އެމެރިކާއަކީ ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމެވެ. ޢަޝްކަރީގޮތުންނާއި އިޤްތިޞާދީ ގޮތުންނެވެ. ދުނިޔެއަށް ބަސްކިޔާނެ ހުރިހައި ބާރެއް އެމެރިކާއަށް ލިބިގެންވެއެވެ. އެމެރިކާ ކޮށްފިއްޔާ އެއީ އެންމެ ރަނގަޅުކަމެއްކަމުގައި ދެކޭ އެތައް ޤައުމެއް ދުނިޔޭގައި އެބައޮތެވެ. އދ ގެ ޢާންމު މަޖިލިސް ވިޔަސް އަދި ސަލާމަތީ މަޖިލިސް ކަމަށްވިޔަސް އެމެރިކާގެ ބާރާއި ނުފޫޒު އެންމެންގެ މައްޗަށް ހިންގައެވެ. އެމެރިކާ ބޭނުންނުވާކަމެއް ދުނިޔޭގެ ޤައުމުތައް ބައިވެރިވާ އެއްވެސ މަޖިލީހަކުން ނުވަތަ ޖަމާޢަތަކުން ފާސްކުޅަޔަސް އެފާސްކުރާކަމެއް ވީޓޯ ކުރެއެވެ. ދުނިޔޭގެ ސަލާމަތާއި ރައްކައުތެރިކަމަށް ބަސްކިޔާ، އދ ގެ ސަލާމަތީ މަޖިލީހުން ނިންމާ ފާސްކުރާ ޤަރާރުތަކާއި ގޮތްތައް ވީޓޯ ކުރެއެވެ. އެއީ ދުނިޔެ ބޭނުންނުވާގޮތް ކަމަށްވިޔަސް މެއެވެ. މިސާލަކަށް ބަލާއިރު، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި، އިސްރާއީލުގެ މައްޗަށް އެތައް ޤަރާރެއް، އދ އިންވަނީ ފާސްކޮށްފައެވެ. 1948 ގައި އިސްރާއީލް އުފެދުނުފަހުން، ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ 79 ޤަރާރަކަށް، ކަނޑައެޅިގެން އިސްރާއީލުން ދެކޮޅުހަދާފައި، އެމެރިކާ ވާގިވެރިވެދީގެން އެޤަރާރުތަކާ ޚިލާފުވެފައިވެއެވެ.
އެމެރިކާއިން ވަނީ ސަލާމަތީ މަޖިލީހުގެ 83 ޤަރާރެއް ވީޓޯކޮށްފައެވެ. އެމެރިކާއިން އެންމެ ފުރަތަމަވެސް ވީޓޯކޮށްފައިވަނީ ޤައުމެއްގެ ސިޔާދަތަށް އިނގިރޭސިވިލާތުން އަރައިނުގަތުމަށް ސަލާމަތީ މަޖިލީހުން ފާސްކުޅަ ޤަރާރަކަށެވެ. އެއީ 1970 ވަނައަހަރުގެ މާރިޗްމަހު، ސަލާމަތީ މަޖިލީހުން ފާސްކުރަން ހުށަހެޅުނު ޤަރާރެކެވެ. އެޤަރާރުގައި އިނގިރޭސިވިލާތަށް ގޮވާލާފައިވަނީ، އޭރު، ރޮޑީސިއާގައި އޮތް ދޮންމީހުންގެ ސަރުކާރު ބަދަލުކުރުމަށް ބާރުގެ ބޭނުން ނުހިފުމަށެވެ. އެހެންނަމަވެސް، އެމެރިކާއިން އިނގިރޭސިވިލާތާއެކު ބައިވެރިވެ އެޤަރާރު ފާސްނުކުރުމަށް ވީޓޯދީ، ރޮޑީސިއާގެ ވެރިކަން ބަދަލުކުރުމަށް ބާރުގެ ބޭނުންކުރުމަށް އިނގިރޭސިވިލާތަށް މަގުފަހިކޮށްދިނެވެ.
1967 ގެ ޢަރަބި އިސްރާއީލު ހަނގުރާމަޔަށްފަހު، ފަލަސްތީނުން އިސްރާއީލު ހިފާފައިވާ ބިންތަކުން ފޭބުމަށް އދ ގެ ސަލާމަތީ މަޖިލީހުގެ 242 ވަނަ ޤަރާރުން ފާސްކޮށްފައި ވެއެވެ. އެހެންނަމަވެސް، ފަލަސްތީނުގެ ބިމުން އިސްރާއީލް ފޭބުމުގެ ބަދަލުގައި، ފަލަސްތީނުރައްޔިތުން ގެދޮރުން ގަދަބާރުން ނެރެ، އިތުރު ބިންތައް ހިފައި، އިސްރާއީލު އެއަންނަނީ، ދުނިޔޭގެ އެތަން މިތަނުން ޔަހޫދީންގެނެސް، އެބިންތަކުގައި ޔަހޫދީން އާބާދުކޮށް ވަޒަންވެރިކުރުވަމުންނެވެ. ޢަޝްކަރީގޮތުންނާއި އިޤްތިޞާދީގޮތުން އަދި ސިޔާސީގޮތުން މިކަމަށް ހިތްވަރުދީ އެހީވަމުން އެގެންދަނީ ހަމަ އެމެރިކާއެވެ. ފަލަސްތީނުގެ ބިންތަކަށް ބޮބްއަޅައި ގެދޮރު ހަލާކުކޮށް ސުންނާފަތިކޮށް، ފަލަސްތީނުރައްޔިތުންގެ އާބާދީ ރަށުންނެރެ، ޤައުމުން ބޭރުކޮށް، އިންސާނީ ޙައްޤުތަކުން މަޙުރޫމް ކުރަމުން ގެންދާއިރު، އެމެރިކާއޮތީ އެކަމަށް ތަރުޙީބުދީ އަތްޖަހާށެވެ. އިސްރާއީލާ ދެކޮޅަށް ނަފުސު ރައްކާތެރިކުރުމަށް ޖިހާދުކުރާ ފަލަސްތީނު ރައްޔިތުންނަކީ، ހުޅަނގުން ދެކޭގޮތުގައި ޓެރަރިސްޓުންނެވެ. އެކަމަކު ރަޝިއާއާ ދެކޮޅަށް ތެދުވާ ޔުކްރޭނުގެ ރައްޔިތުންނަކީ ހުޅަނގަށް ކަމުދާ ބަތަލުންނެވެ. އެމެރިކާގެ "މިނިވަން ޑިމޮކްރަސީ" އޮތްޙާލަތަކީ އެއީއެވެ. މިނިވަންކަމާއި އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކަން އެމެރިކާ ލަދުގަންނަންޖެހޭ އެތައްކަމެއް އެބައޮތެވެ. ރަޝިއާގެ ރައީސް ޕުޓިންއަކީ ހަނގުރާމައިގެ ކުށްވެރިއެއްކަމަށް އެމެރިކާގެ ރައީސް ބައިޑަން ނިންމިއިރު، ޖިމީ ކާރޓަރ ފިޔަވައި ހަނގުރާމައިގެ ކުށްވެރިޔަކަށްނުވާ ރައީސަކު އެމެރިކާގެ ތާރީޚުގައި އެޤައުމުގެ ޒަޢާމަތަށް އައިސްފައެއްނުވެއެވެ. ކާރޓާރއަކީ 39 ވަނަ ރައީސެވެ.
މަތީގައިވާ ފޮޓޯގައި އެންމެ ކަނާތަށް ހުންނެވި ޖިމީ ކާރޓަރ އަކީ، ހަނގުރާމައެއް ނުކޮށް، މީހަކުނުމަރައި، އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީގެން ހިނިތުންވެލަން ޙައްޤު ހަމައެކަނި ޝަޚުޞިއްޔަތެވެ. ދުނިޔޭގެ ޞުލްޙައަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ ނޮބެލް ޕްރައިޒް ލިބިވަޑައިގެންނެވި، އެމެރިކާގެ ހަމައެކަނި ރައީސެވެ. ކާރޓާރ އަށް ދުނިޔޭގެ ޞުލްޙައިގެ އިނާމު ލިބިވަޑައިގަތީ 2002 ގައެވެ. ދެންހުންނެވި ބިލް ކްލިންޓަން، އެއާޖެހިގެން ހުންނެވި ޖޯޖް ބުޝް، އެއާޖެހިގެން ބަރަކް އޮބާމާ އަދި އެންމެ ވާތަށް ހުންނެވި ބައްޕަ ބުޝް އަކީ، އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ ހަނގުރާމަނުކޮށް ވެރިކަންކުރި ރައީސުންނެއް ނޫނެވެ. ކާރޓަރއަކީ ނަމޫނާ ޝަޚުޞިއްޔަތެއްކަމަށް ބައްލަވައިގެން ވެރިކަން ކުރެއްވޭތޯ، ބިލްކްލިންޓަން މަސައްކަތް ކުރެއްވިއެވެ. އަދި އެމެރިކާއާއި ދުނިޔޭގެ މަޞްލަޙަތާއި ކުރިއެރުމާ އަދި ތަރައްޤީއަށް ވަރަސްގިނަ ނިންމުންތައް ނިންމަވައި، ވެރިކަމުގައި ހޭދަކުރެއްވި 8 އަހަރަކީ، އެމެރިކާއަށް އުއްމީދީ އަހަރުތަކަކަށް ހެއްދެވިއެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު، 23 އޮޖްޓޯބަރ 1998 ގައި ކުރެވުނު ޞުލަޙައިގެ އެއްބަސްވުމުގެ މޭސްތިރިއަކީ ކްލިންޓަން އެވެ. އެއެއްބަސްވުން ނިމިގެންދިޔައީ ނަމެއްގައި ކުރެވުނު އެއްބަސްވުމަކަށެވެ. އިސްރާއީލުން މެދުނުކެނޑި އެއެއްބަސްވުމާ ޚިލާފުވަމުންދިޔަނަމަވެސް، އެމެރިކާއަށް ކުރެވުނު އެއްވެސްކަމެއް ނެތެވެ. އެހެންކަމުން، ކްލިންޓަންގެ އަތްޕުޅުވެސް، އެމެރިކާގެ ޢާންމު އުޞޫލުގެ މަތިން، ހަނގުރާމަޔަކުން ސާފެއް ނުކުރެއްވުނެވެ. 1998 ގެ ޑިސެމްބަރ 16 ވަނަދުވަހު، ކްލިންޓަންގެ ވެރިކަމުގައި، އެމެރިކާގެ އެއަރފޯސްއިން ޢިރާޤަށް ޙަމަލާ ދިނެވެ. ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ ދޮގުތުހުމަތާއި ޙުއްޖަތް ދެއްކުމަށްފަހުގައެވެ. އަދި ހަމައެފަދައިން، 20 ޖޫން 1999 ގައި ނޭޓޯއާގުޅިގެން، ކޮސޮވޯ – ސާރބް ހަނގުރާމައިގެ ތެރެޔަށް ވަނެވެ. 79 ދުވަސްވަންދެން މިހަނގުރާމަ ދެމިއޮތެވެ.
މިއީ އެމެރިކާގެ ފަހުގެ ތާރީޚުގައި އެންމެ އަނިޔާވެރި އަދި އެންމެ ގިނަ ޢާންމު ރައްޔިތުން މަރާފައިވާ ރައީސެވެ. ނިއުކުލިއަރ ހަތިޔާރު އުފައްދާކަމުގެ ދޮދު ތުހުމަތު އަޅުވައި، ޢިރާޤު ހިފުމަށް ހަނގުރާމަފެއްޓީ ޖޯޖް ބުޝް އެވެ. މިއަނިޔާވެރި ހަނގުރާމަޔަކީ، މެދުއިރުމަތީގައި މިފަހަކަށް އައިސް އެންމެ ގިނައިން އާންމު ރައްޔިތުން މަރުވެފައިވާ ހަނގުރާމައެވެ. ޢިރާޤުގެ ކުށެއްނެތް 3 މިލިއަން ރައްޔިތުން މަރުވެފައި ވެއެވެ. އެމެރިކާ އިސްވެއޮވެ ޢިރާޤާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާގުޅިގެން ޢިރާޤުގެ 1.7 މިލިއަން ރައްޔިތުން މަރުވެފައި ވެއެވެ. އޭގެތެރޭގައި ބައިމިލިއަން ކުޑަކުދިން ހިމެނެއެވެ. ޢިރާޤުން 1990 ގައި ކުވޭތު ހިފުމާގުޅިގެން، ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. މިފިޔަވަޅުތަކަށް ލުޔެއްނުދީ އެތައް ދުވަހެއްވުމަށްފަހު ދެން އެމެރިކާއިން ބުނަމުން ގެންދިޔައީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނީ، ކެމިކަލް ހަތިޔާރު އުފެއްދުން ޢިރާގުން ހުއްޓާލީމައި ކަމުގައެވެ. ދެން އެއަށްފަހު ބުނަމުންގެންދިޔައީ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލާނީ ޞައްދާމް ޙުސައިން ވެރިކަމުން ބޭލުމަށްފަހުގައި ކަމަށެވެ. ފަހުން ބޭޒާރުވި ސިއްރު މަޢުލޫމާތުން އެނގުނު ގޮތުގައި، އެމެރިކާއިން ދެއްކި ބަހަނާއަކީ ދޮގު އިލްޒާމެކެވެ. އެމެރިކާއިން މުޅިދުނިޔެއަށް ހެދީ ދޮގެވެ. މިޙީލަތްތެރި ރޭވުމުގައި އިނގިރޭސި ބޮޑުވަޒީރަކަށް އޭރުހުރި ޓޮނީ ބްލެއަރ ބައިވެރިވެއެވެ. ބުޝް ބޭނުންވީ ޞައްދާމް ޙުސައިން ވެރިކަމުން ދުރުކޮށް ޢިރާޤުގެ ތެލުގެ ކޮންޓްރޯލް އެމެރިކާ އަތްމައްޗަށް ފުރޮޅައިލުމަށެވެ. ބުޝް ގެ ޢާއިލާއަކީ ތެލުގެވިޔަފާރިކުރާ ޢާއިލާއެއްކަން މިފުރުޞަތުގައި ހަނދާންކޮށްލަން ޖެހެއެވެ. އަދި ޞައްދާމް ޙުސައިން ވެރިކަމުން ބޭލުމަށްފަހު، ޢިރާޤު މިހާރުއޮތް ޙާލަތަށް ރިޢާޔަތް ކުރަން ޖެހެއެވެ. ދިރިއުޅުމުގެ ޙާލަތާއި އިޤްތިޞާދު އޮތީ ތިރީސް އަހަރު ފަހަތަށް ޖެހިފައެވެ.
ބުޝްގެ ވެރިކަމުގައި ޢިރާޤާ ސޫރިޔާއަށް 22 ހާހަށްވުރެ ގިނަބޮން އަޅާފައި ވެއެވެ. އަފްޣާނިސްތާނަށް ހާހެއްހާ ބޮން އަޅާފައި ވެއެވެ. ޔަމަނަށް ފަސްދޮޅަހަކަށް ބޮން، ސޯމާލިއާއަށް ވިއްސަކަށް ބޮން އަދި ޕާކިސްތާނަށް ދިހަވަރަކަށް ބޮން އަޅާފައި ވެއެވެ. ބުޝް އަކީ، މިފަހަކަށް އައިސް، އެމެރިކާގެ ރައީސެއްގެ އަނިޔާވެރިކަން ނިކަން ރަނގަޅަށް ދައްކައިލި މީހެކެވެ. ޙީލަތާއި ދޮގާ މަކަރާ އުކުޅު ބޭނުންކޮށްގެންނެވެ. އަފްޣާނިސްތާނާއި މެދުއިރުމަތީގެ ޤައުމުތަކަށް، ބުޝްގެ ވެރިކަމުގައި އެމެރިކާއިން ދިން ޙަމަލާތަކަކީ، ދުރާލާ ރޭވިގެން އަދި މަޝްހޫރު "ނައިން އިލަވަން" ގެ ކުރިން ރޭވިއޮތް ކަމެކެވެ. އެދުވަސްވަރު ނޭޓޯގެ ގުޅިފައިވާ ލަޝްކަރުގެ ސްޕްރީމް ކޮމާންޑަރަކަށް ހުރި، އެމެރިކާގެ ޖެނެރަލް ވެސްލީ ކްލާރކްވަނީ މިސިއްރު ބޭޒާރު ކޮށްލާފައެވެ.
"5 އަހަރުގެ ތެރޭގައި 7 ޤައުމަށް ވެރިވެގަތުމަށް އަހަރެމެންއޮތީ ރާވައި ނިންމާފައެވެ. އެއީ ޢިރާޤުން ފަށައިގެން ސޫރިޔާ އަދި އޭގެފަހުން، ލުބުނާން، ލީބިއާ، ސޫދާން، ސޯމާލިއާ އަދި ނިންމައިލުމަށް އީރާނެވެ." ޖެނެރަލް ވެސްލީ ބުނެފައި ވެއެވެ.
ދެންހުރީ ބަރަކް އޮބާމާއެވެ. ބުޝްގެ ވެރިކަމުގައި ހިންގާފައިވާ ލާއިންސާނީ ޢަމަލުތަކާއި ޢިރާޤާ އަދި އަފްޣާނިސްތާނު ހަނގުރާމައާ، މިނޫންވެސް އެމެރިކާއިން ހިންގާފައިވާ ހަނގުރާމައިގެ ޢަމަލުތައް ވާރުތަވެ، އެޢަމަލުތަކުގެ ހިތި ފިލުވަންޖެހުނީ އޮބާމާއަށެވެ. ޢިރާޤަށް އަރައި އެޤައުމު ސުންނާފަތިކޮށްލި އެމެރިކާ ސިފައިން ޑިސެމްބަރ 2011 ގައި ޢިރާޤުން ބާލަން ޖެހުނީ އޮބާމާއަށެވެ. އޮބާމާއަށްވެސް ވަނީ ނޮބެލް ޕްރައިޒް އިނާމު ލިބިފައެވެ. އެއީ ޖުމްލަކޮށް ދުނިޔޭގެ އާބާދީގެ ދުޅަހެޔޮކަމާއި ކާމިޔާބު ޚާރިޖީ ސިޔާސަތަކުން ދުނިޔޭގެ އެކުވެރިކަމަށް ކުރި މަސައްކަތަށެވެ. އެހެންނަމަވެސް، އޮބާމާވެސްވަނީ ހަނގުރާމައިގައި ކޭއްތިފައެވެ. އަފްޣާނިސްތާނަށް އެމެރިކާގެ އިތުރު ސިފައިން ފޮނުވައިގެންނެވެ. ނަމަވެސް އޮބާމާގެ ދައުރު ފެށުމާއެކު، އަފްޣާނިސްތާނުގައިތިބި އެމެރިކާ ސިފައިންގެ ތެރެޔަށް އިތުރު 3 ހާސް ސިފައިން ފޮނުވިއެވެ. މީގެ އިތުރަށް، އޮބާމާގެ ވެރިކަމުގައި، އެމެރިކާއާއި ނޭޓޯގެ ބައިވެރިން ލީބިއާއާ ދެކޮޅަށް މަހަކަށްވުރެ ގިނަދުވަސް ވަންދެން ވައިގެ ޙަމަލާދިނެވެ. އަދި ހަމައެއާއެކު، ސޫރިޔާއާއި ޢިރާޤުގައި ޢަޝްކަރީ ޙަރަކާތްތައް ހިންގައި ހަނގުރާމައިގެ ޢަމަލުތައް ދިހަގުނަޔަށް އިތުރުކޮށްފައި ވެއެވެ. ހަނގުރާމައިގެ އަނިޔާވެރި އެތައް ނިންމުންތަކެއް ނިންމި މީހަކަށް ޞުލްޙައިގެ ޢިނާމުގެ ޙައްޤުކަމާމެދު، ގިނަބަޔަކު ސުއާލު އުފައްދާފައި ވެއެވެ.
އޮބާމާއާ ޖެހިގެން ދެންހުރީ (ބައްޕަ ބުޝް)، ޖޯޖު ޑަބްލިޔޫ އެޗް ބުޝް އެވެ. ވަކި ދޫކުރާ ބުޝްއެއްނޫނެވެ. ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި ބަލާނަމަ، ބުޝްގެ ދެބަފައިންނަކީވެސް ލާއިންސާނީ ޢަމަލުތަކާއި ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެފައިވާ ދެމީހުންނެވެ. އީރާން ޢިރާޤު ހަނގުރާމައިގާ ޞައްދާމް ޙުސައިނަށް ސެޓެލައިޓުން ސިއްރު މަޢުލޫމާތު ފޯރުކޮށްދީ އެދެޤައުމުގެ ކޯޅުމަށް ތެޔޮ އެޅިއެވެ. ހަތިޔާރު ފޯރުކޮށްދިނެވެ. އެންމެ ފަހުން ޞައްދާމް ޙުސައިނާ ދެކޮޅުވެ، ވެރިކަމުން ބާލަން ޢިރާޤާ ހަނގުރާމަ ފެށިއެވެ. އެމެރިކާގެ ޢަޝްކަރީބާރު ދެއްކުމާއެކު، ގަރުބަޗޯފާ ގުޅިގެން ރޫސީވިލާތް ރޫޅައިލުމާ އަދި އެކި ޤައުމާ ހަނގުރާމަކުރުމާ ކުޑަކުދިންނާއި އަންހެނުން އަދި މުސްކުޅިން މެރުމުގައި އަރާހުރި މީހެކެވެ.
ބައްޕަ ބުޝްއަކީ ނުރައްކާތެރި މީހެކެވެ. މީނާއަކީ އެމރިކާގެ ކުރީގެ ރައީސް ޖޯންސަން އަށްފަހު، ރަސްމީގޮތުން ހަނގުރާމައެއް އިޢުލާންކޮށް އެމެރިކާއިން ހަނގުރާމަފެށި، އެމެރިކާގެ ރައީސެވެ. މިފަހަރު ހަނގުރާމަފެށީ، ގަލްފުގައި ޢިރާޤާ ދެކޮޅަށެވެ. ބައްޕަ ބުޝްފެށި މިހަނގުރާމަ، ދަރި ބުޝްއަށްވެސް ނިންމައެއް ނުލެވުނެވެ. އެހަނގުރާމަ ނިންމީ އެތައް ޒަމާނެއްގެ ފަހުން، ބަރަކް އޮބާމާއެވެ. އެދުވަސްތަކުގައި ޢިރާޤު ހިފައިގެން އޮވެ އެމެރިކާއިން ބެލެހެއްޓީ އެބައިމީހުންގެ އަމިއްލަ މަޞަލަޙަތެވެ. ޢިރާޤުގެ ތެލުގެ މައްޗަށް ވެރިވެ، އެތެލުން މުއްސަނދިވި އެތައްބަޔަކު އެމެރިކާގައި އެބަތިއްބެވެ. ބުޝްގެ ޢާއިލާއަކީވެސް ޢިރާޤުގެ ތެލުގެ ވިޔަފާރިން ބައިއެޅިގެންދިޔަ ބަޔެއްކަމަށް ރިޕޯރޓް ކުރެވިފައި އެބަހުއްޓެވެ. މި ބުޝްގެ ވެރިކަމުގައި 88 ހާސްޓަނުގެ ބޮން ޢިރާޤާއި ކުވޭތަށް އަޅާފައި ވެއެވެ. އެތައްހާސް ކުޑަކުދިންނަކާއި އަންހެނުންނެއް މަރާފައި ވެއެވެ. އަށެއްކަ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކޮށްފައި ވެއެވެ. ޕެނަމާއަށް އަރައި ޢަޝްކަރީ ބާރުގައި އެޤައުމުގެ ވެރިޔަކަށްހުރި ނޮރިއޭގޯ ހައްޔަރުކުރިއެވެ. ސަޢޫދީ ޢަރަބިއްޔާގައި ތިބޭ އެމެރިކާގެ ޢަޝްކަރީ ފައުޖުގެ ޢަދަދު 4 ހާހަށް އިތުރުކުރިއެވެ. 17 ޖެނުއަރީ 1991 ގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ޢިރާޤަށް އަރައި ޙަމަލާދީ ހަނގުރާމަފެށިއެވެ. ޖެހިގެން އައި އިންތިޚާބުގައި ބުޝްބަލިވެ ކްލިންޓަން އެމެރިކާގެ ރިޔާސަތާ ޙަވާލުވިއެވެ. އަދި ބުޝްގެ ޢާއިލާ 20 ޖެނުއަރީ 1993 ގައި ވައިޓްހައުސް އިންނުކުމެ ޓެކްސަސް އަށް ދަތުރުކުރިއެވެ.
ދެވަނަ ބޮޑުހަނގުރާމަ ނިމުމަށްފަހު، އެމެރިކާއިން 19 ހަނގުރާާމައެއްގައި ޢަމަލީގޮތުން ބައިވެރިވެފައި ވެއެވެ. މިހުރިހައި ހަނގިރާމައެއްގައި އެމެރިކާއިން ބައިވެރިވީ ދުނިޔެއަށް "މިނިވަން ޑިމޮކްރަސީ" ގެނައުމުގެ ޙުއްޖަތާއެކުގައެވެ. އިންޑޯޗައިނާ ހަނގުރާމައިގާ އެމެރިކާއިންވަނީ ގިނަޢަދަދަކަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައެވެ. އެސަރަޙައްދުގެ 4.5 މިލިއަން އޭކަރުގެ ސަރަޙައްދަކަށް، އެމެރިކާއިން ކެމިކަލް ހަތިޔާރު ސްޕްރޭ ކޮށްފައި ވެއެވެ. ލާއޮސްއާއި ވިއެޓްނާމުގެ ރައްޔިތުންނަށް ލިބުނު އެގެއްލުމުން ސަލާމަތްވުމަށް އެތައް ސަތޭކަ އަހަރުތަކެއް ނަގާނެއެވެ. 1950 އާއި 1953 އާދެމެދު ކޮރެއާ ސަރަޙައްދަށްވަނީ އެމެރިކާއިން އެހެން އެއްވެސް ތާކަށް ނާޅާވަރަށް ބޮން އަޅާފައެވެ. އުތުރު ކޮރެއާގެ 22 ސިޓީގެ ތެރެއިން 18 ސިޓީއަކަށް ބޮން އަޅާ ބިމާހަމަކޮށްލާފައި ވެއެވެ. 60 އަހަރުވީއިރުވެސް، އުތުރު ކޮރެއާގެ ރައްޔިތުން އެތިބީ އެމެރިކާއިން ދިން ޙަމަލާގެ ގެއްލުންތަކުން ސަލާމަތް ނުވެވިފައެވެ. އެމެރިކާއިންވަނީ މުޅިދުނިޔެ ހަނގުރާމައިގެ ނުރައްކަލާއި ހަމަނުޖެހުމުގެ ތެރެޔަށް ގެންގޮއްސައެވެ.
ފާރޫކު! ވަރަށް ފައްކާ ލިއުމެއް. އެމެރިކާއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތެއް.