ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެ ގަދަ ފަހަކަށް ބައިވެރިން ހޮވިއްޖެ

ފ.ނިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެ ގަދަ 5 ބައިވެރިން ކަނޑައެޅިއްޖެއެވެ.

ނިލަންދޫ ކުރީގެ ލާރނިންގ ސެންޓަރުގައި ރޭ ކުރިއަށްދިޔަ މުބާރާތުގެ 4 ވަނަ ޕްރޮގްރާމުގައި ގަދަ 5 ބައިވެރިންގެ ގޮތުގައި ހޮވިފައިވަނީ މަމްދޫޙާ ޢަބްދުލް ޢަޒީޒުއާއި، ޒަހާ އިސްމާޢީލް ނަޞީރުއާއި، ޒުހާ ޢަބްދުލް މުއުމިނުއާއި، މަރިޔަމް ނައުހާ ނަސީމުގެ އިތުރުން ރައްޔާ ޙާމިދުއެވެ.

ރަމަޟާންމަހު ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހުގެރޭ ބާއްވަމުން އަންނަ މުބާރާތުގައި ރޭގެ ޕްރޮގްރާމާއެކު މުބާރާތަށް އަލްވަދާޢުކިޔާފައިވަނީ 6 ވަނަ އަށް ހޮވުނު ނަޖުމުއްނިސާ ޙަސަންއާއި 7 ވަނަ އަށް ހޮވުނު މުޞްލިޙު މޫސާއެވެ. ނަޖުމުއްނިސާއަށް ކައުންސިލްގެ ފަރާތުން ދޭ ފައިސާގެ ޢިނާމާއި ރަށްވެހި ގްރޫޕްގެ ފަރާތުން ދޭފައިސާގެ ޢިނާމާއި ތަދުރީސުލް ޤުރުއާނުލް ކަރީމުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމުގެ އިތުރުން ނިހާންއިންވެސްޓްމަންޓުން ސްޕޮންސަރ ކޮށްގެން ކައުންސިލްގެ ފަރާތުންދޭ ޝީލްޑް ޙަވާލު ކޮށްދެއްވީ ރެމޯރާ އިން ގެސްޓްހައުސްގެ ފަރާތުން އަޙުމަދު ޞިބާންއެވެ. 7 ވަނައަށް ހޮވުނު މުޞްލިޙު މޫސާއަށް ކައުންސިލްގެ ފަރާތުން ދޭ ފައިސާގެ ޢިނާމާއި ރަށްވެހި ގްރޫޕްގެ ފަރާތުން ދޭފައިސާގެ ޢިނާމާއި ތަދުރީސުލް ޤުރުއާނުލް ކަރީމުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމުގެ އިތުރުން ނިހާންއިންވެސްޓްމަންޓުން ސްޕޮންސަރ ކޮށްގެން ކައުންސިލްގެ ފަރާތުންދޭ ޝީލްޑް ޙަވާލު ކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ކްލަސްޓަރ މެނޭޖަރ އަޙުމަދު ރައުޝާންއެވެ.

މުބާރާތުގެ ފައިނަލް ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 6 ވާ ހުކުރު ދުވަހުގެ ރޭގައެވެ. ފައިނަލް ޝޯވްގެ ޕްރޮގްރާމު ފަށައިގެން ވަކިހިސާބަކުން މުބާރާތުގެ 4 އަދި 5 ވަނަ ބައިވެރިޔާ މުބާރާތާއި ވަކިވުމަށްފަހު ފައިނަލް ކުރިއަށްދާނީ ގަދަ 3 ބައިވެރިންގެ މެދުގައެވެ. ފައިނަލް ޝޯވ ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ މރ. އެޑްމިރަލް މުޚުތާރުއެވެ.

ނިލަންދޫ ކައުންސިލުން މަޢުލޫމާތުދެއްވާ ގޮތުގައި މުބާރާތް ކުރިއަށް މިގެންދެވެނީ ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. އެގޮތުން މުބާރާތުގެ ފަނޑިޔާރުންނާއި ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދެއްވަމުންގެންދަވާ ޓްރެއިނަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކައުންސިލުން ވަނީ އުފަލާއެކު ފާހަގަ ކޮށްފައެވެ. މީގެ އިތުރުން މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރޭގައި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި، ނިލަންދޫ ސްޕޯރޓްސް ކްލަބާއި ނިލަންދޫ ޑޭލައިޓް ކްލަބާއި، ސްޕޯރޓްސް ކްލަބް ފަހުލަވާންއާއި ފެނަކަ ކޯޕަރޭޝަންއާއި ތަދުރީސުލް ޤުރުއާނުލް ކަރީމްއާއި ނިހާން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޕާކިސްތާން އެމްބަސީގެ އިތުރުން ނިލަންދޫގެ އަމިއްލަ ގިނަ ފަރާތްތަކެއް ހިމެނެއެވެ.

މުބާރާތުގެ 1 ވަނައަށް އަންނަ ފަރާތަކަށް ނިލަންދޫ ކައުންސިލުން 15000ރ. (ފަނަރަހާސް ރުފިޔާ) ހުށަހަޅާފައިވާ އިރު ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ފަރާތުން އަލް ބްރޫޖް ޙައްޖު އެނޑް ޢުމުރާގެ ހެޔޮއެދުންތަކާއެކު ޢުމުރާ ދަތުރެއްވަނީ ހުށަހަޅާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.