ދުނިޔޭގެ ނިއުކުލިޔާ ބާރުތަކުން 2015 ވަނަ އަހަރު ވެފައިވާ ނިއުކުލިޔާ އެއްބަސްވުން ދެމެހެއްޓޭނެ ކަމުގެ އުއްމީދު އާވެއްޖެއެވެ. މިއީ އެމެރިކާގެ އާ ރައީސު ބައިޑަންގެ ސަރުކާރުން އީރާނާމެދު ގެންގުޅޭ އެމެރިކާއިން ގެންގުޅޭ ސިޔާސަތު އިހުގެ މަގަށް ރުޖޫއަކުރުމުން އާވި އުއްމީދެކެވެ.
ރައީސު ޓްރަމްޕްގެ ވެރިކަމުގައި އީރާނާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު ހަރުކަށިކޮށް، ނިއުކުލިޔާ އެއްބަސްވުުމުން އެމެރިކާ ވަކިވުމަށް ފަހު އީރާނުން އެއެއްބަސްވުމަށް އަމަލުނުކޮށް ނިއުކުލިޔާ ޕްރޮގްރާމް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދިނުމާއެކު ނިއުކުލިޔާ އެއްބަސްވުން އޮތީ ނުރައްކަލުގެ ތެރޭގައެވެ.
އެހެންނަމަވެސް، އިއްޔެ އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އީރާނު އަނެއްކާވެސް މި އެއެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރަން ފަށާފާނެކަމަށް ވަނީ ބެލެވިފައެވެ.
އެމެރިިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވާ ރިޗަޑް މިލްޒް އިއްޔެވަނީ، ފާއިތުވި ސެޕްޓެންބަރު މަހު އޭރުގެ ރައީސު ޑޮނާލްޑް ޓްރަަމްޕްގެ ސަރުކާރުން އިރާނާ ދެކޮޅަށް އދ. ގެ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަލުން އަޅަން ނިންމި ނިންމުން އާ ރައީސު ޖޯ ބައިޑަންގެ ސަރުކާރުން އަނބުރާ ނަގާފައިވާކަން އަންގަވާފައެވެ.
އަނެއްކޮޅުން ނިއުކުލިޔާ އެއްބަސްވުމަށް ދިރުން ގެނައުމާ ބެހޭގޮތުން އީރާނު ބައިވެރިވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އެދުނު އެދުން އެމެރިކާއިން ގަބޫލުކޮށްފައިވާކަންވެސް ސްޓޭޓް ޑިޕާޓްމަންޓުން (ޚާރިޖީ ވުޒާރާއިން) އިއްޔެ ވަނީ ހާމަކޮށްފައެވެ.
"އީރާނުގެ ނިއުކުލިޔާ ޕްރަމްރާމު މައްސަލައިގައި ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާކުރުމަށް ބާއްވާ 5+1 ގްރޫޕް (އެެމެރިކާ، ޗައިނާ، ފްރާންސް، އިނގިރޭސިވިލާތް، ރަޝިޔާ + ޖަރުުމަނު) އަދި އީރާނުގެ ބައްދަލުވުމަކަށް ޔޫރަޕިއަން ޔުނިއަންގެ ހައި ރެޕްރެޒެންޓެޓިވް ދައުވަތެއް އެމެރިކާއިން ވަނީ ގަބޫލުކޮށްފައި." އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވިއެވެ.
ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތުގެ ވެރިންނާ ދެެއްކެވި ވާހަަކަފުުޅުގައި ރައީސު ބައިޑަން ވަނީ 'ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން' (ޖޭސީޕީއޯއޭ) ގެ ނަން ދީފައިވާ ނިއުކުލިޔާ އެއްބަސްވުމުގެ ތެރެއަށް އީރާނުން އެނބުރި އައިސް އޭގައި ކަނޑައަޅާފައިވާ ޝަރުޠުތަކަށް އީރާނުން ބޯ ލެނބުމާއެކު އެމެރިކާއިން އެ އެއްބަސްވުމަށް އެނބުރި އަންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ނިއުކުލިޔާ އެއްބަސްުވުމުން އެމެރިކާ ވަކިކުރަން 2019 ވަނަ އަަހަރު ރައީސު ޓްރަމްޕް ނިންމެވުމާއެކު އީރާނުން ވަނީ އެ އެއްބަސްވުމާ ޚިލާފަށް އަމަލުކުރަން ފަށާފައެވެ. އަދި ފާއިތުވި ދެ ތިން މަހުގެ ތެރޭގައި ވަނީ އެއްބަސްވުމާ ޚިލާފަށް ކުރާ އަމަލުތައް އިތުރުކޮށްފައެވެ.
އީޔޫއިން އިންތިޒާމުުކުރާ ބައްދަލުވުމުގައި އީރާނާއި އެމެރިކާއިން ބައިވެރިވާން ނިންމުމުން މި އެއްބަސްވުން ދެމެހެއްޓިދާނެ ކަމުގެ އުއްމީދު މިވަނީ އާވެފައެވެ.