ޙައްޖުވެރިންގެ އަތުން އިތުރަށް ފައިސާ ހޯދުމަކީ ބިރުހުރި ކަމެއް: އިސްލާމިކް މިނިސްޓްރީ

ސްޓޭޓު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު އައްޝައިޚް އިލްޔާސް ޖަމާލް

ޙައްޖުވެރިންގެ އަތުން އިތުރަށް ފައިސާ ނަގައިގެން ޙައްޖަށް ގެންދިޔުމަކީ ބިރުހުރި ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީގައި ދެންމެ ބޭއްވެވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ ޙައްޖަށް މީހުންގެންދާ ޖަމާޢަތްތަކުން ވެސް ވަކި އަގެއްގައި ޕްރޮޕޯސަލް ހުށަހަޅައިގެން ހުއްދަ ލިބުމަށްފަހު އަނެއްކާވެސް މި އަގުގައި މިކަން ކުރެވެންނެތީ ކިޔައި ޙުއްޖަތާއި ބަހަނާ ދެއްކުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. މިނިސްޓްރީއަށް ގޮތެއް ހުހެއްނުވާނެ ކަމަށާއި އެފަދަ ކަމެއް މިނިސްޓްރީއަށް ބޭޒާރު ވެއްޖެ ކަމަށްވާނަމަ ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެފަދަ މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުސަތު މިނިސްޓްރީއަށް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ދީނީގޮތުން ބަލާއިރު އެހެން ކަންކަމާ ވަރަށްތަފާތު ބިރުވެރިކަމެކޭ ޙައްޖުވެރިންގެ ފައިސާގައި ޖެހުމުގެ މައްސަލައަކީ،" އޭނާ ވިދާޅުވިއެވެ. އެކަމުގެ ތަފްސީލް ވެސް މިއަދު އޭނާ ވަނީދެއްވައިފައެވެ.

ޝައިޚް ވިދާޅުވީ ރާއްޖެއިން ޙައްޖަށް ދިއުމުގެ ހަރުދަނާ އުސޫލެއް މިހާރުވާނީ ޤާއިމް ކުރެވި ޢަމަލު ކުރަން ފަށައިފައި ކަކަށެވެ. ކުންފުނިތަކުގެ އިތުރަށް ރާއްޖެއިން ޙައްޖަށްދާ އެންމެންވެސް މިއުސޫލު ކިޔުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އެއީ ޙައްޖަށްދާ މީހުން ވެސް ޢަމަލުކުރަންޖެހޭ ކަންކަން އެ އުސޫލުގައި ކަނޑައެޅިފައިވާތީއެވެ.

އިލްޔާސް ޖަމާލް ވިދާޅުވީ ޙައްޖަށް ދިޔުމުގެ ކޯޓާ ހޯދުމަށްޓަކައި އެއްވެސް މީހަކު އިތުރަށް ފައިސާ ދައްކައިގެން ނުވާނެ ކަމަށެވެ. "އަޅުގަނޑުމެންނަށް އެކަން އެނގިއްޖެއްޔާ އެބައޮތް އުސޫލުގެ ތެރެއިން ޙައްޖުވެރިއާއަށް ވެސް ފިޔަވަޅު އެޅެން. ނުދެވޭގޮތް ވެސް ހެދެން. އެހެންވީމާ އެފަދަ ޢަމަލެއް ނުހިންގަވާށޭ. ފުރިހަމަ މާތް އަޅުކަމަކަށް ދިޔުމުގެ ކުރިން ވެސް ނުބައި ރިޝްވަތުގެ ޢަމަލެއް ނުވަތަ ޤާނޫނާ ޚިލާފު ކަމަކަށް އަރައިގަނެގެން ކޯޓާ ހޯދުމަށް ނުވިސްނަވާށޭ،" ސްޓޭޓު މިނިސްޓަރ ވިދާޅުވިއެވެ.

ޙައްޖަށް މީހުން ގެންދާ މީހުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ބުނެފައިވާ ކަންކަން ބަރާބަރަށް ކުރަމުންދޭތޯ މިފަހަރު ވަރަށްރަނގަޅަށް މޮނިޓަރކޮށް ބަލަހައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެއްވެސް ބަޔަކު ޙައްޖުވެރިންގެ ފައިސާގެ ނުޖެހުމަށާއި އަދި އެމީހުންނަށް އޮޅުވައި ނުލުމަށް ވެސް ސްޓޭޓު މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. ޙައްޖަށް މީހުން ގެންދަންވީ ސަވާބާއި ދަރުމައަށް އެދިގެން އިޚުލާސްތެރި ކަމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.