މުސްލިމުން އަޅުކަންކުރަނީ، ރަމަޟާން މަހަކަށް ނޫން

މިއީ ބައެއް ބޭފުޅުން އިޢުތިރާޟު ކުރައްވައިފާނެ ޢުންވާނެކެވެ. ނަމަވެސް ތިރީގައިވާ ފޮޅުވަތްތައް ވިދާޅުވެ ލެއްވުމުން، އެ އިޢުތިރާޟު ކުރައްވަން ޖެހޭނެކަމަކަށް ނުފެނެއެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި، ރަމަޟާން މަހަށް ނިސްބަތްކޮށް މީސްތަކުން ތިން ބައަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: ރަމަޟާން މަސް އައުމުގެ ކުރިންވެސް، اللَّهُ އަށް ކިޔަމަންތެރި، ހެޔޮޢަމަލުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭ މީހުންނެވެ. ރަމަޟާން މަސް އައުމުން، އެބައިމީހުންގެ ކިޔަމަންތެރިކަމާއި ހެޔޮޢަމަލުތައް އިތުރުވެގެން ދެއެވެ. ރަމަޟާން މަސް ނިމިދާ ހިނދު، އެފަދަ މީހުންގެ ނަފުސު اللَّهُ އަށް ބިރުވެރިވުމާއި، އީމާންކަމުން އުއްތިވެގެންދެއެވެ. އެފަދަ މީހުންގެ ޢަމަލުތައް އިހުނަށްވުރެ ފުރިހަމަވެގެންދެއެވެ.

ދެވަނަބަޔަކީ: ރަމަޟާން މަސް އައުމުގެކުރިން، ޣާފިލުކަމާއި ކަންނެތްކަމުގައި اللَّهُ ހަނދުމަނައްތާލައި، ކުޅިވަރާއި މަޖަލުގައި ޢުމުރުގެ ދުވަސްތައް ނަގައިލަމުންދިޔަ ބަޔެކެވެ. ރަމަޟާން މަސް އައުމުން، އެފަދަ މީހުން ކިޔަމަންތެރިކަމާއި އަޅުކަމުގެ މައިދާނަށް ނުކުމެ، ފުރިހަމަގޮތުގައި اللَّهُ އަށް ކިޔަމަންތެރިވާ އަޅުތަކުންނާ ކޮނޑާ ކޮނޑު ހަމަކޮށް ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމާއި، ޞަދަޤާތްކުރުމާއި، اللَّهُ އަށް ބިރުވެތިވެ، ލޯތަކުން ކަރުނަ އޮހޮރުވުމުގައި ވަގުތުތައް ހޭދަކުރުމަށްފަހު، ރަމަޟާންމަސް ނިމިދިޔުމާއެކު اللَّهُ ހަނދުމަނައްތާލައި، އެބައިމީހުންގެ ކުރީގެ ދިރިއުޅުމަށް އެނބުރިދާ މީހުންނެވެ. އެފަދަ މީހުންނަށް ބުނަންޖެހެނީ، ތިޔަބައިމީހުންނީ ރަމަޟާންމަހަށް އަޅުކަންކުރާ ބައަކު ފަދައެވެ. ތިޔަބައިމީހުންގެ އިލާހު ނެތިދިޔައީއެވެ. ނަމަވެސް اللَّهُ އަށް އަޅުކަންކުރާ މީހާ ދަންނާށެވެ! ހަމަކަށަވަރުން، اللَّهُ އީ ދިރިދެމިވޮޑިގެންވާ އަވަހާރަވުމެއްނުވާ، ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ.

ތިންވަނަބަޔަކީ: ރަމަޟާންމަސް އައިސް، އެ މަސް ނިމިދާއިރުވެސް، އެބައިމީހުންގެ ނިދީން ހޭނުލައި، ޣާފިލުކަމާއި ފާފައިގެ ދުނިޔޭގައި ޣަރަޤުވެފައިތިބޭ މީހުންނެވެ. މީސްތަކުންނަށް اللَّهُ  ހުޅުއްވައިދެއްވާ ރަޙުމަތާއި، ދިންނެވުމާއި، ފާފަފުއްސެވުމުގެ ދޮރުކޮޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށް ފަސްޖެހިފައިތިބޭ މީހުންނެވެ. ބައެއް ޙާލަތުގައި އެފަދަ މީހުންގެ ނުރަނގަޅު ޢަމަލުތައް ރަމަޟާންމަހާއެކު އިތުރުވެގެން ދެއެވެ. އެއްވެސް މަންފާއެއްނެތް ބޭކާރު ކަންކަމުގައި ރޭގަނޑުގެ ހަތަރުދަން ހޭދަކުރުމަށްފަހު، اللَّهُ ގެ ނިޢުމަތުން ބަނޑު ފުރައިގެން ދުވާލު ހަތަރުދަމު ނިދުމާއި، ނިދީން ހޭލައިފިނަމަ އެބައިމީހުންގެ އަތާއި ފަޔާއި ދުލުން ފާފަތަކަށް އަރައިގަތުންނޫން ކަމެއް ނުކުރާ މީހުންނެވެ. މިފަދަ މީހުންގެ ދިރިއުޅުމަކީ ޖަނަވާރުންނަށްވުރެ ދަށުދަރަޖައިގެ ދިރިއުޅުމެކެވެ.

މިފަދަ މީހުން ސިފަކުރައްވައި، اللَّهُ ވަޙީކުރައްވާފައިވެއެވެ. {وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنَ الْجِنِّ وَالْإِنْسِ لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَا يَسْمَعُونَ بِهَا أُولَئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ أُولَئِكَ هُمُ الْغَافِلُونَ} (1)   މާނައީ: {ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (ޙައްޤުގޮތް)  ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤުމަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤުއަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ.}

ޝައްކެއްނެތެވެ. އިންސާނުންނަކީ، اللَّهُ ގެ މަޚްލޫޤުންކުރެ ބުއްދިއާއި، ވިސްނުންދެއްވައި މާތްކުރައްވާފައިވާ ބަޔެކެވެ. ވަކިން ޚާއްޞަކޮށް، މުސްލިމުންނަކީ، اللَّهُގެ ހިދާޔަތުގެ ތެދުމަގު ދައްކަވާފައިވާ މީހުންނެވެ. އެހެންކަމާއެކު، ތިމާމެންނަށް ކުރެވިފައިވާ އަދި ކުރެވެމުންދާ ނުރަނގަޅު ކަންތައްތަކުން އެއްކިބާވެ، اللَّهُގެ ސީދާ ތެދުމަގަށް ރުޖޫޢަވުމަކީ، އެބައިމީހުންނަށް ލާޒިމުވެގެންވާ ކަމެކެވެ. އެހެނަސް އެއީ، އެހެން ބަޔަކު އިސްނަގައިގެން ވެވޭނެ ކަމެއްނޫނެވެ. ޚުދު ތިމާމެން އަމިއްލައަށް ދިރިއުޅުން ބަދަލުކުރުމުންމެނުވީ، اللَّهُ ވެސް އެ ކަމަށް ތައުފީޤު ދެއްވުމެއް ނުވެއެވެ.

މިކަން ބަޔާންކުރައްވައި، اللَّهُ ވަޙީކުރައްވާފައިވެއެވެ. {إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُوا مَا بِأَنْفُسِهِمْ} (2) މާނައީ: {ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّهُ، އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ.}

ކަންމިހެން ހުރުމާއެކު، މި މަތިވެރި މޫސުން ތިމާމެންނާ ވަކިވެ، އަލްވަދާޢު ކިޔާހިނދު، މި މައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، اللَّهُގެ ރަޙުމަތާއި، ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުން ލިބިގެންވާ ބަޔަކު ކަމުގައި ވުމަށް ގަދައަޅައި މަސައްކަތްކުރުން ހުށްޓެވެ.

މާތް اللَّهُ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން!  

ޔާ اللهُ، އަޅަމެންނަށް ކުރިމަތިވެފައިމިވާ މި ނުރައްކާތެރި ކޮރޯނާ ވަބާއާއި، އެ ކަމާ ގުޅިގެން މެދުވެރިވަމުންދާ އެންމެހައި ގެއްލުންތަކުން މުސްލިމުންނާއި، އެންމެހައި މީސްތަކުން ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާނދޭވެ! ދެބަސްވުންތަކާއި ފިތުނަވެރިކަމުގެ ގެއްލުންތަކުން މުސްލިމުން ސަލާމަތްކުރައްވާނދޭވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ މާތްވެގެންވާ އިސްލާމްދީނަށް ގަދަކަންދެއްވައި، ދީނުގެ ޢަދުއްވުންގެ މަކަރުވެރި ރޭވުންތަކުން އިސްލާމްދީނާއި މުސްލިމުން ސަލާމަތްކުރައްވައި، އިސްލާމްދީން ނަޞްރުވެރި ކުރައްވައި މަތިވެރިކުރައްވާނދޭވެ! އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާމަގަށް ތައުފީޤުދެއްވައި އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވާނދޭވެ! އާމީން!!

_____________________

ޙަވާލާތައް

(1) (سورة الأعراف: 179)

(2) (سورة الرعد: 11)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.