އެންމެފަހުން ގެނައި 21 އެމްބިއުލާންސް ރަށްރަށަށް ފޮނުވަން ތައްޔާރުވެއްޖެ

އެންމެފަހުން ގެނައި 21 އެމްބިއުލާންސް ރަށްރަށަށް ފޮނުވަން ތައްޔާރުވެފައިވާކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ އެމްބިއުލާންސްތައް ފޮނުވަނީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ގދ. ނަޑެއްލާ އަދި ކ. ގުރައިދޫ އަށް ކަމަށެވެ.

އަތޮޅުތަކުގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވޭ 96 ރަށެއް ފާހަގަކޮށް އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެއަށް ގެނެސް ރަށްތަކާ ހަވާލުކުރަން ސަރުކާރުން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި އެއްބަސްވުމުގެ ދަށުން ރަށްރަށަށް ފޮނުވަން ގެންނަ އެމްބިއުލާންސްގެ ހަތަރު ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. މި ޝިޕްމެންޓާއެކު އެސްޓީއޯ އިން މިހައިތަނަށް ވަނީ 76 އެމްބިއުލާންސް ރާއްޖެ ގެނެސްފައެވެ. އޭގެތެރެއިން 55 އެމްބިއުލާންސް މިހާރުވަނީ ރަށްތަކާ ހަވާލު ކޮށްފައެވެ.

ފުރަތަމަ ޝިޕްމަންޓްގައި ރާއްޖެ ގެނައި އެމްބިއުލާންސްތައް މިދިޔަ އޮކްޓޯބަރު މަހުގެ 13 ގައި ރަށްރަށަށް ހަވާލުކޮށްފައިވާއިރު، ދެވަނަ ޝިލްމަންޓުގެ އެމްބިއުލާންސްތައް ރަށްރަށް ހަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ތިންވަނަ ޝިޕްމަންޓް ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުތެރޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.