އިސްލާމީ ގައުުމުތަކުގެ ޖަމްއިއްޔާ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަޝްމީރުގެ މައްސަލައިގައި އަވަސް ފިޔަވަޅު ނޭޅޭނަމަ އެ ޖަމާއަތުން ބޭރުން މަސައްކަތްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރަައިޝީ ދެއްވައިފިއެވެ. އަދި އޭނާ ވަަނީ ކުއަލަމްޕޫރުގަ އިސްލާމީ ބައެެއް ގައުމުތަކުގެ ވެރިިންގެ ބައްދަލުމުގައި ބައިވެރިނުވާން އެންމެ ފަހު ވަގުތު ޕާކިސްތާނުން ނިންމީ ސައޫދީ އަރަބިއްޔާއިން ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވެފައެވެ.
ޒަމާނުއްސުރެ ޕާކިސްތާނުގެ އެންެމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ސައޫދީ އަަރަބިއްޔާއާ ދެކޮޅަށް ޕާކިސްތާނުން މިހާތަނަށް ވާހަކަދައްކާފައި ނުވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން، ޤުރައިޝީ މިއިންޒާރު ދެއްވާފައި ވަނީ އޭއާރްވައި ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަޅުގަނޑު އިހުތިރާމާއެކު އޯއައިސީއަށް މިދަންނަވަނީ ޚާރިޖީވަޒީރުންގެ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަކީ އަޅުގަނޑުމެންގެ އުއްމީދެކޭ. އެފަަދަ ބައްދަލުވެއް ނުބޭއްވޭނަމަ، ދެން އަޅުގަނޑަށް ޖެހޭނީ ކަޝްމީރުގެ މައްސަލައިގައި އަޅުގަނޑުމެންނާ އެކުގައި ތިބެން ތައްޔާރު އަދި އަނިޔާލިބެމުންދާ ކަޝްމީރު މީހުންނަށް އެހީވުމަށް ތައްޔާރު ގައުމު އިސްލާމީ ގައުމުތަކުގެ ބައްދަލުުވުމަަކަށް ގަޮވައިލެއްވުމަށް ބޮޑުވަޒީރު އިމްރާން ޚާނަަށް ދަންނަވަން." ޤުރައިޝީ ވިދާޅުވިއެވެ.
މިއީ، ކަޝްމީރުގެ މައްސަލައިގައި އޯއައިސީއާ ދުރަށްދާން ވެސް ޕާކިސްތާނު ތައްޔާރަށް އޮތްކަން ދޭހަކޮށްދޭ ވާހަަކަފުޅެކެވެ.
ކަޝްމީރަށް އިންޑިޔާގެ ގާނޫނުއަސާސީގައި ދީފައި އޮތް ޚާއްސަ އިމްތިޔާޒުތައް އިންޑިޔާ ސަރުކާރުން ފާއިތުވި އަހަރުގެ އޮގަސްޓުމަހުގެ 5 ވަނަ ދުވަހު އުވާލީއްސުރެ ޕާކިސްތާނުން ދަނީ އެމައްސަލައިގައި އަޅާނެ ފިޔަވަޅަކާމެދު މަަޝްވަރާކުރުމަށް 57 ގައުމު ހިމެނޭ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވޭތޯ މަސައްކަތްކުރަމުންނެވެ.
ކަޝްމީރުގެ މައްސަލައިގައި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް ސައޫދީ އަރަބިއްޔާ ދަނީ ފަސްޖެހެމުންނެވެ. އޯއައީސީގައި ނަގާކިޔާ ގައުމަކީ ސައޫދީ އަރަބިއްޔާއެވެ. އެގައުމުގެ އެއްބާރުލުން ނުލިބި އެފަދަ ޖަލްސާއެއް ނުބޭއްވޭނެއެވެ. ފަހަކަށް އައިސް ސައޫދީ އަރަބިއްޔާއިން ވަނީ އިންޑިޔާއާާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކޮށްފައެވެ. އިންޑިޔާއިން ކަޝްމީރުގެ ހައްގުތައް ނިގުޅައިގަތްތާ ތިންމަސް ނުވަނީސް ސައޫދީ ވަނީ ބޮޑުވަޒީރު މޯދީއަށް ރަތް ދޫލައިގެ މަރުހަބާ ކިޔާފައެވެ.
"އަޅުގަނޑުމެންނަށް ހައްސާސު ކަންކަން ހުންނާނެ. ތިޔަބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ އެ ހަގީގަތް ގަބޫލުކުރައްވަން. ގަލްފުގެ ގައުމުތަކަށް މިކަން ވިސްނެން ޖެހޭނެ." ސައޫދީ އަރަބިއްޔާއަށް އިޝާރާތްކުރައްވައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
"ރަނގަޅު ވާހަކައެއް. ސައޫދީ އަރަބިއްޔާއާ އަޅުގަނޑުމެންނާ ރަނގަޅު ގުޅުމެއް އޮތް ނަމަވެސް އަޅުގަނޑު މިވަނީ ވަކި ގޮތެއް އިޚްތިޔާރު ކޮށްފައި." ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ފުރަަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ޤުރައިޝީ ވިދާޅުވިއެވެ.
"ކަޝްމީރުމީހުންގެ ކެކުޅުންތަކާމެދު ދެން އަޅުގަނޑުމެންނަށް ހިމޭނުން ނުތިބެވޭނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.