ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެޤައުމުދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔޫތް ލީޑަރސް ފޯރަމް ށ. މިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑު ހެޔޮ ރޫފަ ހުރި، އިލްމީ ގާބިލްކަމާއި ފަންނާއި ހުނަރުވެރިކަން ހުރި މަސައްކަތްތެރިކަމާއި މުރާލިކަން ހުރި ރިވެތި އަޚުލާގާއި ސުލޫކުން ޒީނަތްތެރިވެގެންވާ ބަޔެއް ނަމަ އެ ގައުމު ދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށް ކަމަށެވެ.
ކޮންމެ ގައުމެއްގެ މުސްތަގުބަލު ބިނާވާނީ އެގައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށް ކަމަށް ވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
"އެހެންނަމަވެސް އެ ސިފަތައް އެ ގައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެނަމަ އެ ގައުމެއްގެ މުސްތަގުބަލާމެދު ހުރި ހިތާމަ ބޮޑުވެގެން ދާނެ. މި ގައުމަކީ ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރި ކުރެވިފައިވާ ގައުމެއް. ދިވެހިންގެ މެދުގައި ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއް." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުޖުތަމައުއަކީ ކުށް މަދު އަމާން ރައްކާތެރި މުޖުތަމައުއަކަށް ހެދުމަކީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ޔޫތް ލީޑަރސް ނެޓްވޯކުން އެ މަސްއޫލިއްޔަތު ޒުވާނުންނާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ ބަލިވުމުގެ ކުރިން ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިޢުމަތް ލިބިގަންނަން ކަމަށާއި ދުޅަހެޔޮ ރަނގަޅު ހެޔޮ ފަސްގަނޑެއްގައި ގޮވާން ހައްދަން ކަމަށެވެ. އަދި ކުށާއި ކުށްކުރުމުގެ ބިރުވެރިކަން އުފެދުމުގެ ކުރިން އަމާން ރައްކާތެރި ފާގަތި މުޖުތަމައުއެއް ބިނާކުރަން ވެސް ބޭނުންވެވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.