އެމެރިކާއިން ބޮންއެޅި ޤައުމުތަކުގެ ލިސްޓް

ރަޝިއާގެ ރައީސް ޕުޓިން، އެމެރިކާގެ ރައީސް ބައިޑަން، ޗައިނާގެ ބޮޑުވަޒީރު ޒީ

ދުނިޔޭގެ ނޫސްމީޑިއާއާއި ސޯޝަލް ޕްލެޓްފޯމްތަކުން އިސްޖާގައެއް ހޯދި ޚާއްޞަ ޚަބަރެކެވެ. ޗައިނާއާއި ރަޝިއާގެ ރަޙުމަތްތެރިކަމަށް، އެމެރިކާއިން އިތުރަށް ހުތްފެލައިލައިފިއެވެ. "ރަޝިއާ ސަލާމަތްކުރަން ޗައިނާއަކުން ނާންނާނެ" އެމެރިކާއިން ބުނެފައި ވެއެވެ.

 "އެންމެފަހު ވަގުތަށްބަލާއިރު، ރަޝިއާ ސަލާމަތްކުރަން ޗައިނާއަކުންނާންނާނެ" 26 ފެބްރުއަރީގައި، ބައިޑަންގެ އިސް އޮފިޝަލަކު ބުނެފައި ވެއެވެ. އެމެރިކާގެ މިބަޔާން އައިސްފައިވަނީ، ރަޝިއާއިން ޔުކްރޭނަށް ޙަމަލާދިނުމާގުޅިގެން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ގޮތުން، ރަޝިއާގެ މާލީ މުޢާމަލާތުތަކަށް ހުޅަނގު ޤައުމުތަކުން ހުރަސްއެޅުމަށްފަހުގައެވެ. އެތައް ބިލިއަނަކުން ކުރެވޭ ބައިނަލްއަޤްވާމީ ފައިސާގެ މުޢާމަލާތުތަކަށް ރަޝިއާގެ ބޭންކްތަކަށް ބޭނުންވާ ސްވިފްޓް ސިސްޓަމް ހުއްޓުވުމާއެކު، މާލީގޮތުން ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، ހުޅަނގާއި ޔޫރަޕުގެ އިއްތިހާދުން މަޝްވަރާ ކުރުމަށްފަހުގައެވެ.

ރަޝިއާގެ އިޤްތިޞާދު ފުނޑުފުނޑުކޮށްލައި، މާލީގޮތުން އިނދަޖައްސައިލުމަށްޓަކައި، ރަޝިއާގެ އިސްވެރިންނާއި ސަރުކާރާ މެދު، އިނގިރޭސިވިލާތާއި އެމެރިކާ އަދި ކެނެޑާއާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ ދަތިކުރުމުގެ އެތައްފިޔަވަޅުތަކެއް އަޅާފައެވެ. ހުޅަނގުންވަނީ، ރަޝިއާގެ ޢުދުވާނަށް ރައްދުދީ، ދަތިކުރުމުގެ އެތައްފިޔަވަޅުތަކެއް އަޅައި ތަންފީޒުކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި ޗައިނާއިންވެސް މިހާރުވަނީ، ރަޝިއާގެ ކުންފުނިތަކުން ޗައިނާއަށް ގަންނަ  ރޯމިޓީރިއަލްސް ގަތުމަށް ސަރުކާރުގެ ބޭންކްތަކުން ދޫކުރާ ފައިސާ ވަކިވަރަކަށް ހިފެހެއްޓުމާމެދު ވިސްނަމުންނެވެ. އެމެރިކާގެ ރައީސް ބައިޑަންގެ ބަހުންނަމަ، ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލުގައި ދެން އޮންނާނީ 3 ވަނަ ބޮޑުހަނގުރާމައެވެ. " އަޅުގަނޑަށް ހީވާގޮތުގައި، ރަޝިއާއިން ހަކަތަ ގަތުމަށް ބޭނުންވާ ދަރަނީގެފައިސާ ހުއްޓުވުމާމެދު ޗައިނާގެ ބޭންކްތަކުން ވިސްނަމުން އަންނަކަން އަޅުގަނޑަށް އެނގިފައި ވެއެވެ. އެއީ ޒަމާނުއްސުރެ އާދަކޮށް އެކަން ހިނގަމުން އައިގޮތެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރުގެ މައްޗަށް ޗައިނާއިން ޚިޔާލު ކުރެއެވެ. " އެމެރިކާގެ އިސް އޮފިޝަލަކު ނަންހާމަނުކުރަން އެދި ބުނެފައި ވެއެވެ.

ދުނިޔެއަށް ނުރައްކާއޮތީ އަޞްލު ކޮންޤައުމަކުންކަން ހަނދާން ނައްތާނުލާ – އެމެރިކާ : ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު

"ދުނިޔެއަށް ނުރައްކާ އޮތީ ކޮންޤައުމަކުންކަން ހަނދާން ނައްތާނުލާ"  އެމެރިކާއިން ބޮންއަޅާއި ނުވަތަ ހަނގުރާމަކޮށްގެން ހިފާފައިވާ ޤައުމުތަކަށް އިޝާރާތްކޮށް، ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޒައު ލިޖިއާން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

" އަޅުގަނޑުމެން އެއްވެސް ޤައުމަކަށް އަރައިގަނެ އެޤައުމެއް ނުހިފަން. ހަނގުރާމައެއް ފެށުމަށް ރާވައި އެއްވެސް ޤައުމަކަށް ހިތްވަރެއް ނުދެން. ޙައްޤުނޫން ގޮތަކަށް އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުވަން. ޢަޝްކަރީގޮތުން ތަޅުލެވިގެންދާނެ ޒުވާބަކަށް ނުދަން " އެމެރިކާއަށް ހަނދާން ކޮށްދެމުން ޒައުގެ ޓްވީޓުގައި ހާމަކޮށްފައި ވެއެވެ. ހަމައެއާއެކު، ރަޝިއާގައި ހުންނަ ޗައިނާ އެމްބަސީންވަނީ، އެމެރިކާއިން ބޮންއަޅައި ހިފާފައިވާ ޤައުމުތަކުގެ ލިސްޓެއް ޙިއްޞާ ކޮށްފައެވެ. އެއީ 2 ވަނަ ބޮޑު ހަނގުރާމަޔަށްފަހު އެމެރިކާއިން ބޮން އަޅައި ހަނގުރާމަ ހިންގާފައިވާ ޤައުމުތަކުގެ ލިސްޓެކެވެ. މިލިސްޓް ޙިއްޞާކުރެވިފައިވަނީ " ހަނދާން ނައްތައިނުލާ ށޭ " ބުނެ ޓެގް ކުރުމާއެކުގައެވެ. ލިސްޓްގައި ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއިން 62 ޤައުމަކަށް ބޮންއަޅައި ޙަމަލާދީފައި ވެއެވެ.

ޗައިނާގެ ބޮޑުވަޒީރު ޒީ އާއި ރަޝިއާގެ ރައީސް ޕުޓިން

ޔުކްރޭނަށް ޙަމަލާދިނުމަށް ރަޝިއާއަށް މަޖުބޫކުރީ އެމެރިކާއިންކަން ހަނދާންކޮށްދެމުން އެކަމުގެ އިލްޒާމްވެސް ޒައުގެ ޓްވީޓްގައި އެމެރިކާގެ ބޮލުގައި އަޅުވައިފައި ވެއެވެ. " މިކަނތައްގަނޑު ފެއްޓީ ކޮންބަޔެއްކަމާމެދު، ޚުދު އެމެރިކާ އަމިއްލަޔަށް ސުއާލުކޮށްލާ " ޒައުގެ ޓްވީޓްގައި ބުނެފައި ވެއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާގުޅިގެން، އެމެރިކާޑޮލަރު ނުލިބިއްޖެނަމަ ރަޝިއާއަށް ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން، އެމެރިކާއާއި ޗައިނާ މަޝްވަރާކޮށްފައިވާކަމުގެ އިޝާރާތެއްވެސް ޒައުވަނީ ކޮށްފައެވެ.

ރަޝިއާގެ ބޮޑުކުންފުންޏެއްކަމުގައިވާ ގެޒްޕްރޮމްގެ މައްޗަށްވެސް އެމެރިކާއިންވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިކަމާގުޅިގެން ހުޅަނގުގެ މާލީ އަދި ވިޔަފާރީގެ މާރުކޭޓަށްވަދެ، ގެޒްޕްރޮމްއަށް، ވިޔަފާރީގެ އެއްވެސް ޙަރަކާތެއް ދެނެއް ނުހިންގޭނެއެވެ. ރަޝިއާގެ ރޭޓިންގ އެޖެންސީ އެކްރާއިން ހާމަކުރާ ގޮތުގައި، އެއެޖެންސީންވަނީ ދުރާލައި 5 ބިލިއަން ޑޮލަރުގެ ބޭރުފައިސާގެ ނޫޓު،  ބޭރުން އެތެރެކޮށްފައެވެ. އެއީ ހަނގުރާމައެއް ފެށިއްޖެނަމަ، ހުޅަނގުން އަޅައިފާނެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައެވެ. ރަޝިއާގެ ރައީސް ޕުޓިން، މިހަނގުރާމަ ފެށުމުގެކުރިން، ރިކޯޑްކޮށްފައިވަ މެސެޖެއްގައި " ދަތިކުރުމުގެ ފިޔަވަޅަކީ " ބޯދާ އަދި ކުރާނެކަމަށް ޤަބޫލުކުރާ ކަމެއްކަމަށް ވިދާޅުވެ މަލާމާތުގެ އިންޒާރެއް ހުޅަނގަށް ދެއްވާފައި ވެއެވެ. އަދި، އެއީ " މަޔަކު ދަރިޔަކު އަތުން ޕީއެސް 5 އެއް އަތުލުން " ކަހަލަކަމެއްގެ ގޮތުގައި ސިފަކުރައްވާފައި ވެއެވެ. ހުޅަނގުންވަނީ، 2014 ގައިވެސް ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި ރަޝިއާއާމެދު ދަތިކުރުމުގެފިޔަވަޅު އަޅާފައެވެ. އެއީ ޔުކްރޭނުގެ ބައެއްކަމުގައިވާ ކްރީމާ ރަޝިއާއިން ހިފުމާގުޅިގެންނެވެ. އެހެންނަމަވެސް އެފިޔަވަޅުން، ހުޅަނގަކަށް މިހާތަނަށްވެސް ރަޝިއާއެއް ނުހުއްޓުވުނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.