އެންމެ ޚަރަދު ބޮޑުވާ މަހު ހިޔާ ފްލެޓުގެ ކުލި ނަގަން ނުފެށުމަށް މާލޭ ސިޓީ މޭޔަރ ޑ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އޭނާ މިހެން ގޮވާލެއްވީ މާރޗު މަހުން ފެށިގެން ހިޔާ ފްލެޓުތަކުގެ ކުލި ނަގަން ފަށާނެ ކަމަށް އެޗްޑީސީން ބުނުމާއިގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޑރ. މުޢިއްޒުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަހު (ރަމަޟާން މަހު) ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް ޢާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭކަމެއް ކަމަށެވެ. އަދި މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ.
ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަހު(ރަމަޟާން މަހު)ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް ޢާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭކަމެއް. މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް ގޮވާލަން!
— Dr Mohamed Muizzu (@MMuizzu) April 2, 2022
ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ ދައްކަންޖެހެއެވެ. އަދި މެއިންޓެނެންސް ފީ ގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖަހައެވެ.
އެހެންކަމުން ހިޔާ ފްލެޓްވެރިންގެ 8500 ރުފިޔާ ދައްކަންޖެހޭނެއެވެ.
ހުޅުމާލޭ ފޭސް 2 ގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވެ، ހިޔާ ކުލިނަގަން އެޗްޑީސީން ފަށަނީ ތިން ފަހަރެއްގެ މަތިން، ކުލި ނެގުން ސަރުކާރުން ފަސްކޮށްދިނުމަށް ފަހުއެވެ.
6720 ހައުސިންގ ޔުނިޓުގެ ހިޔާ ހައުސިންގ ޕްރޮޖެކްޓުގެ ފްލެޓްތަކުގެ އެގްރިމެންޓްގައި ފްލެޓްތަކުގެ ވެރިންނާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.
އެހެންނަމަވެސް ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތަކަށް ތިން މަސްދުވަހުގެ މުއްދަތެއް ކުލި ނުނަގާ ގޮތަށް ދިނުމަށް ސަރުކާރުން ނިންމިއެވެ. އަދި މިމުއްދަތު 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވިއިރު ވެސް ބައެއް މަސައްކަތްތައް ނުނިމި ހުރުމުން ސަރުކާރުން ދެން މުއްދަތު ފަސްކުރީ، މިދިޔަ އަހަރުގެ ނިޔަލަށެވެ.
ނަމަވެސް ގިނަ ފްލެޓްތަކެއްގެ މަސައްކަތް ނިމިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވީ މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް މިމުއްދަތު އިތުރުކޮށްދެއްވުމަށެވެ.
އެޗްޑީސީން ވަނީ ފްލެޓު ކުލި ދެއްކުމަށް އެޗްޑީސީގެ "މައި ހުޅުމާލެ" އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. އެކަމަކު މި އިންތިޒާމް މިވަގުތު ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އެކަންޏެވެ.
މީގެ އިތުރުން އެޗްޑީސީގެ ކަލެކްޝަން ކައުންޓަރުން ވެސް ކުލި ދެއްކޭނެ ކަމަށާއި އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށް ޚާއްސަ ކޮށްފައިވާ ކައުންޓަރުން، ނަގުދު ފައިސާއާއި ޗެކު އަދި ބޭންކް ކާޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.