އިސްރާއީލަށް ބަދަލުގެ ގޮތުގައި 500 މިލިއަން ޑޮލަރު ދޭން މިސްރުން އެއްބަސްވެއްޖެ

މިސްރުން ގޭސް ފޯރުކޮށްދިނުން 2012 ވަނަ އަހަރު ހުއްޓިފައި ވާތީ އެކަމުން ލިބުނު ގެއްލުމުގެ ގޮތުގައި 500 މިލިއަން އެމެރިކާ ޑޮލަރު އިސްރާއީލަށް ދޭން މިސްރަށް އެއްބަސްވެއްޖެއެވެ.

މިސްރުގެ ހަކަތަޔާ ބެހޭ ވުޒާރާއިން ބުނި ގޮތުގައިއިސްރާއީލުގައި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނި، އިޒްރޭލް އިލެކްޓްރިކް ކޯޕަރޭޝަނާއެކު ސޮއިކުރި ރަހްމަތްތެރިކަމުގެ އެއްބަސްވުމެއްގެ ދަށުން މިސްރުން އެއްބަސްވީ 1.8 ބިލިއަން އެމެރިކާ ޑޮލަރުގެ ބަދަލުގައި އިސްރާއީލުގެ ކުންފުންޏަށް 500 މިލިއަން ޑޮލަރު ދެއްކުމަށެވެ.

2005 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން އިޒްރޭލް އިލެކްޓްރިކަށް ފޯރުކޮށްދެމުން ދިޔަ ގޭސް 2012 ވަނަ އަހަރު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި ގޭސް ހޮޅި ލާކުވުމަށް ފަހުފޮނުވުން ވަނީ ހުއްޓިފައެވެ. 2015 ވަނަ އަހަރު އިސްރާއީލުން އެ މައްސަލަ ހުށަހެޅުމުން އިންޓަނޭޝަނަލް ޗެންބާ އޮފް ކޮމާސްގެ އާބިޓްރޭޝަނުން މިސްރަށް އަންގާފައި ވަނީ ބަދަލުގެ ގޮތުގައި އިސްރާއީލުގެ ކުންފުންޏަކަށް 1.8 ބިލިއަން ޑޮލަރު ދިނުމަށެވެ.

މިސްރުގެ އިޖިޕްޓް ޖެނެރަލް ޕެޓްރޯލިއަމް ކޯޕޮރޭޝަން (އީޖީޕީސީ) އާއި އިޖިޕްޓް ނެޗުރަލް ގޭސް (އީގޭސް) އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ 2015 ގެ އާބިޓްރޭޝަންގައި އިސްރާއީލުގެ ކުންފުނިން އެދިފައިވާ އިތުރު ކަންކަން ދޫކޮށްލާގޮތަށް، ½ 8 އަހަރުގެ ތެރޭގައި މިސްރުން އިސްރާއީލަށް އެ ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް އެއްބަސްވެފައިވާ ކަމުގައެވެ. އެ ދެ ކުންފުނިން ބުނެފައި ވަނީ ސަރުކާރުގެ އެހީތެރިކަމާއެކު އެ އެއްބަސްވުމާ ހަމައަށް އައީ "އެކުވެރިކަމާއެކު ދެފަރާތުގެ މެދުގައި ވިޔަފާރި ހިންގޭނެ މާހައުލެއް ގާއިމުކުރުމުގެ ބޭނުމުގައެވެ."

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.