ދެ ގައުމުގެ ގުޅުން ރަނގަޅުކޮށް އާ ފެށުމަކުން ފެށުމާ ގުޅޭގޮތުން ރަައީސު ރަޖަބް ޠައްޔިބު އެރްދޮޣާންއާ މަޝްވަރާކުރުމަށް އިސްރާއީލުގެ ރައީސު އިސާކް ހެރްޒޮގް ތުރުކީއަށް ހިނގައްޖެެއެވެ. އޭނާ ތުރުކީގެ ވެރިރަށް އަންކަަރާއަށް ގޮސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މިއީ 2007 ވަނަ އަހަރަށްފަހު އިސްރާއީލުގެ އިސް ވެރިއަކު ތުރުކީއަށް ކުރާ ފުރަތަމަ ދަތުރެވެ.
"ރައީސު ހެރްޒޮގްގެ ދަތުރު ވެގެންދާނީ ތުރުކީ އިސްރާއީލުގެ ގުޅުމުގެ މިސްރާބު ބަދަލުކޮށްލާނެ ދަތުރަކަށް." ރައީސު ހެރްޒޮގްއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ތުރުކީ އޮތީ އިސްރާއީލާއެކު އޮތް ގުޅުން ރަނގަޅުކުރުމަށް ތައްޔާރަށެވެ. ޚާއްސަކޮށް ހަކަތައިގެ ދާއިރާގައެވެ.
އިސްރާއީލުގެ ރައީސުވެސް ވަނީ ދެ ގައުމުގެ ގުޅުމުގެ މުސްތަގުބަލާމެދު ވާހަކަދައްކާފައެވެ.
"އަހަރުމެން އަމިއްލަ ވަޒަންކަމަށް ބަލާ މި ސަހަރައްެދަށް (މެދުއިރުމައްޗަށް) އީޖާބީ (ޕްޒިޓިވް) ގޮތަށް އަސަރުކުރާ ގުޅުމެއް އިސްރާއީލާާއި ތުރުކީއަށް ގާއިކުރެވޭނެ އަދި ކުރަންޖެހޭ." ރައީސު ހެރްޒޮގް ބުންޏެވެ.
"މިއަދުން ފެށިގެން ތުރުކީއާއެކު އޮންނަ ގުޅުން ވާނީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ ގުޅުމަކަށް." އޭނާ އިތުރަށް ބުންޏެވެ.
ތުރުކީއާއި އިސްރާއީލަކީ އެއް އިރެއްގައި ގާތް ދެ ރަހުމަތްތެރިންނެވެ. ގުޅުން ގޯސްވާން ފެށީ ރައީސު އެރްދޮޣާން ތުރުކީގެ ވެރިކަމަށް ވަޑައިގަތް ފަހުންނެވެ. އޭނާއަކީ އިސްރާއީލުން ފަލަސްޠީނު މީހުންނާމެދު ގެންގުޅޭ ސިޔާސަތަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅަކަށް ވާތީއެވެ. ފަލަސްޠީނުގެ ޣައްޒާގަައި ވެރިކަން ކުރާ ޙަމާސް (އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް) ޖަމާއަތަށް ރައީސު އެރްދޮޣާން ތާއީދުކުރެއްވުމަކީވެސް އިސްރާއީލު ރުޅިއަންނަ ކަމެކެވެ. އިސްރާއީލުން ދެކެނީ ޙަމާސްއަކީ ޓެރަރިސްޓު ޖަމާއަތެއް ކަމުގައެވެ.
ތުރުކީއާ އިސްރާއީލަށް ހުރިހާ ކަމެއްގައި އެއްބަސް ނުކިޔޭނެކަން ފާހަގަކުރަމުން އިސްރާއީލުގެ ރައީސު ބުނީ ދެގައުމުގެ ގުޅުމުގައި އަޑިގަނޑުތަކާއި އުސްގަނޑުތައް އައިސްފައިވާ ކަމުގައެެވެ. އެހެންނަމަވެސް، ދެ ފަރާތުގެ ވިިސްނުން ވަޒަންކުރުމަށް ފަހު، ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅައިގެން އެއް ފަރާތުން އަނެއް ފަރާތަށް އިހުތިރާމުކޮށްގެން ގުޅުން ދެމެހެއްޓިދާނެ ކަމަށް އުއްމީދުކުރާ ކަމުގައި ތުރުކީއަށް ފުރުމުގެ ކުރިން ޓެލްއަވީވް އެއާޕޯޓުގައި ވާހަކަދައްކަމުން ރައީސު ހެރްޒޮގް ބުނެފައި ވެއެވެ.
ތުރުކީ އެންމެ ބޮޑަށް ޝައުގުވެރިވާ އެއް ކަމަކީ އިސްރާއީލުގެ ގުދުރަތީ ގޭސް އެތެރެކުރުމެވެ. ރައީސު އެރްދޮޣާން ފާހަގަކުރެއްވި ގޮތުގައި ތުރުކީ ތެެރޭން އިސްރާއީލުގެ ގުދުރަތީ ގޭސް ޔޫރަޕަށް އެތެރެކުރުމާ ގުޅޭގޮތުން ދެގައުމުން މަޝްވަރާކުރާނެއެވެ. މިއީ ދެ ގައުމުން މީގެ 20 އަހަރުކުރިން ފާޅުކޮށްފައިވާ ޚިޔާލެކެވެ. ތުރުކީ ތެރޭން ލާފައި އިސްރާއީލުގެ ގުދުރަތީ ގޭސް ހޮޅިއެއް ޔޫރަޕަަށް އެޅުމުގެ މަޝްރޫއު މަޑުޖައްސާލަން ޖެހިފައި އޮތީ ފާއިތުވި ޖަނަވަރީ މަހު އެމެރިކާއިން އެ މަޝްރޫއާމެދު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
އިސްރާއީލުގެ ރައީސުގެ ދަތުރާ ގުޅިގެން ތުރުކީން ބުނެފައި ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރަން މަސައްކަތްކުރި ނަމަވެސް، ތުރުކީން ފަލަސްޠީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމުގައެވެ.