(2 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ތިޔައީ ވަރަށް ނުބައި އިންތިހާއަށް ބަދުއަޚްލާގީ ކަމެއް. އެފަދަ ކަންކަމަށް ކިޔަނީ ޣީރަތްތެރިކަމެއް ނެތުމޭ. ވަކި ކަހަލަ ކަމެއް ކޮށްފައި ފިރިމީހާއަށް ވިސްނައި ދީފާނަމޭ ބައެއް އަންހެނުން ވަރަށް ފަޚުރުވެރިކަމާއެކު ބުނޭ. އެއީ އެ މީހުންނަށް ކުރެވޭ ކުށްހިއެއް. އެކަހަލަ ކަންކަމުގެ ސަބަބުން ގޭގެ ހާލަތު ޚަރާބު ވެގެންދާ ގޮތް އެމީހުންނަށް ނުވިސްނެނީ. ދިރިއުޅުން ހަލާކުވެގެންދާ ގޮތް ނޭނގެނީ. އެކަހަލަ ކަންކަމުގެ ނަތީޖާ ފެންނަނީ ފަހުން. ކަލޭގެ އަނބިމީހާވެސް ކުރިމަތިލާން ޖެހިފައި މި އޮތީ އެފަދަ ނަތީޖާއަކާ. މިހާރު އެއްވެސް މީހަކު އޭނާއަކަށް ޚަބަރެއް ނާންގާ. އެންމެން ތިޔަ ތިބީ އޭނާއަށް ކަންތައްތައް ސިއްރު ކޮށްގެން. އޭނާގެ ބޯ މައްޗަށް މުސީބާތުގެ ފަރުބަދަ ވެއްޓޭނީ އެނބުރި އައީމާ."
"ސާހިބާ. އެކަހަލަ އަންހެނުންނަކީ ހިއްސު ކެނޑިފައި ތިބޭ ފަރުވާ ކުޑަ ބައެއް. ނުބައި ނަތީޖާއަކީ އެމީހުން މާ ބޮޑަށް ސަމާލުކަން ދޭ އެއްޗެއް ނޫން. ގެ ބަރުބާދު ވެއްޖެއްޔާ އެތައް ފަހަރަކު އާބާދު ކޮށްގެންފާނަމޭ އެމީހުންގެ ހިތަށް އަރާނެ. ރީތިކަމާއި ޒުވާން ކަމަށްޓަކައި އެކަހަލަ މީހުން ފަޚުރުވެރި ވާނެ. ރީތިކަން އަތުން ބީވެގެން ދިޔައީމާ އޭނާ އޮތީ އަހަރެންގެ ފައިބުޑުގައި. މިހާރު އޭނާގެ ދެފައި ބިމަކު ނުޖެހޭނެ. އޭނާގެ މޫނު ރީތިވުމުގެ މާ ކުރިން ލަންޑަނުގެ އިޝްތިހާރު ކުންފުންޏަކުން ބޮޑު އަގު ދީފައި އޭނާ ކުއްޔަށް ހިފައިފި. އަނެއްކޮޅުން ޖަމްޝީދު ކަހަލަ މުއްސަނދި މީހަކު އެހެރީ އޭނަޔާ ހެދި މޮޔަވެފައި. އެފަދަ އަންހެނަކު ނަތީޖާ ދެކެ ބިރު ގަންނާނެތޯ؟"
"އޭނާ ތިޔަ ބުނާ ފައިސާއާއި މުދާ ދޫކޮށްލާފައި ތިޔަ ބުނާ ޒުވާން މުއްސަނދި މީހާވެސް ދޫކޮށްލާފައި ރީތިކަމާއި ޒުވާންކަމަށްޓަކައި ފަޚުރުވެރި ނުވެ ކަލެޔާއެކީ ދިރިއުޅެން އެނބުރި އަތުވެއްޖެއްޔާ އޭނާގެ ވަފާތެރިކަމާއި ކިޔަމަންތެރިކަން ގަބޫލުކޮށް ޔަގީން ކުރުމަކީ ކަލޭގެ މައްޗަށް ލާޒިމު ކަމަކަށް ވާނެ. ސަބަބަކީ ހުރިހައި ކަމަކާއި އެއްޗެއް ދޫކޮށްލާފައި އައިސް ކަލެޔާއެކީ ދިރިއުޅެން އޭނާ ބޭނުންވާކަން."
ބާދްޝާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ނޫން ސާހިބާ. އަންހެނުން ދެކޭ ގޮތުގައި ކުލީކާރު ދުއްވާ މީހަކަށް ވިޔަސް މަތީ ދަރަޖައިގެ ބޭފުޅަކަށް ވިޔަސް ކޮންމެ ފިރިހެނަކީވެސް ބޮޑު މޮޔައެއް. މުޖުތަމަޢުގައި އޭނާގެ މީހަކަށް އެއް ފަހަރު ވުމާއެކީ ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވެސް ދަރިފުޅަށްޓަކައި ފިރިހެންމީހާޔާ އެކީގައި އަންހެންމީހާ އުޅޭނެ. އެކަމަކު އިހަށް ވީ ލޯތްބެއް ނުވާނެ. އިހުގެ ވަފާތެރިކަމެއްވެސް ނޯންނާނެ. އޭނާ އުޅޭނީ ބަދުނާމު ވެދާނެތީ ގަންނަ ބިރެއްގެ ސަބަބުން. އޭނާ އެއް ފަހަރު އަޅުގަނޑަށް މަކަރު ހަދައިފި. ފަހުން މަކަރު ހަދާނީ ކިތައް ފަހަރު ކަމެއްވެސް ނޭނގޭ. މުޅި އުމުރު ދުވަހު އަޅުގަނޑު ހުންނަންވީ އޭނާއަށް ފާރަލުމުގައިތޯ؟"
އިންސްޕެކްޓަރު ގޮނޑީގައި ރަނގަޅަށް ލެނގިލުމަށް ފަހު ފުން ނޭވައެއް ލިއެވެ. "ކުށް ކުރީ އޭނާ. އެންމެ ކުށްހިއަކުން އެތައް ކުށްހިއެއް އުފެދިގެން ދާނެ. އެހެންވީމާ އިހަށް އޮތް އިތުބާރެއް ނޯންނާނެ. ކަލެއަށް ވިސްނައިދީދީ ވަރުބަލި ވާނީ އަހަރެމެން. ކަލޭގެ ހިތެއް ސާފެއް ނުވާނެ. އިތުބާރު މަރުވެއްޖެއްޔާ ހުރިހައި ކަމެއް ޚަތަމުވެ ނިމިދާނެ."
އިރުކޮޅަކަށް ފަހު ބާދްޝާ ތެދުވެގެން ހިނގައިގަތީމާ އިންސްޕެކްޓަރު ސުވާލު ކޮށްލިއެވެ. "އަހަރެން ބުނާ ވާހަކައެއް ގަބޫލު ކުރާނަންތަ؟"
"އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅަށް ފައިދާވާ ކޮންމެ ވާހަކައެއް ގަބޫލު ކުރާނަން."
"އަހަރެން މި ވާހަކަ މި ބުނަނީވެސް ދަރިފުޅަށްޓަކައި. ދަރިފުޅުގެ މަންމަ ވަރި ނުކުރާތި. އެހެން ހަދައިފިއްޔާ ދަރިފުޅު ބޮޑުވެގެން އަންނާނީ އަމިއްލަ ނަފުސަށް އިތުބާރު ނުކުރާ ކުއްޖެއްގެ ގޮތުގައި. އޭނާގެ މަންމަ ހުރީ ވަރި ކޮށްފައޭ ބުނާ ކޮންމެ ފަހަރަކު އޭނާ އިސް ދަށަށް ޖަހައިލާނެ. ކަލޭގެ ދަރިފުޅު އިސްޖަހައިގެން ދިރިއުޅުމަކީ ރުހެވޭ ކަމެއްތަ؟"
ބާދްޝާ އިސް ދަށަށް ޖަހައިލައިގެން ހުރެ އަނގައިންވެސް ނުބުނެ ނުކުމެގެން ހިނގައްޖެއެވެ.
ހަތަރު މަސް ދުވަސް ފާއިތު ވެގެން ހިނގައްޖެއެވެ. ޚަރަދުބަރަދު ހަމަޖެއްސުމަށްޓަކައި އިތުރު ފައިސާ ބޭނުން ވެއްޖެއެވެ. ކަރާޗީއަށް ގޮސް ކާރުގެ ހިސާބުކިތާބު ބަލައިފައި ފައިސާކޮޅެއް ގެންނާނީއޭ އޭނާގެ ހިތަށް އަރައިފިއެވެ. އޭނާއަށް ޖެހުނީ ދަރިފުޅު އާދަނުގެ މަންމަޔާ ހަވާލު ކުރާށެވެ. ކާމީވެސް މިހާރު އެ ދައިތައަށް އާދަވެއްޖެއެވެ. ބާދްޝާވެސް ހުންނަނީ ދަރިފުޅު ރަނގަޅަށް ބެލެހެއްޓޭތީ އުފަލުންނެވެ.
ރޭލަށް އެރުމަށް ފަހު އޭނާ ހިސާބު ޖަހައިލިއެވެ. އެނބުރި ރަށަށް އެ ދަނީ ހަތަރުމަހާއި ދިހަ ދުވަސް ފަހުންނެވެ. އޭނާ ދަތުރު ފެށްޓީ ޚަރަދުބަރަދަށް ބޭނުންވާ ފައިސާ ބަލައެވެ. އެކަމަކު ރޭލުގައި އިށީނދެވުމާއެކު އޭނާގެ ހިތުގެ އަޑީގައި ހިނގާ ޝުއޫރެއް ތަންކޮޅެއް ތިލަވެއްޖެއެވެ. އޭނާ އެ ދަނީ ކޮންމެވެސް މީހަކާ ބެހޭ ގޮތުން މައުލޫމާތު ހޯދާށެވެ.
ކަރާޗީގެ ކެންޓް އިސްޓޭޝަނަށް އޭނާ ފޭބީ އިރުއޮއްސި ހައެއް ޖެހިތަނާއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެއެވެ. އޭނާ ބަހަކަށް އަރައިގެން ޖަހާންގީރް ރޯޑަށް ހިނގައްޖެއެވެ. ދުރުން ބަލައިލީއިރު އިންޖިނޭރުބޭބެގެ ގަރާޖު ހުރީ ހުޅުވައިފައެވެ. އިންޖިނޭރުބޭބެގެ ދަނބިދަރި ގޮނޑިއެއްގައި އިށީނދެގެން މީހަކާ ވާހަކަދައްކަން އިނެވެ. ގަރާޖުގެ އެހެން މީހުން މަސައްކަތުގައި އަވަދިނެތި އުޅެއެވެ. އޭނާ ކައިރީގައި ހުރި ސައި ހޮޓަލަށް ވަދެ ސައިތަށްޓެއް ގެނެސްގެން ބޯން ފަށައިފިއެވެ. ގާތްގަނޑަކަށް ގަޑިއެއްހައި އިރު ފަހުން ގަރާޖުގެ ގިނަ މުވައްޒަފުން ގޮސް ތަން މުޅީން ކަހަލަ ގޮތަކަށް ހުސް ވެއްޖެއެވެ. އޭނާ ހޮޓަލުން ނުކުމެގެން ގޮސް ގަރާޖަށް ވަދެއްޖެއެވެ. އިންޖިނޭރުބޭބެގެ ދަނބިދަރިއަށް އޭނާ ފެނުމާއެކު އުފަލުން ސަލާން ކޮށްލާފައި ބުންޏެވެ. "ކަލޭ ތިޔަހަރީ ކަލޭގެ ގޭގެ މީހުންނަށް ވަރަށް ބޮޑު ތުރާލެއް ޖައްސާފައެއްނު؟"
"ކާކުގެ ގެއެއް؟ ތުރާލެއް ޖައްސަން އަހަރެންގެ ހުރީ ކާކު؟"
"ތިޔަހެން ނުބުނޭ. ކަލޭގެ މައިދައިތައާއި ބަފައިބެ ތިބީ ވަރަށް ކަންބޮޑުވެފައި. ކަލޭ ދިޔަ ދުވަހު ނޫން އަނެއް ދުވަހު އެ ދެމަފިރިން އެހެން ޒުވާން އަންހެން ކުއްޖަކާ އެކީ މިތަނަށް އައި."
"ޒުވާން އަންހެންކުއްޖެކޭ؟ އެއީ ކާކު؟"
ކުޑޭ ކުރިއަށް ޖެހިލާފައި ބުންޏެވެ. "ވެރިޔާ. އެއީ އެއްކަލަ ވެރިޔާގެ ކާރަށް ފުރަތަމަ ދުވަހު އެރި ކުއްޖާ."
އެ ވާހަކަ އިވުމާއެކު އަނެއްކާވެސް ބާދްޝާގެ ހިތުގައި ލޯބީގެ ވިންދު ޖަހަން ފަށައިފިއެވެ. އޭނާވެސް އެ އައީ އަހަރެން ނުފެނިގެންތާއެވެ. ލޯބީގެ ޖޯޝް ހިލިގަތީ އަހަރެން ދިޔައީމައެވެ. "އޭނާ އައީ ކީއްކުރަން؟"
"އެ މީހުން އައީ މުސައްވިރު އުޅޭ ތަނެއް އޮޅުންފިލުވަންވެގެން. އަހަރެން އެޑްރެސް ދިނީމާ އެމީޙުން ހިނގައްޖެ. މުސައްވިރާ ބައްދަލުވީ ކަމެއް އަހަންނަކަށް ނޭނގޭ."
އޭނާ އިންޖިނޭރުބޭބެގެ ދަނބިދަރިއާ ދިމާއަށް ބަލައިލިއެވެ. "ޖަމާލުބޭބޭ. އަހަރެންގެ ހިސާބުގައި ކިހައި ރުފިޔާއެއް އެބަހުރިތަ؟"
"ޖާނީ. ކާރު އަމިއްލައަށް ދުއްވުމާއި މީހަކާ ހަވާލުކޮށްގެން ދުއްވުމާ ތަފާތުވާނެ. ކަލޭ އަމިއްލައަށް ދުއްވި އިރު މަހަކު އެތައް ހާސް ރުފިޔާއެއް ހޯދަމެއްނު؟ އެކަމަކު މިހާރު ކަލޭގެ ހިސާބުގައި ހަތަރު މަސް ދުވަހުން ޖަމާވެފައި ހުރީ ދެ ހާސް ދުއިސައްތަ ރުފިޔާ. ކާރުގެ މަރާމާތަށާއި އެހެން ކަންކަމަށް ޚަރަދުކުރިވަރާއި ބާކީ ހުރިވަރު އަހަރެން ބަރާބަރަށް ލިޔެފައި ހުންނާނެ."
"ހިސާބު ބަލާކަށް އަހަރެން ބޭނުމެއް ނޫން. ބަލަން ޖެހިއްޖެއްޔާ ފަހުން ބަލައިފާނަން. މި ވަގުތު ދެ ހާސް ރުފިޔާ ދީ."
"މި ވަގުތު އަތަކު ނެތް. މާދަމާ ހެނދުނު ދީފާނަން."
"މާދަމާ ހެނދުނަށް މަޑުކޮށްގެން ވާކަށް ނެތް. އެއްވެސް މީހަކަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫން. މީހަކަށް އަހަރެން ފެނިއްޖެއްޔާ އަރައިރުންގަނޑެއް އުފެދިދާނެ. އަންނަ ރުޅީގައި އަހަރެންގެ އަތުން މީހަކު މަރުވެސް ވެދާނެ."
"ތިޔަ ކަހަލަ ރުޅި އައުމަކީ ހަރާން ކަމެއް. ހަމަޖެހިލައިގެން އިށީނދޭ. ދެމީހުން ކާން ހިނގާ."
"ނޫނޭ ޖަމާލުބޭބޭ. އަހަންނަކަށް މިތާނގައި މާ ގިނަ އިރަކު ނުހުރެވޭނެ. ތިޔަގޭ ދައްތައަށް އެނގިއްޖެއްޔާ އަހަރެންގެ މައިދައިތައަށް އަންގައިފާނެ. އަހަރެން މައްސަލަގަނޑެއްގެ ތެރެއަށް ނުވައްދާ. މިހާރު ދެ ހާސް ރުފިޔާ ދެވެން އޮތިއްޔާ ދީ. އެހެން ނޫނީ އަހަރެން މާދަމާ މުސައްވިރު ފޮނުވާނަން. އޭނަޔާ ހަވާލުކޮށްލާ."
"ކަލޭ ހުންނާނީ އޭނާ ގާތުތަ؟"
"ތިޔަހައި ބޮޑަށް ކޮންނަނީ ކީއްކުރަން؟ އަހަރެން މުސައްވިރު ގާތަށް ދިޔައީމާ ޖަމާލުބޭބެ ތިޔަ އުޅެނީ އަހަރެންގެ ބަފައިބެގެ ދެމަފިރިން ގޮވައިގެން އެގެއަށް އަންނަންތަ؟ އަހަރެންގެ ކަންބޮޑުވުން އިތުރު ކުރަން މަސައްކަތް ކޮށްފިއްޔާ އަހަރެން ޖަމާލުބޭބެޔާވެސް ގުޅުން ކަނޑައިލާނަން."
"އަހަރެން މި އުޅެނީ ކަލޭގެ ކަންބޮޑުވުން ބޮޑު ކުރާކަށް ނޫން. ކުޑަކުރަން. މައްސަލަތައް ހައްލުކުރަން. ނުބައި ޚިޔާލުތަކުގައި އެނބުރޭ ކަމަށް ވަންޏާ އިތުރަށް ކަންބޮޑުވާނީ. ރުޅި ހައްތަހާ ގަދަވާނީ. ކަންތައްތަކުގެ ރަނގަޅު ފަޅިއަށްވެސް ނިކަން ބަލަ..."
އޭނާ ޖަމާލުގެ ވާހަކަ މެދުކަނޑައިލިއެވެ. "މި ކަމުގެ ރަނގަޅު ފަޅިއަކީ ކޮބާ؟ އަހަރެން އަނބިމީހާ އަހަންނަށް ވުރެ ބޮޑަށް ޖަމާލުބޭބެއަށް އެނގެނީތަ؟ ޖަމާލުބޭބެ ދުވަހަކުވެސް މަކަރެއްގެ ދަށުވިތަ؟ މީހަކު ޖަމާލުބޭބެއަށް ދޮގު ހެދިތަ؟ ޖަމާލުބޭބެގެ ކާވެނިވީ އަހަރެންގެ ކާވެނި ވީގޮތަށްތަ؟ ޖަމާލުބޭބެ ގާތު ނުބުނެ ދައްތަ ދުވަހަކުވެސް އެއްވެސް ތަނަކަށް ދިޔަތަ؟ އަހަރެންގެ އަނބިމީހާ ލަންޑަނަށް ދިޔައީ އަހަންނަށް މަކަރު ހަދާފައި. އަހަރެންގެ ރުޅި ގަދަ ކުރުވަން ނޫޅޭ."
"ކަލޭ ތިޔަ ދައްކާ ހުރިހައި ވާހަކައެއް އަހަރެން ގަބޫލުކުރަން. އެކަމަކު ކީއްކުރާނީ؟ އަހަރެންގެ ގޭގެ ހުރިހައި އަންހެނުންވެސް ތިބީ ރުޚްސާނާފަހަރީގެ ފަޅީގައި."
"އަންހެނުން އަބަދުވެސް ތިބޭނީ އަންހެނުންގެ ފަޅީގައި. ޖަމާލުބޭބެ ބުނަނީ ކީކޭ؟"
"އަހަރެން ބުނަން އޮތީ ރުޚްސާނާފަހަރި ކުށެއް ކޮށްފިޔޭ. އެހެންވީމާ ކަލެއަށް ފެންނަ އަދަބެއް އޭނައަށް ދޭށޭ. އެކަމަކު އަމިއްލަ ގެޔާއި ދަރިފުޅުގެ ކުރިމަގު ހަލާކުކޮށް ނުލާށޭ."
އެ ވާހަކަޔާ ބާދްޝާ ވަރަށް ބޮޑަށް ނުރުހޭ ގޮތް ވެއްޖެއެވެ. އެހެންވީމާ ގަރާޖުން ނުކުންނާން ހިނގައިގެންފިއެވެ. ގޮސްގޮސް ހުރެފައި ހުއްޓިފައި އެނބުރި ބަލައިލިއެވެ. "އެންމެ ރަނގަޅު. އަހަރެން، އަހަރެންގެ ގެ ހަލާކެއް ނުކުރާނަން. އާބާދު ކުރާނީ. އެހެން ކާވެންޏެއް ކޮށްގެން."
މިހެން ބުނެފައި ނުކުމެގެން އެ ދިޔަ ގޮތަށް ގޮސް އެރީ ބަހަކަށެވެ. ބަހުގައި ދިޔައީ ކަރީމްއާބާދަށެވެ. އެތަނަށް ފައިބައި މުސައްވިރު ފެނޭތޯ ހޯދަމުން ގޮސް ސައި ހޮޓަލަކަށް ވަދެއްޖެއެވެ. އެ ހޮޓަލުގައި މުސައްވިރު ސައި ބޯން އިނެވެ. އޭނާ ފެނުމާއެކު ފުންމައިގެން ތެދުވެ ސަލާން ކޮށްފައި ބުނެފިއެވެ. ""ވެރިޔާ. ނުފެންނަތާ ހާދަހާ ގިނަ ދުވަހެއް ވެއްޖެއޭ. ކޮން ތާނކަށްތަ ދިޔައީ؟"
ބާދްޝާ އަހައިލިއެވެ."ކަލޭ ސައި ބޮއިފިންތަ؟"
"ބޮއިފިން. އާދޭ އަދި ސައި ބޯން."
"މި ތަނަކުން ނޫން. އެހެން ތަނަކަށް ހިނގާ."
އޭނާ މުސައްވިރުގެ އަތުގައި ހިފައިގެން ގޮސް ހޮޓަލުގެ ކޮށިގަނޑު ދޮށަށް ހުއްޓިއްޖެއެވެ. ސައި ބިލަށް ފައިސާ ދައްކާފައި އަނެއްކާވެސް އޭނާގެ އަތުގައި ހިފައިގެން ގޮސް ހޮޓަލުން ނުކުމެއްޖެއެވެ.
"ވެރިޔާ. އަހަރެން ދަމާފައި ތިޔަ ގެންދަނީ ކޮން ތަނަކަށް؟"
"ދުރު ތަނަކަށް ހިނގާ."
"އަހަރެންގެ ފިހާރައަށް ހިނގާ."
"އެ މީހުން އައިސް އަހަރެން އަތުލައިގަންނާނެ."
"ފުލުހުންތަ؟"
"މައިދައިތަމެންގެ ކުރިމަތީގައި ފުލުހުން ވާނީ ކޮން ބަޔަކަށް؟"
"ހޫނ. މިހާރު އެނގިއްޖެ. ފަރީދުބޭބެއާއި ފަރުޒާނާދައްތަ އަހަރެންގެ ފިހާރައަށް އައި. އަހަރެން އެ ދުވަހު ހަވީރު ފަރުޒާނާދައްތަގެ ކުލިނިކަށް ދިޔައިން. ކީއްކުރަންކަން އެނގޭތަ؟"
(ނުނިމޭ)