އީރާނު ނިއުކުލިޔާ އެއްބަސްވުމާ ބެހޭ މަޝްވަރާތައް ކާމިޔާބުވުމާ ގާތުގައި

އީރާނުގެ ނިއުކުލިޔާ އެއްބަސްވުމާ ބެހޭ މަޝްވަރާތައް ވިއެނާގައި ކުރިއަށް ދަނީ

ދުނިޔޭގެ ނިއުކުލިޔާ ބާރުތަކާ އީރާނާ ދެމެދު ވިއެނާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުން ނަތީޖާއަކާ ހަަމައަށް ދެވި، އީރާނާއެކު ވެފައިފާ ނިއުކުލިޔާ އެއްބަސް އާކުރުމަށް ކުރިއަށް އޮތް ހަފުތާއެއްގެ ނުވަތަ ދެ ހަފުތާ ތެރޭގައި އެއްބަސްވެވޭނެކަމުގައި ޔޫރަޕިއަން ޔުނިޔަން (އީޔޫ) ގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އަދި އެމެރިކާއިންވެސް ދެކެނީ އީރާނުން އެއްބަސްވުމާމެދު ސީރިޔަސްނަމަ މަދު ދުވަސްތަކެއްގެ ތެރޭގައި އެއްބަސްވުމެއް އެކުލަވާލެވިދާނެކަމަށެެވެ. އީރާނުންވެސް ދެކެނީ ހުޅަނގުން ކޮންމެވެސް ވަރަކަށް ދޫދީފިނަމަ އެއްބަސްވުން އެކުލަވާލެވޭނެ ކަމަށެވެ.

"ކުރިއަށް އޮތް އެއް ހަފުތާ ތެރޭގައި، ނުވަތަ ދެ ހަފުތާ ތެރޭގައި، ނުވަތަ އެހާކަށްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމެެއް އެކުލަވާލެވޭނެކަމަށް އުއްމީދުކުރަން. އަހަރެން ގަބޫލުކުރާ ގޮތުގައި އެެންމެ ފަހުގެ އެއްބަސްވުމާ ވަރަށް ވަަރަށް ގާތް ޑްރާފްޓެއް މިހާރު މަޝްވަރާ މޭޒުމަތީގައި އެބައޮތް." އީޔޫގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެެވެ.

ފްރާންސުންވެސް ބުނެފައި ވަނީ އެެއްބަސްވުމަކާ ހަމައަށް އައުން މިހާރު ވަރަށް ގާތްވެއްޖެ ކަމަށާއި، މިކަމުގައި މިހާރު އޮތީ އީރާނުގެ ސިޔާސީ ނިންމުން ކަމުގައެވެ. އީރާނުން ވަނީ ހުޅަނގުގެ ބާރުތަކުން ހަގީގަތަކަށް ހެދޭ ފަދަ ކަންކަން ހުށަހެޅުމަށް ގޮވާލާފައެވެ.

އީރާނުގެ ނިއުކުލިޔާ ޕްރޮގްރާމް ވަކި ހިސާބެއްގައި ބޭއްވުމަށް އީރާނާ ދުނިޔޭ ބާރުތައް ކަމުގައިވާ އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ، ފްރާންސް، ޖަރުމަނު އަދި ރަޝިޔާއާ ދެެމެެދު އެއްބަސްވުމެއް އެކުލަވާލީ 2015 ވަނަ އަހަރުގައެވެ. އެހެންނަަމަވެސް، އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް 2018 ވަނަ އަހަރު އެ އެއްބަސްވުމުން އެމެރިކާ ވަކިވާން ނިންމި ހިސާބުން އީރާނުން ވަނީ އެއްބަސްވުމުގައި ވާ ކަަންކަމަށް ތަބާނުވާނެކަމަށް ބުނެފައެވެ.

މި އެއްބަސްވުމުގައި އަލުން އެމެރިކާ ބައިވެރިވުމަށް ރައީސު ޖޯ ބައިޑަން ނިންމުވުމާއެކު އެކަމާ ބެހޭ މަޝްވަރާތައް އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ފެށިގެން ކުރިއަށް ދާއިރު، މަޝްވަރާތައް ކާމިޔާބު ނުވެދާނެ ކަމަށް ހީވާ ފަހަރުވެސް އައިސްފައި ވެއެވެ.

10 ދުވަހުގެ މެދުކެނޑުމަކަށް ފަހު އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމުގެ އެހެން ބައިވެރިން މެދުވެރިންގެ ބައި އަދާކުރާ ނުސީދާ މަޝްވަރާތައް ފާއިތުވި ހަފުތާގައި އަލުން ފެށިގެން ކުރިއަށް ދާއިރު، ހުރިހާ ފަރާތަކުން ވެސް އިވެނީ އުއްމީދީ ވާހަކަތަކެކެވެ.

މިކަމާ އެއްމެ ކަންބޮޑުވަނީ މި އެއްބަސްވުމާ ގުޅުމެއް ނެތް ފަރާތެއް ކަމުގައިވާ އިސްރާއީލެވެ. މި އެއްބަސްވުން ނާކާމިޔާބުކޮށްލުމުގެ ބޭނުމުގައި ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުން ވިއެނާއަށް ވަފުދެއްވެސް ފޮނުވިކަމަށް ވެއެވެ. އިސްރާއީލަކީ، އެމެރިކާގެ މިހާރުގެ ރައީސު ބައިޑަން ނާއިބު ރައީސު ކަމުގައި 2015 ވަނަ އަހަރު މި އެއްބަސްވުން އެކުލަވާލިއިރުވެެސް އެކަމާ ދެކޮޅު ގައުމެކެވެ. އަދި އެއްބަސްވުމުން ވަކިވާން ރައީސު ޓްރަމްޕް ނިންމެވުމުގައި ވެސް އިސްރާއީލުގެ ނުފޫޒު ވަނީ ދައުރެއް އަދާކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.