އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހަމަޖައްސާފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ކަން ކުރައްވާފައިވާ މަހުޖޫބު ޝުޖާއު އެވެ.

މަހުޖޫބަކީ ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމުގައި މީގެކުރިން ހުންނެވީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުވާޓް އެވެ. އޭނާ މީގެ ހަތަރު މަސް ކުރިން މަގާމުން ވަކި ކުރީ ޕަރފާމަންސް ދަށް ކަމަށްބުނެއެވެ.

އެމްއޭސީއެލްގެ ހިންގުމަށް ދާދިފަހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް، އެ ކުންފުނީގެ އެކްޓިންގ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ ވަނީ ހަމަޖައްސަވާފައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ޑެޕިއުޓީ ޗީފް އޮފިސަރ ގެ މަގާމުގައި ހުންނަވަނިކޮށެވެ.

އެ ކުންފުނީގެ ބޯޑުގައި މި ވަގުތު ތިއްބަވަނީ ޗެއަރމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރޫޝާ އާއި އަހުމަދު އީމާން މޫސާ އާއި އިބްރާހިމް ސިޔާދު ގާސިމް އަދި ޑރ. އިބްރާހިމް މަހްފޫޒެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.