ބުއްދިވެރިއަކީ ތިމާގެ އަޖަލު ގާތްވެގެން ދާހިނދު ތިމާގެ ވަގުތު ތިމާއަށް މަންފާތަކެއް ކުރާ މީހާ: ޝައިޚް ނަސްރުﷲ

ބުއްދިވެރިއަކީ ތިމާގެ އަޖަލު ގާތްވެގެން ދާހިނދު ތިމާގެ ވަގުތު ތިމާއަށް މަންފާތަކެއް ކުރާ މީހާ ކަމަށް އިސްލާމީ މަރުކަޒުގެ އިމާމު، އައްޝައިޚް ނަޞްރުﷲ ޢަލީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައިޚް ނަސްރުﷲ ވިދާޅުވީ ވަގުތަކީ އިންސާނާގެ އުމުރު ކަމަށާއި އެއިން ދުވަހެއް ހިނގައްޖެނަމަ އުމުރުން ދުވަހެއްދަނީކަމެވެ. އަދި އެކަމަށް ވިސްނައި ތިމާގެ ވަގުތުގެ މަންފާ ތިމާއަށް ލިބޭނެފަދައަކުން މަސައްކަތްކުރާ މީހަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ.

"ހުސްވަގުތާއި، ސިއްޙަތަކީ ގިނަ ބަޔަކު އެކަމާމެދު ޣާފިލްވެފައިވާ ދެކަންތައް. ނަމާދާއި ޙައްޖާއި، ރެއާއި ދުވާލާއި މިކަންކަމަށްވެސް އެކި ވަގުތުތައް މާތްﷲ ލައްވަވާފައިވަނީ އޭގައި ޙިކުމަތެއް އޮވެގެން. އެހެންކަމުން އެކަމެއްގެ ވަގުތުގައި އެކަމެއް ލިބިގަތުމަށް މަސައްކަތް ކުރަންޖެހޭ." ޝައިޚް ނަސްރުﷲ ވިދާޅުވިއެވެ.

ހެޔޮޢަމަލުކުރުމުގެ މުޙިންމުކަމުގެ މައްޗަށާއި ރަމަޟާންމަހުގެ މާތްކަމާއި މިމައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ވެސް ޝައިޚް ވަނީ އެދިވަޑައިގެންފައެވެ. އަދި މިއީ ޤުރުއާން ބާވައިލެއްވި މައްސަރުކަން ފާހަގަކުރައްވާ ޤުރުއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން މި މައްސަރުގައި ރޭ އަޅުކަންކުރުމުގެ މައްޗަށާއި ލައިލަތުލް ޤަދްރި ވިލޭރެއާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އެރޭގެ ދަރުމައާއި ޘަވާބުން މަޙްރޫމްވެފައިވާ މީހާއަކީ ހުރިހާ ހެޔޮކަމަކުން މަޙްރޫމްވެގެންވާ މީހެއްކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.