ޑަބްލިއުއެޗްއޯ އަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއް: ރައީސުލްޖުމްހޫރިއްޔާ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އެ ޖަމިއްޔާއަށް ޝުކުރުއަދާ ކުރައްވައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑޮކްޓަރ ނާޒްނީން އަންވަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަމުޢިއްޔާއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

ޚާއްޞަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް ވެދެއްވި އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަށްޓަކައި ޑޮކްޓަރ ނާޒްނީން އަންވަރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ ރާއްޖެއިން ކޮވިޑް މެނޭޖްކުރުމުގައި އެޅި ވިސްނުންތެރި ފިޔަވަޅުތަކާއި، ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ވެކްސިނޭޓްކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މި ސަރަޙައްދުގެ އެހެން ބައެއް ޤައުމުތަކަށްވުރެ ކުރިން ކޮވިޑް ކޮންޓްރޯލްކުރެވުނު ކަން ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވާފައެވެ.

ޑޮކްޓަރ ނާޒްނީން އަންވަރު ވަނީ ރާއްޖޭގައި ފަސޭހައިން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި ވެސް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖޭގައި ތިބި ނާޒުކުގިންތިތަކުގެ މީހުންނަށާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދެއްވާ ސަމާލުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ނަފްސާނީ އެހީތެރިކަންދިނުމުގެ ދާއިރާއަކީ މިހާރު ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.

ޑޮކްޓަރ ނާޒްނީން ވަނީ މި ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ ތަޖުރިބާކާރު ސައިކޭޓްރިސްޓުން މަދުކަން ހާމަކުރައްވައި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އިސްނަގައިގެން މެންޓަލް ހެލްތް އެކްޝަން ޕްރޮގްރާމްގެ ތެރެއިން މިކަމަށް ޙައްލު ހޯދުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ސްކޫލް ކުދިންގެ މެދުގައި ނަފްސާނީ ބަލިމަޑުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.