ވިލިމާލޭގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނީ ފުޓްބޯޅަ ދަނޑުގަ

ވިލިމާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރަން ހަމަޖެހިފައިވާ ތަން ބަދަލުވެއްޖެއެވެ.

ކުރިން ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ބަނދަރު ސަރަޙައްދު އެހެންނަމަވެސް މިހާރު ވިލިމާލޭގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ފުޓްބޯޅަ ދަނޑުގައެވެ.

ވިލިމާލޭގެ އިތުރުން މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކުރާނެއެވެ. އެގޮތުން މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި، ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގައެވެ.

ކޮންމެ ބޭފުޅަކުވެސް ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތަކުގެ ތެރޭގައި ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުމާއި އަމިއްލަ މުސައްލައެއް ގެންނެވުމަށާއި އަމިއްލަ ފެންފުޅިއެއް ގެންނެވުމަށާއި ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންނެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

މިކަންތައްތަކަށް ސަމާލުވުމަށް އެންމެހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.