(29 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)
"މުއުމިނެއްގެ ގަޔަށް، އެއްހަރަކުން ދެފަހަރަކަށް ކައްޓެއް ނުޖަހާނެއެވެ." ކަރީމް އޭނާގެ ޕޮއިންޓް ސާފުކޮށްދޭން މަސައްކަތްކުރިއެވެ. ކަރީމް ކޮޅަށް ތެދުވިއެވެ. އަދި އޭނާގެ މޫނުމަތި ސާފުކޮށްފައި ބުންޏެވެ.
"ސުލްޠާނާއެވެ! އަހަރެމެން ގުޅުން އުފައްދައި، ގާތްކަން ބަހައްޓަންވީ މީސްމީހުން ސާފުވާން އެބަޖެހެއެވެ. ފަޟްލުކަހަލަ މީސްމީހުންނާ ގުޅުން ބާއްވައިގެން ގެއްލުމެއްނޫނީ ނުލިބޭނެއެވެ. ޙަނާންއާއި މުޙައްމަދު ގާތަށް ގޮސްލަން އަހަރެން އެބަ ހިތަށް އަރައެވެ. ސުލްޠާނާ އަންނާނަން ހެއްޔެވެ."
"ޝުކުރިއްޔާއެވެ! އެކަމަކު ނޫނެކެވެ. އަހަރެންނަށް ހީވަނީ ކުދިންގާތު މަޑުކޮށްލަން މިއަދު އަހަރެން ހުންނާނީ ހެންނެވެ. އެކަމަކު އެމީހުންނަށް އަހަރެން ގަނެދީފައިހުރި ޢީދު ހަދިޔާ ގެންދަން ހަނދާން ނައްތައި ނުލައްޗެވެ."
ޙަނާނަކީ އަޅުގަނޑު ވަރަށް ލޯބިވާ ކުއްޖެކެވެ. އެއީ ކަރީމްގެ އެންމެ ހަގު ކޮއްކޮއެވެ. ކަރީމުގެ މަންމަނޫން އެހެންހުރިހައި މީހުންނަކީވެސް އަޅުގަނޑު ވަރަށް ގަޔާވާ އަދި ގާތްގުޅުމެއް ބާއްވާ ބަޔެކެވެ. އެމީހުންނާ ބައްދަލުކޮށްލަން ދެވިއްޖިއްޔާ ވަރަށް އުފައުވެއެވެ. ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު، ކަރީމްމެންގެ ޢާއިލާފަދަ ޢާއިލާއަކާ ގުޅުނުކަން އެއީ ސުލްޠާނާއަށް ލިބުނު ނަޞީބެއްކަމުގައި އޭނާ ބަލައެވެ.
ކަރީމް ގެއިން ނައްޓާލައިފިއެވެ. އަޅުގަނޑުވެސް، ފެންވަރާލައިގެން، އަމާނީއަށް އޭނާގެ ބައްޕަގެ އުފައުވެރި ނިންމުމުގެ ޚަބަރު ދިނުމަށްޓަކައި އަމާނީގާތަށް ދާން ކޮޓަރިން ނުކުތެވެ. އަމާނީ އޭރުވެސް އޮތީ، އޭނާގެ ތަންމަތީގައި ގަދަޔަށް ނިދާފައެވެ. އިއްޔެއަކީ އަމާނީއަށް ވަރަށް ކަންތައްގަނޑު ބޮޑުކޮށްދިޔަ ދުވަހެކެވެ. ނިދާލާފައި އޮތް ލޯބިގޮތުން އިތުރަށް އޭނާއަށް އުނދަގޫކުރާކަށް އަޅުގަނޑު ބޭނުމެއް ނުވިއެވެ. ނިތްކުރީގައި ބޮސްދީފައި، އަމާނީ ނިދަން ބާއްވާފައި، މަހާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ.
އަމާނީގެ މައްސަލަ އެއްފަރާތްކޮށްލެވޭވަރަށް އެއޮތީ ހަމަޖެހުމަކަށް އައިސްފައެވެ. އެހެނަސް، މަހާ އެދައްކާ ބިރުވެރި ވާހަކައިގެ އަޞްލަށް ރުޖޫޢަވެ އެކަން ހަމަޖެއްސުމަކީވެސް އަޅުގަނޑުގެ ޒިންމާއެކެވެ. އަޅުގަނޑަކީ، "ޗެމްޕިއަން އޮފް ވިމެންސް ރައިޓްސް" ގެ ނަމުން މުޚާޠަބުކުރެވޭ މީހަކަށްވާތީ، ބޮލުގައި އެޅިފައިވާ ޒިންމާ ވަކިން ބޮޑެވެ.
މަހާ އުޅެނީ ތެދުވެއެވެ. ފެންވަރާލައިގެންރީތިވެލަނީއެވެ. މިއުޒިކްގެ އެއްވެސް އަޑެއް ނީވެއެވެ. އެއީ އަޅުގަނޑު ޙައިރާންވި ކަމެކެވެ. އެހެންނޫނީ އޮޅިގެންވެސް މަހާގެ ކޮޓަރިއާ ހަމަޔަށް އާދެވޭއިރު ބާރަށް ޖަހަމުންދާ މިއުޒިކްގެ އަޑު އިވޭނެއެވެ. އަޅުގަނޑާ މަހާއާ ދެމައިންގެ ލޯސީދާވީ، އޭނާ ރީތިވާ ލޯގަނޑުގެ ހިޔަންޏާ އެކުގައެވެ. އޭނާ އިސްއުފުލައިލިއިރު އަޅުގަނޑަށްވެސް ލޯގަނޑަށް ބަލައިލެވުނެވެ. ކުރީ ދުވަހު އައިސްހުރި ރުޅިގަނޑުގެ އަސަރު، އަދިވެސް އެ ލޯބި ދެލޮލުން ފައުޅުވާން އެބަހުއްޓެވެ.
"އެ ދޫނިތަކަށް ވީ ކހިނެއް ހެއްޔެވެ؟" ޔަޤީންކުރުމުގެ ގޮތުން މަހާ އަހައިލިއެވެ. މަހާގެ ބައްޕަ އެކަން ހަމަޖައްސައިފިއޭ އަޅުގަނޑު ބުނީމެވެ. "އެ ދޫނިތައް އެއީ މިހާރު އަމާނީގެ މިލްކެކެވެ." އަޅުގަނޑުވެސް ވަރަށް ޔަޤީންކަމާއެކު ބުނީމެވެ. މަހާގެ ނިތްކުރިޔަށް ރޫތަކެއް އެރިއެވެ. އަދި ބުންޏެވެ.
"ބައްޕަ އެކަން ހަމަޖެއްސީ ކިހިނެއް ހެއްޔެވެ؟"
"މަހާގެ ބައްޕަ، އެދޫނިތަކުގެ ބަދަލުގައި ފަޟުލަށް އެހެން އެއްޗެއް ހުށަހެޅީއެވެ."
މަހާގެ ތުން ފިއްތައިލިއެވެ. އަދި ބުންޏެވެ.
"ކޮންމެ ގޮތެއްވިޔަސް، މަރުވެފައިވާ ދޫނިތަކުގެ ޖަނާޒާގައި އަހަރެން ބައިވެރިއެއް ނުވާނަމެވެ. މަންމާއެވެ! އަހަރެން މިހެން މިބުނީ އެކަން ގަސްތު ކޮށްގެންނެވެ." ގޮތް ދޫނުކުރާ ރާގެއްގައި މަހާ ބުންޏެވެ.
އަޅުގަނޑު، މަހާގެ ކޮނޑުގައި އަތް ބާއްވައިލީމެވެ. އަދި ލޯގަނޑުން ފެންނަ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނީމެވެ.
"މަހާ ބޭނުންވަނީ އެގޮތްކަމަށްވާނަމަ އެއީ މައްސަލައެއްނޫނެވެ." މަހާގެ ކޮނޑުގައި ބާއްވާފައިވާ އަޅުގަނޑުގެ އަތް، ކޮނޑު ތަޅުވާލައިފަ ދުރުކޮށްލިއެވެ. އެއީ، އެއްވެސް މައްސަލައެއްނޫނެވެ. މަހާގެ ވިސްނުމާއި ޚިޔާލާތާއި ފިކުރު ހުންނާނެގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ.
"ދަރިފުޅާއެވެ! އިއްޔެ ހިނގާފައިވާ ކަންތައްތަކަށް މަޢާފުކުރާށެވެ! ހަމަ ރަނގަޅަށެވެ. ކޮއްކޮއާ މުޚާޠަބުކޮށް ދަރިފުޅު ބޭނުންކުރި ބަސްތަކުން މަންމައަށް ރުޅިއިސްކުރެވުނީއެވެ. އަމާނީއަށް ކަމެއްވީނަމަ، ދަރިފުޅު ބޭނުންކުރި ބަސްތަކަށްޓަކައި ދަރިފުޅުވެސް އަބަދަށް ހިތާމަކުރާނެއެވެ." އަޅުގަނޑުގެ ބަސްތަކުން މަހާއަށް އަސަރުކޮށްފިއެވެ. މަހާ ހިނިތުންވެލިއެވެ. އަދި ހީލަމުން ބުންޏެވެ. "މަންމަ ތިބުނީ ރަނގަޅަށެވެ." އިށީނދެއިން ގޮނޑި އަޅުގަނޑާ ދިމާއަށް އަނބުރާލައި އަޅުގަނޑާ ކުރިމަތިލިއެވެ.
"އެގޭގަ ބަންދުކޮށްގެން އެއުޅޭ ކުދިންނަށް ހަދާނީ ކިހިނެއް ހެއްޔެވެ ؟ އެކުދިން އެއަނިޔާއިން ސަލާމަތްކުރާނީ ކިހިނެއް ހެއްޔެވެ؟" އަޅުގަނޑު ފުންކޮށް ވިސްނައިލީމެވެ. އަޅުގަނޑަކީވެސް އެއްދުވަސްވަރެއްގައި، އެހީއަށް ބޭނުންވާ ކޮންމެ އަންހެނަކަށް އެހީތެރިވުމަށް ނިޔަތްގަނެ، އަދި އެހީތެރިވަމުން އައި މީހަކީމެވެ. އެހެންނަމަވެސް، އަޅުގަނޑުގެ އެމަސައްކަތުން އަޅުގަނޑަށް ދަސްވި ފިލާވަޅަކީ، ސުޢޫދީގައި އެކަހަލަ މަސައްކަތަކުން ނަތީޖާއެއް ނުނެރެވޭ ކަމެވެ. ކުރަން އުޅޭ ކޮންމެ ކަމެއް އޮންނަނީ ފެއިލްވެފައެވެ. މަހާގެ އެނދުގައި ދެމައިންގޮސް އިށީނދުމުގެކުރިން، މަހާގެ ބުރަކަށީގައި ވަރަށް ލޯބިން ފިރުމައިލީމެވެ.
"ދަރިފުޅާއެވެ! އެ އަންހެންކުދިންގެ ވާހަކަ ކިޔައިދޭށެވެ. އެކުދިންގެކަންތައްވެސް އަހަރެމެން ހަމަޖައްސާނީއެވެ. އެކުދިންނާބެހޭ ކަންތައްތައް ދަރިފުޅަށް އެނގުނީ ކިހިނެއް ހެއްޔެވެ؟" މަހާ، އަޅުގަނޑާ ކުރިމަތިލައި، އޭނާގެ ވާހަކަ ތަރުތީބުކޮށް ކިޔައިދޭން ފެށީ، ވަރަށް ވިސްނައިގެން އިނދެއެވެ. އެއްވެސް ކަމެއް ހަނދާން ނެތިދާނެތީއެވެ.
"މަންމާއެވެ! އަހަރެން ހުރިހައި ވާހަކައެއް ކިޔައިދޭނަމެވެ. އަހަރެން އެ ބިރުވެރި ގޭގެ ފާޚާނާއިން ނުކުމެގެން އައީމެވެ. ނުކުމެގެން އައި އިރު ލައިލާ އެއްވެސް ތާކުން ފެންނާކަށް ނެތެވެ. އަހަރެންނަކަށް ބަގީޗާ ތެރެޔަށް ނުކުންނާކަށްވެސް ނޭނގުނެވެ. އެކަމަކު ބޭރަށް ނުކުމެ، މަންމަ ފެނޭތޯ ބެލީމެވެ. އެހެން އުޅެނިކޮށް އަހަރެންނަށް މަގުއޮޅި ދެވޭ ނުދެވޭތަނެއް ނޭނގުނީއެވެ. އެންމެފަހުން އަސްތައް ބައިތިއްބާފަހުރިތަނަށް ދާންއޮންނަ މަގު ފެނުނެވެ. މަންމަމެން އުޅޭނީ އެހިސާބުން ކޮންމެވެސް ތަނެއްގައިކަމަށް ބަލާފައި ހިނގައިގަތީއެވެ." އެހިސާބުން އަޅުގަނޑުގެ އަތުގައި މަހާ ބާރަށް ހިފައިލިއެވެ.
"މަންމާއެވެ! ފަޟްލު ބޭބެ އެއްވެސް އަހެއް ނުގެންގުޅެއެވެ. އަސްތަކަށް ދީފައޮތް ނިޝާނުން މަގުދައްކައިދިނީ އެހެން ތަނަކަށެވެ. އެތަނުގައި ތިބީ، ރީތި ޅަ އަންހެންކުދިންތަކެކެވެ." އަޅުގަނޑު ޙައިރާންވިއެވެ. އަހުގެ ނިޝާން ދައްކާފައި އެވަނީ އޮޅުވާލަންވެގެންތާއެވެ!
"ފަހަރެއްގައި އެކުދިންނަށް އެކުދިންގެ ހަށިވިއްކުންނޫން އެހެންކަމެއްގެ މިނިވަންކަން ނެތީއެވެ. ޢާންމުގޮތެއްގައި ފަޤީރު ޤައުމުތަކުގައި ދިރިއުޅޭ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް އެނޫންގޮތެއް ނޯވެއެވެ." އަޅުގަނޑަށް ބުނެވުނެވެ.
"ނޫނެކެވެ! މަންމާއެވެ! އެތަނުން އެތައް އަންހެންކުދިންނެއް އަހަރެންގެ ދެފައިގާ ހިފާފައި އެކުދިން ސަލާމަތްކޮށްދިނުން އެދި އާދޭސް ކުރިއެވެ. އޭގެ ތެރޭގައި ބާރަ ތޭރަ އަހަރުނުވާ ކުދިންވެސް ތިއްބެވެ." މަހާ ގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. އަޅުގަނޑަށްވެސް ބޭއިޚްތިޔާރުގައި ރޮއެގަނެވުނެވެ. އަދި މަހާ އެކުދިންގާތު ބުނީ ކީކޭތޯ ސުއާލުކުރީމެވެ.
"އަހަރެންބުނީ، އަހަރެން ވަރަށް އަވަހަށް އެނބުރި އެކުދިންގާތަށް އަންނާނެވާހަކައެވެ. އަދި މަންމަވެސް ގެންނާނެވާހަކަ ބުނީމެވެ. އެކުދިން ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭކަމެއް މަންމައަށް އެނގޭނެވާހަކަވެސް ބުނީމެވެ."
(ނުނިމޭ)