ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެން އުޅުއްވާ ތުރުކީގެ ރައީސު ރަޖަބް ޠައްޔިން އެރްދޮޣާން ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އާލްސުޢޫދާ ބައްދަލުކުރައްވައިފިއެވެ. މީގެ އިތުރަށް އޭނާ ވަނީ ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސުއޫދާވެސް ބައްދަލުކުރައްވާފައެެވެ. މި ދެ ބައްދަލުކުރެއްވުން އޮތީ ޖިއްދާގައި ހުންނަ ޝާހީ ގަނޑުވަރުގައެވެ.
އެރްދޮޣާން ރޭގެ ވަގުތެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގަތީ ޤަޠަރު ހިސާރުކުރުމުގެ މައްސަލައާއި، އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީ މަރާލި މައްސަލައިގެ ސަބަބުން ގޯސްވެފައި އޮތް ދެގައުމުގެ ގުޅުން އަލުން ރަނގަޅުކޮށް، ވަރުގަދަކުރުމުގެ މަގުސަދުގައެވެ.
ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ތުރުކީގެ ވެރިރަށް އަންކަރާގެ އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު އެރްދޮޣާން ވިދާޅުވި ގޮތުގައި އޭނާ ސައޫދީ އަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅު ވެގެން ދާނީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކުރުމާއެކު، ދެ ގައުމަށްވެސް ފައިދާހުރި ގޮތުގައި ގުޅުން ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގެ މިސާލެއް ކަމުގައެެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސިއްހީ، ދިފާއީ، އަދި ސީނާއީ ދާއިރާއާއި، ހަކަތައިގެ ދާއިރާގެ އިތުރަށް، ކާބޯތަަކެތީގެ ރައްކާތެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގައި ދެ ގައުމަށްވެސް އޮތް ފައިދާ ބޮޑެވެ.
ރައީސު އެރްދޮޣާންގެ މިދަތުރުފުޅަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޚާޝުޤްޖީ މަރާލުމުގެ ފަހަތުގައި ސައޫދީ އަރަބިއްޔާގެ އިސްވެރިން ތިއްބެވިކަމަށް ތުހުމަތުކުރައްވައި ކުރިން ވާހަކަފުޅު ދެއްކެވުމަށް ފަހު، އެ މައްސަލައިގައި ތުރުކީން ގެންގުޅުނު ސިޔާސަތު ބަދަލުކުރައްްވައި، ރައީސު އެރްދޮޣާން ސައޫދީ އަރަބިއްޔާއަށް ވަޑައިގަތުމަކީ "ޚާޝުޤްޖީގެ މައްސަލަ ވަޅުލުން" ފަަދަ ކަމެކެވެ.
ޚާޝުޤްޖީ މަރާލުމުގައި ބައިވެރިވި ކަަމަށް ތުރުކީން ބުނާ ސައޫދީ 26 މީހެއްގެ މައްޗަށް އިސްތަންބޫލްގެ ކޯޓެއްގައި އެމީހުންގެ ޣައިރު ހާޒިރުގައި ކުރިއަށް ދިޔަ ޝަރީއަތް، ތުރުކީ ސަރުކާރުގެ އެދުމުގެ މަތިން އެ ކޯޓުން ވަނީ މެދުކަނޑާލައި، އެ ޝަރީއަތް ސައޫދީ އަރަބިއްޔާގެ ކޯޓަކަށް ބަދަލުކުރުމަށް ނިންމާފައެވެ. މިއީ ސައޫދީ އަރަބިއްޔާއާއި ގުޅުން ރަނގަޅުކުރުމަށް އެރްދޮޣާން ސަރުކާރުން އެޅި ފިޔަވަޅެކެވެ.
ތުރުކީގެ ރައީސު ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފައިވާއިރު، ދާދިފަހުން ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ޝެހެބާޒް ޝަރީފުވެސް ވަނީ ރަަސްމީ ދަތުރުުފުޅެއްގައި ސައޫދީ އަރަަބިއްޔާއަށް ވަޑައިގެންފައެވެ. ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުުގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގަތް ޝެހެބާޒް ޝަރީފު ސައީދު ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާލްސުއޫދާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަަމަޖެހިފައެވެ.