ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސްރީލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ، ކަރަންޓާއި، އަސާސީ ކާބޯތަކެއްޗާއި، ހަކަތައިގެ ބާވަތްތައް ލިބުން ދަތިވުމާ ގުޅިގެން އިއްޔެރޭ ކޮލޮމްބޯގެ ބައެއް ސަރަހައްދުތަކުގައި ކުރި އިހުތިޖާޖުތަކަށް ފަހު އެ ސަރަހައްދުތަކުގައި ހިންގި ކާފިއު އުވާލާފައި ވަނިކޮށް މުޅި ގައުމުގައި އާއްމު ކުއްލި ނުރައްކަލުގެ ހާލަތު (ޕަބްލިކް އެމަޖެންސީ) އިއުލާންކޮށްފިއެވެ.

ސްރީލަންކާގެ ރަސްމީ ގެޒްޓްގައި އިއްޔެ ޝާއިއުކުރި ރިޔާސީ ގަރާރުގައި ވާގޮތުން ރައީސު ގޮތާބޭ ރާޖަޕަކްސާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަން ނިންމެވީ އަމުނުއާއްމު ރައްކާތެރިކުރުމަށާއި، އަސާސީ ޚިދުމަތްތަކާއި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު މެދުކެނޑުމެއްނެތި ފޯރޮކޮށްދެވޭނެކަން ކަށަވަރުކުރުމަށެވެ.

ކޮލޮމްބޯގެ އަވަށެއްގައި ރާޖަޕަކްސާ ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަަހައްދަށް ބުރާސްފަތި ދުވަހުގެރޭ ގިނަ ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ބޭއްވި މުޒާހަރާ ހަމަނުޖެހުމަަކަށް ބަދަލުވެ އާއްމުންނާ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ބައެއް އުޅަނދުތަކުގައި ރޯކޮށްލާފައި ވާއިރު، އާއްމުންނާ ފުލުހުންގެ ގިނަ ބަޔަކަށް އަނިޔާވިއެެވެ.

"ސްރީލަންކާއަށް ދިމާވެގެން އުޅޭ މައިގަނޑު މައްސަލައަކީ ބޭރު ފައިސާ ލިބުން ދަތިވުން. މިބާވަތުގެ އިހުތިޖާޖުތައް ބޭއްވުމުން ފަތުުރުވެރިކަމަށް ވާނީ ގެއްލުން. އަދި އޭގެ ނޭދެވޭ އަސަރު އިގުތިސާދަށްކޮށް، ނަތީޖާ ވާނީ ގޯސް." ބުރާސްފަތި ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް މިނިސްޓަރު ޕްރަސަންނާ ރަނަތުންގާ ވިދާޅުވިއެވެ.

ސްެރީލަންކާގައި ހުންނަވާ އދ.ގެ މަންދޫބު ހަނާ ސިންގަރ-ހަމްދީ ވެސް ވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް ކެތްތެެރިކަން އިސްކުރުމަށް ގޮވައިލައްވާފައެވެ.

އިނގިރޭސިންގެ އަތްދަށުން 1948 ވަނަ އަހަރު މިނިވަންވުމަށް ފަހު ސްރީލަންކާގެ ރައްޔިތުންނާ ކުރިމަތިވި އެންެމެ ބޮޑު އިގުތިސާދީ ދަތިކަން ތަހައްމަލްކުރަމުން ދާއިރު، ދުވަހަކު 13 ގަޑިއަށް ކަރަންޓު ނެތި އުޅެން ވަނީ ޖެހިފައެވެ. ބޭރުގެ ފައިސާ ލިބުން ދަތިވެ، ހަކަތައިގެ ބާވަތްތައް ބޭނުންވާ ވަރަށް އެތެރެ ނުކުރެވޭތީ ތެލާއި، ގޭސް ލިބުން ވަނީ ދަތިވެފައެެެވެ. ލަންކާ ރުޕީގެ އަގު ވަރަށް ބޮޑަށް ވެއްޓި ބާޒާރުގައި ތަކެތީ އަގު ވަނީ ބޮޑުވެފައެވެެ.

ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންފްލޭޝަން ރޭޓް މާރިޗު މަހު %18.7 ގައި ހުރިއިރު ކާބޯތަކެތީގެ އަގު ވަނީ %30.1 އުފުލިފައެވެ.

ރައީސު ރާޖަޕްކްސާގެ ސަރުކާރުން ބުނިގޮތުގައި އިގުތިސާދު ސަަލާމަތުގެ އައްސޭރިއަށް ގެންދިއުމާ ބެހޭ ވާހަކަތައް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ދައްކަމުން ދާއިރު، އިންޑިޔާއާއި، ޗައިނާއިން ލޯނު ހޯދުމަށްވެސް ދަނީ މަޝްވަރާކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.