އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާމެދު، ޚާއްްސަކޮށް ފަލަސްޠީނާއި، ކަޝްމީރުގެ މައްސަލައާމެދު މުސްލިމް ގައުމުތަކުން ގެންގުޅޭ ސިޔާސަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްެޖެއެވެ. އަދި އޭނާ ވަނީ އިސްލާމީ ގައުމުތަކުގެ މެދުގައި އޮތް ބައިބަވުން ނައްތާލުމަށް ގޮވައިލައްވާފައެވެ.
"ޝައްކެއް ނެތް ގޮތުގައި އަހަރުމެން މިވަނީ ފަލަސްޠީނު މީހުންނާއި، ކަޝްމީރުގެ ރައްޔިތުން އެއްވަރަކަށް ނިކަމެތިކޮށް، އެމީހުންނަށް ވާގިވެރިނުވެ ދޫކޮށްލާފައި. ހިތާމައާއެކު އަހަރެންނަށް ދަންނަވަން ޖެހެނީ އަހަރުމެންނަށް (އެ ދެ މައްސަލައަށް) އެއްވެސް އަސަރެއް ފޯރުވިފައި ނުވާކަމުގައި." ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އިއްޔެ ފެށި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ 48 ވަނަ ބައްދަލުވުން ފައެްޓަވައިދެއްވަމުން ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވިއެވެ.
އިމްރާން ޚާން ފާހަގަކުރެއްވި ގޮތުގައި މުސްލިމް ގައުމުތަކުން އޯއައިސީއަށް ސަމާލުކަން ނުދެނީ އަހަރުމެން ބައިބައިވެފައިވާތިއާއި، ހުޅަނގުގެ ބާރުތަކަށް އެކަން ރަނގަޅަށް އެނގޭތީއެވެެ.
"އަހަރުމެން މުސްލިމުންގެ 1.5 ބިލިއަން މީހުން އެބަތިބި. އެހެންނަަމަވެސް، މި އަނިޔާވެރިކަން (ފަލަސްޠީނާއި ކަޝްމީރުގައި ހިންގާ އަނިޔާވެރިކަން) ހުއްޓުވުމަށް އަހަރުމެން އުފުލާ އަޑުގެ އެއްވެސް ފައިދާއެއް ނެތް." ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
"އެއްބައިވަންތަކަމާއި، އިންސާފާއި، ތަރައްގީއަށްޓަކައި ގުޅުން އުފެއްދުން" މި ޝިއާރުގެ ދަށުން ދެ ދުވަހަށް ކުރިއަށްދާ މި ބައްދަލުވުމުގައި އޯއައިސީގެ މެންބަރު 57 ގައުމުން ބައިވެރިވެއެވެ. 46 ގައުމަކުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބައިވެރިވާއިރު، އެެހެން ގައުމުތަކުން ފޮނުވާފައި ވަނީ ޚާރިޖީ ވުޒާރާގެ މަންދޫބުންނެވެ.
މި ބައްދަލުވުމުގައި ޗައިނާ ވަނީ އޮބްޒާވަރެއްގެ ގޮތުން ބައިވެރިވެފައެވެ.
"ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ޗައިނާ އޮތީ ފަލަސްޠީނު މީހުންނާއެކު." އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މުޚާޠަބުކުރައްވައި ވާހަަކަފުޅުދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވިއެވެ.
ފަލަސްޠީނާއި، ކަޝްމީރުގެ ރައްޔިތުންނަށް ލިބޭ އަނިޔާގެ ވާހަަކަ ދައްކާއިރު، ޗައިނާއިން ވީގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގާ ލާއިންސާނީ އަމަލުތަކުގެ ވާހަކަ ނުދައްކާތީ ބައެއް ފަރާތްތަކުން ދަނީ އިސްލާމީ ގައުމުތަކަށް ފާޑުކިޔަމުންނެވެ.