މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ފ.ނިލަންދޫގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފުރަތަމަ ދެ މެޗް ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ރޭވަން އެސް.ސީ އިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ނިލަންދޫ ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ގުޅިގެން ކުރިއަށް ގެންދާ ބީއެމްއެލް ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު ބައްދަލު ކުރީ ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ވައިޕާރސް އެފްސީއެވެ. މިމެޗް ފަސޭހަކަމާއެކު 6 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ފަހުލަވާނެވެ. މިމެޗުގައި ފަހުލަވާނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އީޖާޒްއާއި ނަބީލްއާއި ޢަލީމުގެ އިތުރުން ޢާދިލްޢަލީއެވެ. ނަބީލުއާއި ޢާދިލްޢަލީ ވަނީ ކޮންމެ ކުޅުންތެރިޔަކު 2 ލަނޑު ކާމިޔާބުކޮށްފައެވެ. ވައިޕާރސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަޒުހާން ޚަލީލްއެވެ. މެޗްގެ މޮޅުކުންތެރިޔާއަށް އިލާލާގެ ފަރާތުން ހުށަހަޅާފައިވާ ހަދިޔާ ޙަވާލުކޮށްދިނ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ މުއައްސިސް މުޙައްމަދު ޢުމަރުއެވެ. މޮޅުކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ އަޙުމަދު ނަބީލެވެ.
މުބާރާތުގެ ދެ ވަނަ މެޗްގައި އެސްޖީސީއާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު ގިނަބަޔަކު ހީކުރިގޮތާއި ޚިލާފަށް މެޗް 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ރޭވަން އެސްސީއެވެ. އެސްޖީސީގައިތިބި ރަށުގެ ހުނަރުވެރި މޮޅެތި ކުޅުންތެރިންނާއި ދެކޮޅަށް ރޭވަން އެސްސީ ވަނީ ހިތްވަރުގަދަ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ފުރަތަމަ ލަނޑު ރޭވަން އެސްސީގެ އަނީސް ކާމިޔާބުކޮށްފައިވަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އެސްޖީސީއަށް ނަތީޖާ ހަމަކޮށްދިނީ އަޙުމަދު ރިޒުވާންއެވެ.
ދެވަނަ ހާފްގައި ރޭވަން އެސްސީގެ އަޙުމަދު އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑުން ރޭވަން މޮޅުވާން ދަނިކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށްވެފައި ވަނިކޮށް އެސްޖީސީއަށް އެއްވަރުކޮށްދިނީ އަކުރަމް އިސްމާޢިލްއެވެ. އަކުރަމްގެ ލަނޑާއެކު މެޗް ނިމިދާނެކަމަށް ހީކޮށްގެން ތިއްބާ ރޭވަންގެ މޫސާ ނަޢީމުވަނީ އެސްޖީސީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ރޭވަން އެސްސީގެ ތިން ވަނަ ލަނޑުޖަހާ 3 ޕޮއިންޓް ރޭވަން އެސްސީއަށް ކަށަވަރުކޮށްދީފައެވެ.
މިމެޗްގެވެސް މޮޅުކުޅުންތެރިޔާއަށްއަށް ޢިނާމު ޙަވާލުކޮށްދެއްވީ މުޙައްމަދު ޢުމަރެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޭވަން އެސްސީގެ އަޙުމަދު އިބްރާހިމްއެވެ.
މިއީ ރަށްވެހި ގްރޫޕުން އަހރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދާ ސިލްސިލާ މުބާރާތްތަކުގެ ތެރެއިން ހަމައެކަނި ނިލަންދޫ ރަށްވެހިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ބީއެމްއެލްއިން ސްޕޮންސަރ ކޮށްފައިވާ މިމުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފ. ނިލަންދޫ އާސްތާނާ އަޙުމަދު ރަޝީދެވެ. މިރަސްމިއްޔާތުގައި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ކްލަބް ޖަމްޢިއްޔާ ތަކުގެ ހިންގުންތެރިން ބައިވެރިވަޑައިގެންނެވިއެވެ.
ޢީދު ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަަށް ކުރިއަށްގެންދާ މިމުބާރާތުގައި 6 ޓީމެއް ވާދަކުރާއިރު މުބާރާތުގެ ދެ މެޗެއް މިއަދުވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ.