މިދިޔަ މަހު ދައުވާ ކުރުމަށް އެންމެ ގިނަ އަދަދަށް ހުށެހެޅިފައިވަނީ މަސްތުވާތައްޗާއި ގުޅުންހުރި މައްސަލަތައް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން ކޮންމެ މަހަކު އާންމުކުރާ ތަފާސް ހިސާބާއިއެކު ކުރައްވާފައިވާ ޓްވީޓެއްގައި ޝަމީމް ވިދާޅުވެފައިވަނީ ޕީޖީ އޮފީހުން މިއަހަރު މިހާތަނަށް އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ މާރޗު މަހު ކަމަށެވެ.
ޕީޖީ އޮފީހުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު 149 މައްސަލަ ނިންމާފައިވާއިރު، އޭގެ ތެރެއިން 113 މައްސަލަ ސާބިތުވެފައެވެ. އަދި މިދިޔަ މަހު ދައުވާ ކުރުމަށް އެދި 244 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބަލައިގެންފައިވަނީ 60 މައްސަލައެވެ.
މީގެ އިތުރުން އެކި ސަބަބުތަކާއިހެދި 26 މައްސަލައެއްގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރުމަށް 125 މައްސަލައެއް އަބުރާ ފޮނުވާލިއިރު، 33 މައްސަލައެއް ދަނީ ރިޔާސާ ކުރަމުންނެވެ.
މިދިޔަ މަހު ދައުވާ ކުރުމަށް އެންމެ ގިނަ އަދަދަށް ހުށެހެޅިފައިވަނީ މަސްތުވާތައްޗާއި ގުޅުންހުރި މައްސަލަތައް ކަމަށް ތަފާސް ހިސާބުން ދައްކާއިރު، މަސްތުވާތަކެތި ބޭނުން ކުރުމުގެ 62 މައްސަލައެއްގައި ދައުވާ ކުރުމަށް ވަނީ އެދިފައެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު އެކި ކުށްތަކުގެ 35 މައްސަލައެއްގައި ވެސް ދައުވާ ކުރުމަށް ވަނީ ހުށަހަޅާފައެވެ.
ތަފާސްހިސާބު ނުކުމެއްޖެ! މާރިޗަކީ، މިއަހަރު އެންމެ ގިނަ މައްސަލަ ނިންމެވި މަސް. މިމަހު ނިންމެވި 149 މައްސަލައިގެ ތެރެއިން 113 މައްސަލަ (%75.8) ސާބިތުވި. 5 މައްސަލަ މަދަނީ މިންގަނޑުން ބޭރުވެ، 31 މައްސަލަ (20.8%)ސާބިތުނުވެ ދިޔަ. ޖުމްލަ ނަތީޖާ ރަނގަޅު!https://t.co/F4UIRWWPWy pic.twitter.com/HKXLRig6lo
— Hussain Shameem (@HuShameem) April 12, 2022