އަމީރާ ސުލްޠާނާގެ ނާރެސް - 30

(30 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

އަޅުގަނޑުގެ ނޭވާ އެތެރެޔަށް ދަމައިލެވުނުގޮތަށް ބޭރެއް ނުވިއެވެ. މަހާއަށް ގޮވައިލެވުނެވެ. އަޅުގަނޑުގެ މެޔަށްވެސް ތަދެއް އަރައިފިއެވެ. އަޅުގަނޑަށް ދެލޯ މަރައިލެވުނެވެ. ފުރާނަ ހަށިގަނޑުގައި ލަހައްޓަވަން އިރާދަކުރައްވާނަމަ، އަޅުގަނޑުގެ ނޭވާ ބޭރުވެގެންދާން އުއްމީދުކުރަމުން ﷲ އާ ވަކީލު ކުރީމެވެ. ބޮޑުދިޔައަށް ބޮޑުވަމުންދާ ކަނޑެއްގައި ވަށައިގެން އެނބުރޭ ރާޅުތަކެއްފަދައިން އަޅުގަނޑުގެ ޚިޔާލު އެނބުރިގަތެވެ. ދުވަސްކޮޅެއްކުރިން، އަޅުގަނޑަކީވެސް، އަޅުގަނޑުގެ ދަރިފުޅުފަދައިން، އިންސާނިއްޔަތަށް ކުރިމަތިވާ ބޭއިންސާފާއި އަނިޔާއާ ދެކޮޅަށް ވިސްނުންގެންގުޅުނު މީހަކީމެވެ. ޢުމުރުން 40 ގެ އަހަރުތައް ގުނަމުންދާއިރު، ފިރިހެނުންގެ ޝަހުވަތްތެރިކަމުގެ ފިނިކަން ގެނެސްދީ އެކަން ފުރިހަމަކޮށްދިނުމަކީ އަންހެނުން ކިތަންމެވަރެއްކުރިޔަސް ޙާޞިލްވާނެކަމެއްނޫންކަން އަޅުގަނޑަށް އެނގިއްޖެއެވެ. އެއީ ފިރިހެނާއަށްޓަކައި އިންސާނީ ތަބީޢަތުގައި ލައްވާފައިވާ ކަމެކެވެ. އެއީ ހަމައެކަނި މެދުއިރުމަތީގައި އެކަނި އެކަން އޮންނަ ގޮތެއްނޫނެވެ. ދުނިޔޭގެ ހުރިހައި ކަންކޮޅެއްގައިވެސް އެކަން އޮންނަނީ އެގޮތަށެވެ. ޅަ އަންހެންކުދިން ނުވަތަ ޅައަންހެނުން އެބައިމީހުންގެ ޝަހުވަތްތެރިކަމުގެ އަމާޒަށް ހެދުމަކީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ފިރިހެނުން ކުރާނެ ކަމެކެވެ. އަދި އަމްދުން އަންހެންކުއްޖާ ޅަވުމަކީ، އެބައިމީހުން އެންމެ ހިތްއެދޭނެ ގޮތެވެ. ގަދަކަމުން ޖިންސީގުޅުމެއް ހިންގައިގެން އެލިބޭ ހަމަޖެހުމަކީވެސް ފިރިހެނުން ހިތްކިޔާނެ ކަމެކެވެ.

"އަހަރެމެންނަށް އުޅެންޖެހިފައި މިއޮތީ،  ކޮންފަދަ އަނިޔާވެރި، ޖާހިލު ދުނިޔެއެއްގައި ހެއްޔެވެ؟" އަޅުގަނޑުގެ ދުލުންބޭރުވި ބަސްތަކާއެކު ހޯސްލާފައި ލޮލުން ކަރުނަތައް ފައިބައިގަތެވެ. މަހާވެސް އަޅުގަނޑަށް އިތުބާރުކުރާ ގޮތަކަށް ބަލައިލަމުން ބުނެޏެވެ.

"މަންމާއެވެ! ހަދާނީ ކިހިނެއް ހެއްޔެވެ! އަހަރެންނަށް އޮތީ އެކުދިންގާތު އެކުދިންނާ އެހީވާނެކަމުގައި ބުނެ ވަޢުދުވެވިފައެވެ." ބުނާނެވަކި އެއްޗެއް ނޭނގިހުރެ އަޅުގަނޑަށް ބުނެވުނެވެ.

"ދަރިފުޅާއެވެ! ހަދާނެގޮތެއް ނޭނގެއެވެ. މަންމަ މިހުންނަނީ ހަދާނެގޮތް ބޮޑުވެފައެވެ. ފަހަރެއްގައި ބައްޕައަށް ކަމެއްކޮށްދެވިދާނެއެވެ." އަޅުގަނޑު މިހެންބުނުމުން، މަހާގެ އުއްމީދު އައުވެގެންދިޔަކަން އެނގުނެވެ. އުއްމީދުގެ އަލިކަމެއް ލޮލުން ފައުޅު ވިއެވެ.

"އަމާނީގެ ދޫނިތައް ސަލާމަތްކޮށްދިންގޮތަށް ދޯއެވެ!" ވަރަށް އުއްމީދީ ގޮތެއްގައި މަހާ ބުންޏެވެ.

މިމަވްޟޫޢުގައި މަހާއާ ދައްކާނެ މާގިނަ ވާހަކަތަކެއް އަޅުގަނޑުގެ ހިތަކަށް ނައެވެ. މަޑުމަޑުން އިށީނދެލައިގެން އިނީއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަދި ޖަމާޢަތުގައި ހުރި ޙަޤީޤޤަތްތަކާ ހަނގުރާމަކުރާނީ ކިހިނެއްތޯއެވެ ؟  އެކިކޮޅުކޮޅަށް ވިސްނައި ފިކުރުކުރަމުން އެބަގެންދަމެވެ. އަޅުގަނޑުގެ ހަނދާނަށް އައީ 1980 ގެ އަހަރުތަކުގައި ހިނގާފައިވާ ކަމެކެވެ. އެއީ ފިލިޕީންސްގެ ރައީސް އަކީނޯ، 1980 ގެ ފަހުގެ އަހަރުތަކުގެ ތެރޭގައި ނިންމި ނިންމުމެކެވެ. ފިލިޕީންސްގެ ރައީސް ނިންމެވީ، ފިޕިޕީންސްގެ އަންހެނކުދިންނަށް ޑޮމެސްޓިކް ސާރވަންޓުންގެ ގޮތުގައި ސުޢޫދީ ޢަރަބިއްޔާއަށް ދެވިދާނެކަމުގައެވެ. އެކަން ހުއްދަވުމާގުޅިގެން، އެތައް އަންހެން ކުދިންނެއް ސުޢޫދީއަށް އައެވެ. އެހެންނަމަވެސް ފަހުން އެނގުނުގޮތުގައި އެކުދިން ބޭނުންކުރެވެމުންދިޔައީ ގޭތެރޭގެ ކަންކަން ކުރުމަކަށް ނޫނެވެ. ޖިންސީ ގުޅުން ހިންގުމަށެވެ. އެކަން އެނގުނު ހިސާބުން އަނެއްކާ، އަކީނޯ އަނެއް ނިންމެވުން ނިންމެވިއެވެ. އެއީ ފިލިޕީންސްގެ އަންހެންކުދިން،  ސުޢޫދީ ޢަރަބިއްޔާއަށް، އެކަނި ދަތުރުކުރުން މަނާކުރެއްވުމެވެ.

އަކީނޯގެ، އަޅުގަނޑުމެން ލަދުގަންނަންޖެހޭ، އެނިންމެވުމާގުޅިގެން، އަޅުގަނޑުމެންގެ ރަސްގެފާނު ފަހުދުވެސް، އަމިއްލަފުޅަށް ނިންމެވުމެއް ނިންމެވިއެވެ. އެހެނީ، އަކީނޯގެ އެނިންމެވުމުގައި އޮތް ޙަޤީޤަތް ޤަބޫލުކުރަން ސުޢޫދީއަށް ނިސްބަތްވާ ކޮންމެ މީހަކަށްވެސް ޤަބޫލުކުރަން އުނދަގޫ ވާނެއެވެ. ފަހުދު ރަސްގެފާނު ނިންމެވީ، އަކީނޯގެ އެއަމުރަށް ޢަމަލުކޮށްފިނަމަ، ސުޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ، ފިލިޕީންސަށް ނިސްބަތްވާ އަންހެނުންނާއި ފިރިހެނުން، އެޤައުމުގައި މަސައްކަތްކުރުމަކީ މަނާކަމެއް ކަމުގައެވެ. ހަމައެކަނި އަންހެނުން އެކަންޏެއްނޫނެވެ. ފިރިހެނުންވެސް  މެއެވެ.

ފިލިޕީންސްގެ އަންހެނުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އަކީނޯ އެނިންމެވި ނިންމެވުމަކީ ވަރަށް ހިތްވަރުގަދަ ނިންމެވުމެކެވެ. އެހެންނަމަވެސް ދެރައީ އެނިންމެވުމާގުޅިފައި އޮތް އިޤްތިޞާދީ ޙަޤީޤަތެއް، އަކީނޯއަށް ވިސްނިވަޑައިނުގަތުމެވެ. ތެލުގެ މުއްސަނދިކަމުން ފަޚުރުވެރިވާ، މެދުއިރުމަތީގެ ޤައުމުތަކުގައި ފިލިޕީންސްގެ ގިނަޢަދަދެއްގެ ރައްޔިތުން މަސައްކަތް ކުރެއެވެ. އަދި އެމީހުން ފިލިޕީންސަށް ކޮންމެ މަހަކު ވައްދާ، އެތައް މިލިއަން ޑޮލަރެއް އެއީ ފިލިޕީންސްގެ އިޤްތިޞާދުގައި މުހިންމުރޯލެއް އަދާކުރާ އެއްޗެކެވެ.

ޢުމުރުން ވަރަށް ޅަ، އަންހެންކުދިން މިހާރުވެސް ހައުސްމެއިޑުންގެ ގޮތުގައި ފިލިޕީންސުން ސުޢޫދީއަށް އެބަ ގެނެއެވެ. އެކަމަކު އޭގެ ގިނަކުދިން މަސައްކަތްކުރަނީ، އަޅުންގެ ގޮތުގައެވެ. ފިރިހެނުންގެ ޝަހުވަތްތެރިކަން ފުއްދައިދިނުމުގައެވެ. އެއީ ހައުސްމެއިޑުން ކުރަންޖެހޭ މަސައްކަތުގެ އިތުރަށެވެ.

"މަންމާ!" މަހާއަށް ނީނދެވިގެން އަހައިލިއެވެ. އަޅުގަނޑުގެ ސިކުނޑިވެސް ހަމަ އެނބުރެމުން ބުރުޖަހަމުން އެބަދެއެވެ. އެއްވެސް ކޮޅެއްގައެއް ނުޖެހެއެވެ.

"ދަރިފުޅާ! މަންމައަށް މިއިންނަނީ ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ." އަޅުގަނޑު ބުނީމެވެ.

"ބައްޕައަށް ދޫނިތަކެއް މިނިވަންކުރެވުނު އިރު އިންސާނުންތަކެއް މިނިވަން ނުކުރެވެންވީ ސަބަބެއް ނެތެވެ." މަހާ ބުނާނެކަމަށް އަޅުގަނޑު  ހީކޮށްގެންހުރި ބަސް އޭނާގެ އަނގައިން ބޭރުވިއެވެ. ބައްޕަވީ ބޭރަށް ގޮހޭ އަޅުގަނޑު ބުނީމެވެ.

"މަންމާ! އެހެންވީމަ އަހަރެމެން އެތަނަށް ދާން އެބަޖެހެއެއްނޫން ހެއްޔެވެ. އަހަރެމެން ގޮސް، އެކުދިން މިގެޔަށް ގެންނާނީއެވެ. އަދި އަހަރެމެންގެ ޚާދިމުންގެ ގޮތުގައި މިގޭގައި ގެންގުޅޭނީއެވެ." މަހާ ގެ ހިތުގައި އޮތްގޮތް ހާމަކޮށްލިއެވެ.

"ދަރިފުޅާއެވެ! އެއީ ތިބުނާހާ ފަސޭހައިން ކުރެވެން ހުންނަ ކަންކަމެއްނޫނެވެ." އަޅުގަނޑުގެ އަނގައިން މިބަސްތައް ބޭރުވެ ނުނިމެނިސް މަހާ ފުންމައިގެން ކޮޅަށް ތެދުވިއެވެ. މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރު ފައުޅުވިއެވެ. ދޮން ކުއްޖެއްވީމަ ކިރިޔާ ރުޅިއަޔަސް މޫނުގެ ކުލަ ބަދަލުވާނެއެވެ.

"އެހެންވީމަ އަހަރެން އެކަނި ދާނީއެވެ. އަމާނީވެސް އެހެދި ގޮތަށެވެ. އަހަރެން، އެކުދިން މިނިވަންކޮށް ދޫކޮށްލާނަމެވެ." މަހާ އަވަސްއަވަހަށް ބުންޏެވެ. އަޅުގަނޑުގެ ދަރުފުޅު އެހުރީ ގޮތެއް ނިންމައިގެންނެވެ. އެހެންވީމަ އެކަން އެނގިހުރެ، އެހެންގޮތެއް އަޅުގަނޑަކަށް ނޯންނާނެއެވެ.

"އާނއެކެވެ! ދަރިފުޅާއެވެ! އަހަރެމެން ދާނީ އެކީގައެވެ." އަޅުގަނޑު މަހާގެ ބޮލުގައި ފިރުމާލަމުން ބުނީމެވެ. އަދި އަޅުގަނޑުގެ ފިލިޕީންސް ޚާދިމާ ލެތާ އަށް ގޮވައިގެނެސް ކަންކުރަންވީ ގޮތް ކިޔައިދިނީމެވެ. އަމާނީ ހޭލީމަ، ދޫނިތައް އެއީ މިހާރު އޭނާގެ އަމިއްލައެއްޗެކޭ ބުނާށޭ ބުނީމެވެ. އަދި ބޭރަށް ދާވާހަކަވެސް ބުނެ، " ޕެރެޑައިސް ޕެލަސް " އަށްދާން މަހާއާއެކު ގެއިން ނުކުތީމެވެ.

"ޕެރެޑައިސް ޕެލެސް" އަށްގޮސް ހަދާނެގޮތެއް ކުރާނެކަމެއް އެއްގޮތަކަށްވެސް އަދި ނުނިންމަމެވެ. ﷲ އާ ވަކީލެވެ. ކޮންމެގޮތެއްވިޔަސް، މަހާވެސް ބޭނުންވާގޮތަށް، އެކުދިންނާ އެހީވެ އެކުދިން މިނިވަންކޮށް، ސަލާމަތްކޮށްދިނުމަކީ އަޅުގަނޑުވެސް ކުރަން ބޭނުންވާ ކަމެކެވެ. އެތަނަށް ދެވޭތަނުން ކަންހިނގާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ކުރިމަތިވާނީ ކޮންފަދަ މުޞީބާތެއްކަމެއްވެސް ނޭނގެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.