ޚާޝުޤްޖީ މަރާލި މައްސަލައިގައި ސައޫދީ އިތުރު ހަ މީހެއްގެ މައްޗަށް ތުރުކީން ދައުވާ އުފުލައިފި

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ސައޫދީ ނޫސްވެރިޔާ  ޖަމާލު ޚާޝުޤްޖީ މައްސަލައިގައި ސައޫދީ އިތުރު ހަ މީހެއްގެ މައްޗަށް ތުރުކީން ދައުވާ އުފުލައިފިއެވެ.

އިސްތަންބޫލުގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން އުފުލި މި ދައުވާގައ ދެމީހެއްގެ މައްޗަށް ބުރަ މަސައްކަތާއެކު އުމުރަށް ޖަލަށްލުމަށް ހުށަހަޅާފައި ވެއެވެ. އެއީ އަނިޔާވެރި ގޮތަކަށް ޚާޝުޤްޖީ މަރާލުމުގައި އެމީހުން ބައިވެރިވެފައި ވާތީއެވެ. އަނެއް 4 މީހުންގެ މައްޗަށް ހުށަހަޅާފައި ވަނީ 6 މަހާ 5 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

އަލަށް މި އުފުލި ދައުވާތައް އުފުލާފައި ވަނީ ކުރިން ޣައިރު ހާޒިރުގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން 6 މީހެއްގެ މައްޗަށް ކަމެއް ނުވަތަ އެހެން ބައެއްގެ މައްޗަށް ކަމެއް ސާފެއް ނުވެއެވެ. މި މައްސަލައިގައި ފުރަތަމަ 20 މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި ފެށި ޝަރީއަތް ފަށާފައި ވަނީ ފާއިތުވި ޖުލައި މަހުގެ ތެރޭގައެވެ.

ތުރުކީން މި މީހުންގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ސައޫދީ އަރަބިއްޔާއިން ވަނީ މި މީހުން ތުރުކީއާއި ހަވާލުކުރުމަށް ދެކޮޅުހަދާފައެވެ. އެމީހުންގެ ތެރޭގައި ސައޫދީ އިންޓެލިޖެންސްގެ ކުރީގެ ނާއިބު އަޙްމަދު އަލްޢަސީރީ އާއި ސައޫދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނުގެ ކުރީގެ މުސްތަޝާރެއް ކަމުގައިވާ ސަޢޫދު އަލްޤަޙްޠާނީ ހިމެނެއެވެ.

އިސްތަންބޫލުގެ ކޯޓުގައި ޖުލައި މަހު ފެށި ޝަރީއަތުގައި ޚާޝަޤުޖީގެ ގަތުލު ރާވައި އެހެން ބަޔަކު ލައްވައި އެ އަނިޔާވެރި ޖަރީމާ ހިންގުމުގެ ކުށުގައި އެ ދެމީހުން ބުރަ މަސައްކަތާއެކު އުމުރަށް ޖަލަށްލުމަށް އެދިފައި ވެއެވެ.

20 މީހުންގެ މައްޗަށް އިސްތަންބޫލުގެ ކޯޓުގައި އުފުލާފައިވާ ދައުވާގެ ދެވަނަ އަޑުއެހުން ބާއްވަން ނިންމާފައި ވަނީ އަންނަ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.