ފަޅިމޫނު - 113

(25 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ ކުނިކަހަން އޮވެފައި ހުއްޓައިލައިފައި އިސް އުފުލައި ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު އަނެއްކާވެސް ކުނިކަހަން ފަށައިފިއެވެ. ދެ ދުޝްމިނުން އެއް ފުރާޅެއްގެ ދަށުގައި ތިބުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ފުރާޅުގެ ދަށް ވެފައި ވަނީ ތަމްސީލު ކުޅޭ ތަނަކަށެވެ. ވަގުތު މި ވަނީ ދެމީހުން އެއް ފުރާޅެއްގެ ދަށަށް އެއްތަން ކޮށްފައެވެ.

ކުނިކަހަމުން ގޮސް އެންމެ ފަހުގެ އެތިކޮޅު ކަހައިލާން އަންނާން ޖެހުނީ ބާދްޝާގެ ފައިބުޑަށެވެ. އެ ހިސާބުން ފަރުޒާނާގެ އަތް ހުއްޓިއްޖެއެވެ. އިލޮށިފަތި ހުއްޓިއްޖެއެވެ. ފަރުޒާނާ ކުނިކަހަން ގުދު ވެގެން އޮތް ގޮތަށް އޮތީއެވެ. އެހެން އޮވެގެން އޭނާ ބަލަމުން ގެންދިޔައީބާދްޝާގެ ފައިތިލައަށެވެ. ބޫޓަށެވެ. އޭނާ ދުރަށް ޖެހިލީމާ އެތާނގައި ހުރި ކުނިކޮޅު ކަހައިލެވޭނޭ ވަގުތަކަށް އިންތިޒާރު ކުރަނީއެވެ.

ބާދްޝާ ހަމަ އެ ހުރި ގޮތަށް ކޮޅަށް ހުރީއެވެ. އޭނާ ހުރި ތަނުން ދުރަށް ޖެހިލުމަކީ ފަރުޒާނާ ބޭނުންވާ ގޮތްކަން އޭނާއަށް އެނގެއެވެ. އެކަމަކު ފަރުޒާނާވެސް ގޮތެއް ދުލެއް ނުކުރިއެވެ. ބާދްޝާގެ ވަށައިގެން ކުނި ޖަހައިލުމަށް ފަހު އެއް ތަނަކަށް ކުނި ޖަމާކޮށްފިއެވެ. ދެން ދިޔައީ އަލަމާރި ދޮށަށެވެ. އެއީ އޭނާގެ އަތުން އެންމެ ގިނައިން ލޭ ފައިބައިފައި ހުރި ތަނެވެ. އެ ލޭ މިހާރު ހުރީ ގަނޑުވެފައެވެ. އޭނާ އަނެއްކާވެސް ގޮސް ބަނޑަހަގެއަށް ވަދެއްޖެއެވެ. މި ފަހަރު އެނބުރި އައީ ފޮތިގަނޑެއް ހިފައިގެންނެވެ. އެ ފޮތިގަނޑުން ތަޅުންގަނޑުމަތީގައި ހުރި ލޭ ފޮހޭން ފަށައިފިއެވެ.

ބާދްޝާ ވަރަށް ބޮޑަށް ލަދު ގެންފިއެވެ. ލޭ އޮހޮރުނު މީހާ އަމިއްލައަށް އަނިޔާގެ ނިޝާން ފޮހެނީއެވެ. އޭނާ ޖެހިލުންވެފައި ހުރެގެން އެ އަނިޔާގެ ބަހަނާ ދައްކާން އުޅެގެންފިއެވެ. "ފަރުޒާނާގެ ގައިގައި އަތް ލާކަށް އަހަރެން ބޭނުމެއް ނޫން. އަތް ނުވެސް ލީމުސް. އެކަމަކު ނިކަން ވިސްނައިލަބަލަ. ފަރުޒާނާ އަހަންނަށް މަކަރު ހެދީ. އަހަންނަށް ފިލައިގެން އުޅެ އަހަރެން ރުޅި އަރުވަމުން ގެންދިޔައީ. އެނެމް ފަހުން އަހަރެން މޮޔަވާ ދަރަޖަށް ދުއްވައިލީ. ރުޅި ގަދަވެގެން ގޮސް މި ކަހަލަ މޮޔަ ކަމެއް ކުރީމާ އެކަމުގައި އަހަރެން އޮތީ ކޮންކުށެއްތޯއާއި ފަރުޒާނާ ކިތައް ކުށް ކުރިންތޯ ނިކަން ވިސްނާލަބަލަ."

ފަރުޒާނާގެ ފަރާތަކުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ އަނގައިންވެސް ނުބުނެ މަސައްކަތް ކުރަމުން ގެންދިޔައީއެވެ. ކުޑަ ޑަބިޔާގަނޑަކަށް ހުރިހައި ފުޅިތޮށި އަޅައިފިއެވެ. ތަޅުގަނޑު ސާފުކޮށް ނިމުނީމާ ކޮޓަރި ތެރެ ތަރުތީބު ކުރާން ފަށައިފިއެވެ. ތަރުތީބު ކުރަމުން ދަނިކޮށް ލޯގަނޑުން އަމިއްލަ ސޫރަ ފެނުނީމާ ކުޑަކޮށް ހުއްޓިލައި ޒަޚަމްތަކަށް ނަޒަރެއް ހިންގައިލިއެވެ. އެޔަށް ފަހު އެނބުރި ބާދްޝާއާ ދިމާއަށް ކަޅި އަޅައިލިއެވެ. ބާދްޝާ އިސް ދަށަށް ޖަހައިލިއެވެ. ފަރުޒާނާ ޑަބިޔާގަނޑު ހިފައިގެން ގޮސް ކުލިނިކަށް ވަދެއްޖެއެވެ.

ފަރުޒާނާ އެހެރީ ވަރަށް ބޮޑަށް ރުޅި އައިސްފައިކަން ރީތިކޮށް އެބަ އެނގެއެވެ. ބާދްޝާ އެ ކުރި ކަންތައްތަކުގެ ނަތީޖާއަކީ ނަފުރަތު ނޫން ކޮން އެއްޗެއް ހެއްޔެވެ؟ މި ގޭތެރޭގައި އޭނާ ހުރި ހުރުންވެސް ފަރުޒާނާއަށް ބަރުދާސްތު ނުކުރެވޭ ކަހަލައެވެ. އެކަމަކު އަނގައިން ބުނާކަށްވެސް ބޭނުމެއް ނުވެއެވެ. އެހެންވީމާ މިގެއިން ނުކުމެގެން ދާށޭވެސް ބުނެވޭކަށް ނެތެވެ.

އެ ވަގުތު ބޭރު ދޮރުގައި މީހަކު ޓަކި ޖަހައިލީ އަޑު އިވިއްޖެއެވެ. ފަރުޒާނާ ބިރުގެންފައި ދޮރާ ދިމާއަށް ބަލައިލިއެވެ. ކުލިނިކާއި ގެޔާ ގުޅޭ ދޮރުމަތީގައި އެހެރީ ބާދްޝާއެވެ. ގެއަށާއި ކުލިނިކަށް ވަންނާން ހުރި މައި ދޮރުމަތީގައި ކޮންމެވެސް މީހަކު އެބަހުއްޓެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ބާދްޝާ ކުލިނިކަށް ގެނެސްފައި ބޭސް ކުރުވަން އައި މީހެކޭ އޭނާއަށް ބުނެވިދާނެއެވެ. އެކަމަކު އޭނާގެ ކިބައިގައި ހުންނަ އާދައަކީ މީސްމީހުންގެ ކުރިމަތީގައި އޭނާގެ ބަލިފައި ފޮރުވައިގެން އުޅުމެވެ. އެހެންވީމާ ބާދްޝާއަށް ކުލިނިކަށް ވަދެވުމުގެ ކުރިން މެދު ދޮރު ލައްޕައިފައި ކުލިނިކު ތެރެއިން ތަންޑު އަޅުވައިފިއެވެ.

ބޭރުން ދެވަނަ ފަހަރު ޓަކި ޖަހައިފައި ބުނެލީ އަޑު އިވުނެވެ. "ދައްތާ. ދޮރު ހުޅުވާ. އަހަރެން މިއީ އަރުޝަދޭ." އަރުޝަދަކީ ކުލިނިކުގައި ފަރުޒާނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހާއެވެ. ޒުވާން ކުއްޖެކެވެ.

ފަރުޒާނާ ދޮރު ހުޅުވައިލިއެވެ. އަރުޝަދަށް އޭނާ ފެނުނީމާ ހައިރާން ވެފައި އަހައިލިއެވެ. "ދައްތައަށް ތިޔަހަރީ ކިހިނެއް ވެފައި؟ މުޅި ހަށިގަނޑު ތިޔަ އޮތީ ޒަޚަމް ވެފައެއްނު؟ ކިހިނެއްވީ؟"

ފަރުޒާނާ ބުންޏެވެ. "ވަދޭ. ހުރިހައި ސުވާލެއް ކުރާނީ ބޭރުގައި ހުރެގެންތަ؟"

އަރުޝަދު އެތެރެއަށް ވަދެ، ދޮރު ލައްޕައިފިއެވެ. ފަރުޒާނާގެ ހިތަށް އެރިއެވެ. ކޮޓަރިތެރެ ސާފުކޮށް ނިމުނު ނަމަވެސް އަމިއްލަ ސިފަ ހަމަޔަކަށް އަޅުވައި ނުނިމެނީސް އަރުޝަދު އައިކަން ވަރަށް ދެރައެވެ. "ކޮޓަރި ތެރޭގައި އެހެރަ ބިއްލޫރި އަލަމާރީގައި އަޅައިގެންފައި ވެއްޓުނީ. ބިއްލޫރިގަނޑު ތަޅައިގެން ދިޔައީމާ މި އަނިޔާވީ. ބޭސް އަޅާ ސާމާނު ގެނެސްދީ."

މިހެން ބުނެފައި ފަރުޒާނާ އަމިއްލައަށް ދެތިން ގުޅަ ބޭސް ކައިފިއެވެ. އަދި އިންޖިކުސަނެއްވެސް ތައްޔާރުކޮށްފިއެވެ. ބޭސް އަޅައިދީ، އިންޖިކުސަން ޖަހައިދިނީ އަރުޝަދެވެ.

"ދައްތަ އަރާމުކޮށްލާ. އަހަރެން ގޭތެރެ ކުނި ކަހައި ސާފު ކޮށްފާނަން. މަންމަ ބުނީ ދައްތައަށް ދޭން ކާ އެއްޗެހި ހިފައިގެން މިއަދުވެސް އަންނާނަމޭ."

ފަރުޒާނާ ބުންޏެވެ. "މަންމައަށް ސަލާން ބުނެފައި ބުނާތި ބުރަ އުފުލާނެ ކަމެއް ނެތޭ. އަހަރެން އަލިއްލައަށް ކައްކައިފާނަން."

"ނޫނޭ ދައްތާ. މާދަމާ މިއީ ދައްތަގެ މަންމަގެ ފާތިހާ ދުވަސް. އަދި އަމިއްލައަށް ކައްކާކަށް ނުވާނެ. މާދަމާ ފަހަނައަޅައި ދިޔައީމާ ނޫނީ އުނދުނަށް އަލިފާން ލާކަށް ނުވާނެ."

"ތިޔައީ ހައްތަހާވެސް މީހުން ދައްކާ މޮޔަ ވާހަކަ. އަހަރެން އުނދުނަށް އަލިފާން ލައިފިން. ދެން އޮތީ ކެއްކުން. އަރުޝަދު ގެއަށް ދޭ."

އަރުޝަދު ދާން ނުކުންނާން އުޅެފައި މަގުމަތީގައި އޮތް ކާރު ފެނިފައި ބުނެފިއެވެ. "މިތާނގައި ކާރު ބާއްވާފައި ދިޔައީ ކާކު ކަމެއްވެސް ނޭނގޭ. މީހުންނަށް ހިނގަންވެސް ދަތިވޭ."

ފަރުޒާނާވެސް ބޭރު ބަލައިލިއެވެ. "އަޅާނުލާ. ކުލިނިކު ހުޅުވާނީ ދެ ދުވަސް ފަހުން. މީހަކަށް އުނދަގުލެއް ނުވާނެ."

އަރުޝަދު ހިނގައްޖެއެވެ. ފަރުޒާނާ ދޮރު ލައްޕައި ތަޅު ލައިފިއެވެ. އެޔަށް ފަހު ބާދްޝާއާ މެދު ވިސްނަމުން މެދު ދޮރާ ހަމައަށް އަތުވެއްޖެއެވެ. އޭނާގެ ސިކުނޑި ބާރަށް ގޮވަމުން ދަނީ ބާދްޝާ ފޮނުވައިލާށެވެ. ހިތް ބުނަނީ ކީކޭ ކަމެއް ނޭނގެއެވެ. ހިތުގެ އަޑު އަހާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

އޭނާ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރެގެން ބާދްޝާ ހިނިތުން ވަނީއެވެ. އެ ހިނިތުންވުން ފެނުނީމާ ފަރުޒާނާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކުއްލިއަކަށް މޫނު އަނބުރައިލިއެވެ.

"އަހަރެން ވަރަށް ލަދު ގެންފި." ބާދްޝާ ބުނެލީ އަޑު އޭނާއަށް އިވުނެވެ.

ބާދްޝާ ހުރީ އޭނާޔާ ވަރަށް ކައިރީގައއެވެ. އޭނާގެ ނޭވާގެ ހޫނުކަން ފަރުޒާނާގެ ކަނދުރާއަށް އިހުސާސް ކުރެވޭހައި ކައިރީގައެވެ. "އަހަރެން ކުރި ކުށުގެ ބަދަލު އަދާ ކުރާނަން. ފަރުޒާނާގެ ފާރު ހިކެންދެން އަހަރެން ހުންނާނީ މިގޭގައި. ފަރުޒާނާ ބަލަހައްޓާނީ އަހަރެން."

އޭނާ އެނބުރި ބަލައިލިއެވެ. މިހާރު މި ވަނީ އަނގައިން ބުނަން މަޖުބޫރު ވެފައެވެ. "މި ގޭގައި އުޅޭނީއޭ؟ މޮޔަވީތަ؟"

"ފަރުޒާނާ އެންމެ ފުރަތަމަ ފެނުނު ދުވަހު މޮޔަވެ ނިމިއްޖެ. ފިލައިގެން އުޅުނު އުޅުމުގެ ސަބަބުން މިހާރު މި ވަނީ މޮޔަކަން ހައްދުން ނައްޓާފައި."

"މޮޔަ ވާހަކަ ނުދައްކާ ގެއަށް ދޭ."

"ނުދާނަން."

"ނުދާންވީ ކީއްވެގެން؟ އަހަރެން މިއީ ބާދްޝާގެ ކާކު؟ މި ގޭގައި އުޅޭނީ ކޮން ހައިސިއްޔަތަކުން؟"

"ފަރުޒާނާ ބޭނުން ގުޅުމެއް އުފައްދާ. މި ގުޅުމަށް ބޭނުން ނަމެއް ކިޔާ."

ފަރުޒާނާ ރުޅި އައިސް ރަތްވެފައި ފަހަތަށް ޖެހިލިއެވެ. "މިގެއިން ނުކުމެގެން ދޭ. ތިޔައީ އަހަންނަކާ އެއްވެސް ކަހަލަ ގުޅުމެއް އޮތް މީހެއް ނޫން."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.