ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންނަށް ވެސް މުސާރަ ބޮޑުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ޤުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މި މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުވެފައިވާ ކަމަށެވެ.
އެ ދުވަހުން ފެށިގެން އެތަނުގެ މުވައްޒަފުންގެ މުސާރަ ދައުލަތުގެ ޕޭ ފްރޭމް ވާކް އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން މިހެން ބުނެފައި މިވަނީ ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން މުސާރަ ބޮޑުވި ޓީޗަރުންގެ ތެރޭގައި ހިމެނިފައި ނުވާކަމަށް އެ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން މީޑިއާއަށް ހާމަވެފައިވަނިކޮށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މުވައްޒަފުގެ ވާހަކައަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.
ކީރިތި ޤުރްއާނާއިބެހޭ މަރުކަޒަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނަކަށް ވާތީ މަރުކަޒުގެ ޓީޗަރުން މަސައްކަތް ކުރަނީ އެ މިނިސްޓްރީގެ ދަށުންނެވެ. އެހެންނަމަވެސް ސިވިސް ސަރވިސް މުވައްޒަފުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް އަމަލު ކުރުމަށް އެކުލަވާލާފައިވާ ގަވައިދުތައް އެ ޓީޗަރުންނަށް ވެސް ހިނގައެވެ.