މެރިއުޕޯލް ތިއޭޓަރަށް ދިން ހަމަލާގައި 300 އެއްހާ މީހުން މަރުވެފައި ވޭ

މެރިއުޕޯލްގެ ތިއޭޓަރު ހުރި ސަރަހައްދަށް ހަމަލާދިނުމުން ލިބިފައިވާ ގެއްލުން ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއް

ޔުކްރޭންގެ ދެކުނުގެ ރަށެއްކަމުގައިވާ މެރިއުޕޯލްގެ ޑަރާމާ ތިއޭޓަރަށް ރަޝިޔާ ސިފައިން ދިން ހަމަލާގައި 300 އެއްހާ މީހުން މަރުވެފައި ވާކަމުގައި ޔުކްރޭނުން ބުނެފިއެވެ. ރަޝިޔާ ސިފައިން މި މާރިޗު މަހުގެ 16 ވަނަ ދުވަހު އެ ތިއޭޓަރަށް ހަމަލާދިން އިރު، އެ ތިއޭޓަރުގައިި ތިބީ ރައްކާތެރިކަން ހޯދަން ވަދެ ތިބި އާއްމުންނެވެ.

ޔުކްރޭންގެ ރަށްތަކަށް ރަޝިޔާއިން އޮއްސަމުން ދިޔަ މިސައިލާއި، ބޮމުގެ ވާރެއިން އެ ތިއޭޓަރު ސަލާމަތްވާނެ ކަމަށް އުއްމީދު ތިއޭޓަރު މަތީގައި 'ކުޑަކުދިން' ރަޝިޔާ ބަހުން ލިޔެފައިވާ ބޮޑު ފޮތިގަނޑެއް ވެސް ބަޔަކު ދަމާފައި ހުއްޓެވެ. މަތިން ދަތުރުކުރާއިރު އެ ފޮތިގަނޑު ފެނުނު ކަމުގައި ވިޔަސް ރަޝިޔާއިން ހަަމަލާދީފައި ވަނީ އެކަމަށް ބެލުމެއް ނެތިއެވެ.

ހަމަލާ ދިނުމަށް ފަހު ދުވަސްތަކެއް ވީއިރުވެސް ތިއޭޓަރަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު މެރިއުޕޯލްގެ ސަރުކާރަށް ހޯދިފައި ނެތިސް، ހުކުރު ދުވަހު ސަރުކާރުން ޓެލެގްރާމުގައި ހާމަކުރި އަދަދަކީ މަންޒަރު ދުށް މީހުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އާއްމުކުރި އަދަދެކެވެ.

ރަޝިޔާއިން ދިން ހަަމަލާއަށް ފަހު ޔުކްރޭން ގާނޫނުހަދާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނާ ލުޑްމިލާ ޑެނިސޯވާ ވިދާޅުވެފައި ވަނީ ހަމަލާދިން އިރު ތިއޭޓަރު ތެރޭގައި 1300 އެއްހާ އާއްމުން ތިބި ކަމުގައެވެ. އޭގެތެރޭން ގިނަ މީހުންނަކީ ރަޝިޔާގެ ހަމަލާތަކުގައި ގެތައް ހަލާކުވެ ބޯހިޔާވަހިކަމެއް ނެތިފައި ތިބި މީހުންނެވެ.

މެރިއުޕޯލް ތިއޭޓަރަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު ހާމަކޮށްފައި މިވަނީ، ޔުކްރޭންގެ ހަަނގުރާމައިގަައި މަރުވި ސިފައިންގެ އަދަދަ ރަޝިޔާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތުދެއްވަމުން ރަޝިޔާގެ ސިފައިންގެ ޗީފް އޮފް  ޖެނެރަލް ސްޓާފްގެ ނާއިބު ސަރްގޭ ރޮޑޮސްކޯއީ  ވިދާޅުވީ ޔުކްރޭނުގައި ރަޝިޔާ ސިފައިންގެ 1351 މީހުން މަރުވެފައިވާ ކަމުގައެެވެ. އޭނާ ވިދާޅުވީ ޔުކްރޭނަށް ހަތިޔާރު ދިނުމަކީ ހުޅަނގުން ހެދި ވަރަށް ބޮޑު ގޯހެއް ކަމުގައެވެ.

އަނެއްކޮޅުން ރަޝިޔާއިން ވަނީ އެގައުމުން ޔުކްރޭނަށް ދޭ ހަަމަލާގެ ސްޓްްރެޓެޖީ ބަދަލުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. ރަޝިޔާއިން ބުނި ގޮތުގައި އެގައުމުގެ ސިފައިން ދެން ބޮޑަށް ހަރަކާތްތެރިވާނީ ޔުކްރޭންގެ އިރުމަތީގައި ރަޝިޔާ މީހުން ގިނަ ސަރަހައްދެއް ކަމުގައިވާ ޑޮންބާސްކްގައި ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.