން އެއިންގޮތުން ، ދެންމެ ދެންމެ އަޅުގަނޑަށް ދޮނެއްދޭށޭ އެއުޅެނީ ހީވިއެވެ. އެހެންނަމަވެސް ، މިވާހަކައެއް މިދެއްކީ ރޯދަމަހުގެ ދުވާލުއެވެ. ކަރީމް ، ރޯދަމަހު ދުވާލު ، އަޅުގަނޑުގެ އަތުގައި ހިފައިލާނީވެސް ހާލަކުން ފަހަރަކުއެވެ. އަޅުގަނޑަށް ، ހަމަ ރަނގަޅަށް އޮޅުނެވެ. ކަރީމްގެ ބަސްތަކުން އަޅުގަނޑު އަޅައިގަތީ "ފަޚުރުވެރި" މިބަހުގައެވެ.

"ހަމަ ތެދެކެވެ. ސުލްޠާނާއެވެ!" ކަރީމް އިހުނަށްވުރެބޮޑަށް އަނގަ ހުޅުވައި ހިނިތުން ވެލިއެވެ.

"އަހަރެމެން ކައިވެނިކުރި އަހަރު ، ރޯދަހިފަންވެގެން ސުލްޠާނާ އުޅުނުޙާލު ، އަހަރެން މިހާރުވެސް ހަނދާން އެބަހުއްޓެވެ.  އެތައް އުނދަގުލެއް އުފުއްލައިގެން ، ރޯދަހިފުން ހަމަޔަކަށް އެޅުވުމަކީ ، ސުލްޠާނާ ހޯދި ވަރަށްބޮޑު ކާމިޔާބީއެކެވެ. އެއީ ، އާދައިގެ މީހަކަށް ވާވަރަށްވުރެ ބޮޑު ކަމެކެވެ."

     ހަދާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުގެ ބަސްހުއްޓުނެވެ. ރާބޮއެ ރޯދަގެއްލުވައިލާ ހަދާފައިވާކަން ސިއްރުކުރުމަށް އަޅުގަނޑު މިހުންނަނީ ނިންމައިގެންނެވެ. އެހެންނަމަވެސް ، ރޯދަމަސް ފުރިހަމަކޮށްގެން އެކަމުގެ ފަޚުރު ލިބުން އެއީ އަމިއްލަ ނަފްސަށް ލަދުގަންނަންޖެހޭ ކަމެކެވެ. ނުކުރާކަމެއްގެ ތަޢުރީފައި ފަޚުރު ޙައްޤުވާނީ ކިހިނެއްތޯއެވެ؟  މިކަމުގައި އަޅުގަނޑު ޢަމަލުކުރަންވީ ވަކިގޮތެއް ، އަޅުގަނޑުގެ ހިތް ބުނެދީފިއެވެ. އެއީ ބަދަލުކުރެވޭނެ ކަމެއްނޫނެވެ. ޙަޤީޤަތް ހާމަކޮށް ތެދަށް ، ބުނަންވީއެވެ. ކަރީމަށް އަޅުގަނޑު އޮޅުވައިލައިގެން ނުވާނެއެވެ. ކޮންމެގޮތެއްވިޔަސް ވަރިހަމައެވެ. ދެމީހުން ވާހަކަދައްކައިގެން ، އެއްބަސްވުމަކަށް އަންނާނީއެވެ.

އަޅުގަނޑަށް ތެދާދިމާއަށް ދުއްވައިގަނެވުނެވެ.

"އެކަމަކު ކަރީމެވެ!" އަޅުގަނޑަށް ބުނެވުނެވެ.

"ސުލްޠާނާއެވެ! އިދިކޮޅު ނުހަދާށެވެ! ތިޔަ ފުރިހަމަކުރީ އާދައިގެމީހަކަށް ކުރެވޭނެކަމެއްނޫނެވެ. އެކަމަށްޓަކައި ﷲ ގެ ޙަޟުރަތުން ، ސުލްޠާނާއަށް ހެޔޮ ޖަޒާ ދެއްވާނެއެވެ. އަނެއްކާވެސް ވާހަކަދެއްކޭތޯ ބެލީމެވެ.

"ކަރީމެވެ! އަހަރެން..." އަޅުގަނޑުވާހަކަދައްކަން ފުރުޞަތުނުދީ ، އަނެއްކާވެސް ކަރީމް ވާހަކަ ދައްކަން ފަށައިފިއެވެ.

"ސުލްޠާނާއެވެ! ރޫޙާނީގޮތުން އެކަކަށްވުރެ އަނެކަކު މަތިވެރިކަން އެއީ މާކުރިންވެސް އަހަރެމެން ޤަބޫލުކުރާ ކަމެކެވެ. މިކަން މިގޮތަށް އޮންނަނީ ސަބަބެއް އޮވެގެންނެވެ. ބައެއްމީހުންގެ ފަރާތުން ކުރިމަތިވާ ދެރަޙާލަތަކީ ، ރަނގަޅަކަށް ކުރިމަތިވާ ކަމެކެވެ." ކަރީމް އަޅުގަނޑާ ދިމާއަށް ބަލަހައްޓައިގެން ހިނިތުންވެހުރެ ބުނެލިއެވެ. ސުލްޠާނާއަކީ ، އެފަދަ މީހެކެވެ. ވަރަށް އުފައު ވެއެވެ.

"ނޫނެކެވެ. ނޫނެކެވެ. ކަރީމެވެ! އަހަރެން މިވާހަކަތައް ބުނަން އެބަޖެހެއެވެ." އަޅުގަނޑަކަށް މަޑެއްކޮށެއް ނުއިނދެވުނެވެ. ކަރީމް އޭނާގެ އިނގިލި އަޅުގަނޑުގެ ތުންފަތުގައި ޖައްސައި ބާރުކޮށްލިއެވެ. އިތުރަށް ވާހަކަ ދެއްކިޔަ ނުދިނުމަށްޓަކައެވެ.

"އަހަރެން ދަންނަމީހުންގެ ތެރެއިން ، ސުލްޠާނާއަކީ އިޢުތިޤާދު ހަރުދަނާ އެކެކެވެ. އެކަމާގުޅިގެން ، އެތައް ތަކްލީފެއްލިބުނު ނަމަވެސް އެބައިމީހުންގެ އިޢުތިޤާދަށް އެއްވެސް ބަދަލެއް ނާދެއެވެ."

"ކަރީމެވެ! އަޑުއަހައިބަލާށެވެ." އަޅުގަނޑުގެ ހިތުގައި ހުރި ވާހަކަތައް ކިޔައިދެވޭތޯ މަސައްކަތް ކުރީމެވެ.

"މަންމާއެވެ! ބައްޕަ އެބުނަނީ ރަނގަޅު ވާހަކައެކެވެ. މަންމަގެ ތިޔަހިތްވަރަށް ހެޔޮޖަޒާ ޙައްޤެވެ. އަހަރެންވެސް މަންމައަށްޓަކައި ފަޚުރުވެރި ވަމެވެ." އެހިސާބުން މަހާ ވާހަކަދައްކަން ފެއްޓިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.