ކިތަންމެ މުހިއްމު ވަގުތެއްގައިވެސް، އެ ވަގުތުގެ މަތިވެރިކަމާއި މުހިއްމުކަން ހަނދާންނައްތާލައި، ކުޅިވަރު ކުޅުމާއި މަޖާކުރުމަކީ، ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ. މިސާލަކަށް ހުކުރުދުވަހު އިމާމާ ހުކުރު ޚުޠުބާ ކިޔަމުންދާ ހިނދުގައިވެސް އެއްބައަކު ޢާއްމު ދުންޔަވީ ވާހަކަދެއްކުމާއި، ހީނސަމާސާ ކުރުމުގައި އެ ވަގުތުގެ މުހިއްމުކަން ހަނދާންނައްތާލައެވެ. ހަމައެފަދައިން ބައެއް މީހުން ރަމަޟާންމަހަކީ ކިހާ މުހިއްމު މަތިވެރި މައްސަރެއްކަން ހަނދާންނައްތާލައި، އެ މައްސަރުގެ ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ޢާއްމު މައްސަރުތަކާ ޚިލާފަށް ކުޅިވަރާއި މަޖަލުގެ ޙަރަކާތްތަކުގައި ބައިވެރިވެ ހަދައެވެ.
ޙަޤީޤަތަކީ، މިފަދަ މިފަދަ މުހިއްމު މަތިވެރި ވަގުތުތަކުގެ މަތިވެރިކަމާއި، އެ ވަގުތުތަކުގެ މުހިއްމުކަން އެއްވެސް މީހަކަށް ފުރިހަމައަށް ގަބޫލުކުރެވި ވަޒަންކުރެވޭނަމަ، އެފަދަ ބޭކާރު ކަންކަމުގައި އެ ވަގުތުތައް ނަގައިނުލާނެ ކަމުގައިވުމެވެ.
ކަނޑައެޅިގެން ރަމަޟާންމަހާ ގުޅުންހުރި ޙަދީޘެއްކަމުގައި ނުވިނަމަވެސް، ބޭކާރުގޮތުގައި ވަގުތުތައް ނަގައިލުމުގެ ގެއްލުން ހާމަކުރައްވައި، ރަސޫލު اللَّهِ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއް އެ ދެބަފައިކަލުންނަށް اللهُ ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން ޢަބްދު اللَّهِ ގެފާނުގެ އަރިހުން އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. عَنِ ابْنِ عَبَّاسٍ رَضِىَ اللهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيهِ وَسَلَّمَ: {نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَّةُ وَالْفَرَاغُ.} (رَوَاهُ البُخَارِيُّ) (1) މާނައީ: [އެ ދެބަފައިކަލުންނަށް اللهُ ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން ޢަބްދު اللَّهِ ގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {މީސްތަކުން އެއާމެދު ކަންފަސޭހަކޮށް ފަރުވާކުޑަކޮށްލާ ދެ ނިޢުމަތެއްވެއެވެ. އެއީ، ޞިއްޙަތު ސަލާމަތުންވުމާއި، ހުސްވަގުތު ލިބިގެންވުމެވެ.}
އަޅުކަމުގެ ކަންތައްތައް ފުރިހަމަކުރުން ކަމުގައިވިއަސް، ދުންޔަވީ އެކިއެކި މުޢާމަލާތުތައް ކަމުގައިވިއަސް އެއިން ކޮންމެ ކަމެއް، އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރެވުންވަނީ، މި ޙަދީޘުގައި ބަޔާންކުރައްވާފައިވާ ދެ ކަންތަކާ ގުޅިފައެވެ. ސަލާމަތް ޞިއްޙަތެއްގައި ވުމާއި، ކަންކަމުގައި މަޝްޣޫލުވެ ހުސްވަގުތެއް ނުލިބިގެން އުޅެން ޖެހިފައި ނުވުމުގައެވެ.
ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ އިލާހީ، އިޞްލާޙީ މޫސުމެކެވެ. އެއީ، އިންސާނުންގެ ނަފުސުތައް އިޞްލާޙުކޮށް ސީދާމަގުގައި ސާބިތުކުރުވުމަށް މެދުވެރިކުރައްވާފައިވާ ތަމްރީނު ޕްރޮގްރާމެއްފަދަ ކަމެކެވެ. މި ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރެވުން ވަނީ، އެކަމަށް ކުރިމަތިލާ މީހަކީ، ސަލާމަތް ޞިއްޙަތެއްގައިވާ، އަދި އެ ޕްރޮގްރާމުގައި ހިމެނިގެންވާ ކަންތައްތައް ފުރިހަމަކުރުމަށް ވަގުތު ލިބިގެންވާ މީހަކުކަމުގައި ވުމުގައެވެ.
މިއަދުގެ ދުނިޔޭގައި ވަގުތުގެ ޙުރުމަތްތެރިކަމަށް ފަރުވާކުޑަކުރާ މީހުން އުޅޭފަދައިން، އިސްވެދިޔަ ޒަމާނުގައި ވެސް މަދުންނަމަވެސް އެފަދަ މީހުން އުޅެފައިވެއެވެ. ތިރީގައި އެވަނީ، އެފަދަ ބަޔެއްގެކިބައިން މެދުވެރިވި ކަމަކާގުޅިގެން، އިސްލާމީ އުއްމަތް ދެކެފައިވާ އަޅުވެރި، ޒުހުދުވެރި، މަތިވެރި ޢާލިމުންކުރެ ބޭކަލަކު ކަމުގައިވާ، އަލްއިމާމު އަލްޙަސަނުލް ބަޞަރީ ރަޙިމަހު اللهُ، އެ ބަޔަކާ މުޚާޠަބުކުރައްވައި ވިދާޅުވެފައިވާ ނަސޭހަތުގެ ބަސްފުޅެކެވެ.
އަލްޙަސަނުލްބަޞަރީއަކީ ތާބިޢީބޭކަލުންކުރެ އަރާހުންނެވި އެންމެ މަތީފަންތީގެ ޢިލްމުވެރި ބޭކަލެކެވެ. އިލްމުވެރިކަމާއި، އަޅުވެރިކަމުގައި މަޝްހޫރު ބޭކަލެއްމެއެވެ. ރަމަޟާންމަސް ނިމި، ފިޠުރު ޢީދު ދުވަހެއްގެ ފަތިސް ނަމާދަށްފަހު، ޒުވާން ކުދިބަޔަކު އެއްބަޔަކު އަނެއްބަޔަކަށް ހަށަވާދަކޮށް، ހީނސަމާސާކޮށް ސަކަރާތް ޖަހަނިކޮށް، އެ ކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އެ ހިނދު އެ ކަލޭގެފާނު ވިދާޅުވިއެވެ.
[އޭ އަހަރެންގެ ޤައުމުގެ ޒުވާނުންނޭވެ! ހަމަކަށަވަރުން، اللهُ ތަޢާލާ ރަމަޟާންމަސް ލައްވާފައިވަނީ، އެކަލާނގެ އަޅުތަކުން ކުރިއަރައިދިޔުމުގެ މައިދާނެއް ކަމުގައެވެ. އެކަލާނގެއަށް ކިޔަމަންގެން، އެކަލާނގެ ރަޙުމަތާއި ދިންނެވުން ލިބިގަތުމުގެ ސަބަބެއް ކަމުގައެވެ. ހުރިހާ ބާވަތެއްގެ ނުބައިނުލަފާ، ވިޔާނުދާ ކަންކަމުން އަޅުތަކުން އެއްކިބާވެ ތިބެ، ހެޔޮ ޢަމަލުތައްކޮށް، ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބިގަތުމަށްވާ މޫސުމެއްކަމުގައެވެ. ފަހެ، އެ މަގުގައި ބަޔަކުމީހުންވަނީ، ކުރިއަރައިގޮސް، ކާމިޔާބު ލިބިގެންފައެވެ. އަދި އެ މަގަށް ފުރަގަސްދީ ބަޔަކު މީހުންވަނީ އަބާއްޖަވެރީން ކަމުގައިވެފައެވެ.
ކަމަކާމެދު ހައިރާންވުން ޙައްޤުވެގެންވަނީނަމަ، ހައިރާންވުން ޙައްޤުވެގެންވަނީ، اللهُ އަށް ކިޔަމަންގެން ކާމިޔާބު ލިބިގެން މީހުންނަށް، އިނާމުތައް ބައްސަވާ، އަދި އަބާއްޖަވެރިވީ މީސްތަކުން ހަލާކަށް ހުށަހެޅެމުންދާ ދުވަހެއްގައި، ޣާފިލުކަމާއި، ބިރުވެތިނުވުން ކުރިޔަށްނެރެ، اللهُ އަށް ބިރުވެތިވުމެއް، ތިމާމެންގެ އަމިއްލަ ޙާލަތާމެދުގައި ޖެހިލުންވުމެއްނެތި ހީނސަމާސާކުރާ ބަޔަކާމެދުގައެވެ.
اللهُ ގަންދީ ބުނަމެވެ. ލޯމަތީގައިވާ ފަރުދާތައް ކަޝްފުކުރައްވައިފިނަމަ، اللهُ އަށް ކިޔަމަންގެން އިޙްސާންތެރިވި މީސްތަކުން އެބައިމީހުންނަށްވެވުނު އިޙްސާންތެރިކަން ކުޑަކަމުގައިދެކެ، އަދި اللهُ އަށް ނުކިޔަމަންތެރިވެ އުރެދުންތައް އިސްކުޅަ މީހުން، އެބައިމީހުންނަށް ކުރެވިފައިވާ ކަންތަކާމެދު ޖެހިލުންވުމާއެކު ބިރުވެތިވެ، މިފަދަ ދުވަހެއްގައި އާހެދުމެއްލައި، ޒީނަތްތެރިވުމާމެދު ސަހަރޯވެރިނުވެ ނުދާނެތެވެ.
اللهُ ގެ ޙަޟުރަތުން ތިޔަބައިމީހުން ދަރުމައާއި ސަވާބަށްއެދި ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތަކުގައި ކޮށްއުޅުނު ޢަމަލުތަކަކީ އެކަލާނގެ ޙަޟުރަތުގައި ޤަބޫލުކުރެއްވިގެންވާ ކަމެއްކަން ތިޔަބައިމީހުންނަށް އެނގި ކަށަވަރުވެފައި ވާނަމަ، ދަންނާށެވެ! ތިޔައީ، ޝުކުރުވެރިވާ އަޅުތަކުން ކަންކުރާނެ ގޮތެއްނޫނެވެ. އަދި ތިޔަބައިމީހުންނީ، ރަމަޟާންމަހު ކޮށްއުޅުނު ޢަމަލުތައް اللهُގެ ޙަޟުރަތުގައި މަޤުބޫލުވުމަށް އުއްމީދުކުރާ ބަޔަކު ކަމުގައި ވަނީނަމަ، ދަންނާށެވެ! ތިޔަބައިމީހުންގެ ތިޔަ ޢަމަލުތަކަކީ، اللهُ އަށް ބިރުވެތިވާ ބަޔަކު ކޮށްއުޅޭފަދަ ޢަމަލެއް ނޫނެވެ!!] (2)
ޔާ اللهُ، އަޅަމެންނަށް ކުރިމަތިވެފައިމިވާ މި ނުރައްކާތެރި ކޮރޯނާ ވަބާއާއި، އެ ކަމާ ގުޅިގެން މެދުވެރިވަމުންދާ އެންމެހައި ގެއްލުންތަކުން މުސްލިމުންނާއި، އެންމެހައި މީސްތަކުން ސަލާމަތް ކުރައްވައި ރައްކާތެރި ކުރައްވާނދޭވެ! ދެބަސްވުންތަކާއި ފިތުނަވެރިކަމުގެ ގެއްލުންތަކުން މުސްލިމުން ސަލާމަތްކުރައްވާނދޭވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ މާތްވެގެންވާ އިސްލާމްދީނަށް ގަދަކަންދެއްވައި، ދީނުގެ ޢަދުއްވުންގެ މަކަރުވެރި ރޭވުންތަކުން އިސްލާމްދީނާއި މުސްލިމުން ސަލާމަތްކުރައްވައި، އިސްލާމްދީން ނަޞްރުވެރި ކުރައްވައި މަތިވެރިކުރައްވާނދޭވެ! އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އިބަރަސްކަލާނގެ ރުހިވޮޑިގެންވާމަގަށް ތައުފީޤުދެއްވައި އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވާނދޭވެ! އާމީން!!
_________________________
ޙަވާލާތައް
(1) البخاري، الجامع المسند الصحيح للبخاري. مرجع سابق. كِتَابُ الرِّقَاقِ، بَابٌ: لاَ عَيْشَ إِلَّا عَيْشُ الآخِرَةِ. برقم: (6412). ج 8. ص 88.
(2) ابن الجوزي، عبد الرحمن بن أبي الحسن علي بن محمد (1429ه 2008م). آداب الحسن البصرى (ط 2). سليمان الحرش (تحقيق). دمشق: بيروت: دار النوادر. ص 118.