ބޮޑާކަމަކީ މުސްލިމެއްގެ ކިބާގައި ހުރެގެންވާނެ ސިފައެއްނޫން

ތިމާއަށް ލިބިފައިވާ ތަނަވަސް ކަމާހުރެ، ނުވަތަ މަޤާމުގެ މަތިވެރިކަމާހުރެ، ނުވަތަ މިފަދަ ކަމަކާނުލައިވެސް، ބައެއް މީހުން އަނެކުންގެމައްޗަށް ބޮޑާވެ ކިބުރުވެރިވުމަކީ ގިނަބައެއްގެ އާދައެކެވެ. ނަމަވެސް އެއީ އެ ކަމުގެ ގެއްލުންބޮޑު ކަމެކެވެ. ނަހީކުރައްވާފައިވާ ކަމެކެވެ.

އިންސާނުން ބޮޑާވެގަތުމުގެ ނުބައިކަން ބަޔާންކުރައްވައި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ އިރްޝާދުދެއްވާފައި ވެއެވެ. {لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ.} فَقَالَ رَجُلٌ: إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا، وَنَعْلُهُ حَسَنَةً؟  قَالَ: {إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ، الْكِبْرُ بَطَرُ الْحَقِّ، وَغَمْطُ النَّاسِ.} (رَوَاهُ مُسْلِمٌ) މާނައީ: {އެ މީހެއްގެ ހިތުތެރޭގައި ކިބުރުވެރިކަމުގެ ތެރެއިން ޛައްރެއްގެ މިންވަރުހުރި މީހަކު ވެސް ސުވަރުގެއަށް ނުވަންނަހުއްޓެވެ.} ފަހެ، ބޭކަލަކު ދެންނެވިއެވެ. ހަމަކަށަވަރުން، މީހަކު އޭނާގެ ހެދުން ރީތިކޮށް ހުރުމަށާއި، އޭނާގެ ފައިވާން ރީތިކޮށް ހުރުމަށް އެދުމަކީ، ކޮންކަހަލަ ކަމެއްތޯއެވެ؟ ޙަދީޘްކުރެއްވި އެވެ. {ހަމަކަށަވަރުން، اللَّهُތަޢާލާއީ، ހުރިހާ ފުރިހަމަކާއި ރީތިކަމެއްގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ރީތިކަމަށް ލޯބިކުރައްވައެވެ. ކިބުރުވެރިކަމަކީ، ޙައްޤާ ދެކޮޅުހެދުމެވެ. އަދި އަނެކާ (ތިމާއަށްވުރެ) ނިކަމެތިކަމުގައި ދުށުމެވެ.}

ބޮޑާވުމަކީ އިންސާނުންނަށް ޙައްޤުވެގެންވާ ކަމެއްނޫންކަން ބަޔާންކުރައްވާފައިވާ ޤުދުސިއްޔަ ޙަދީޘެއްގައި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {قَالَ اللَّهُ عَزَّ وَجَلَّ: [الْعِزُّ إِزَارِي، وَالْكِبْرِيَاءُ رِدَائِي، فَمَنْ يُنَازعُنِي فِي وَاحِدٍ مِنْهُمَا فَقَدْ عَذَّبْتُهُ”.]}  (رَوَاهُ مُسْلِمٌ) މާނައީ: {اللَّهُ ވަޙީކުރެއްވިއެވެ. [ޢިއްޒަތްވަންތަކަމަކީ، ތިމަން ރަސްކަލާނގެ އިޛާރުކޮޅެވެ. އަދި ކިބުރިޔާވަންތަކަމަކީ، ތިމަން ރަސްކަލާނގެ ރިދާކޮޅެވެ. (އެބަހީ: ޙަޤީޤީ ޢިއްޒަތާއި މަތިވެރިކަމަކީ އެހެން އެއްވެސް ފަރާތެއްގައި ހުރުން އެކަށީގެންނުވާ، ހަމައެކަނި ތިމަންރަސްކަލާނގެ ޛާތުފުޅަށް ޚާއްޞަ ސިފަފުޅެވެ.) ފަހެ، އެއިން އެއްވެސް ސިފައެއް ތިމަންރަސްކަލާނގެ ޙަޟުރަތުން ނިގުޅައިގަތުމަށް މަސައްކަތްކޮށްފި މީހާ، (އެބަހީ: ބޮޑާވެ ކިބުރުވެރިވެއްޖެ މީހާ) ދަންނާށެވެ! ހަމަކަށަވަރުން، އެ މީހަކަށް ތިމަންރަސްކަލާނގެ ޢަޛާބުދެއްވާ ހުށީމެވެ.]}

ޝައްކެއްނެތެވެ. އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުމެއް ޤަބޫލުކުރަން ދެކޮޅުހަދާނީ، އަދި ތިމާފަދަ އަނެއް އިންސާނާއީ، މާ ދަށް ނިކަމެތި މީހަކުކަމުގައި ދެކޭނީ ކިބުރުވެރިންނެވެ. މާތް اللَّهُމިފަދަ ނުރަނގަޅު ކަންކަމުން އަޅަމެން ސަލާމަތްކުރައްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.