އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯ މުޅީން އިއްވުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ނުދެއްވި

ފޮޓޯ: ނައިފަރު ދައިރާގެ މެންބަރު އަޙްމަދު ޝޔާމް (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)

މި ދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގެ ތެރޭގައި ދެނަކައިގެ ވެރިޔަކު އެ ކުންފުނީގެ މުވައްޒަފަކަށް ގުޅުއްވައި ބިރު ދައްކަވައި އިންތިޚާބަށް ނުފޫޒު ފޯރުއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނާ އޯޑިއޯ ރެކޯޑިންގެ އެކީގައި މަޖިލީހަށް އިއްވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނުދެއްވިއެވެ.

މި އޯޑިއޯ އިއްވަވަން އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ. އޭނާ ވާހަކަފުޅު ދއްަކަވަމުން ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވިކަން އެނގޭ އޯޑިއޯ އޭނާގެ ފޯނުގައި އެބަހުރު ކަމުގައެވެ. އަދި މަޖިލީހުގެ ރައީސް ހުއްދަ ދެއްވައިފިނަމަ އެ އޯޑިއޯ މަޖިލީހަށް އިއްވަވަން ބޭނުންފުޅުވާ ކަމުގައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެއީ އެމްޑީޕީގައި ލިޔެ އެކަށައަޅާފައިވާ އުސޫލުތަކާވެސް ޚިލާފަށް ބޭފުޅަކު ދައްކަވާ ވާހަކަފުޅެކެވެ.

ޝިޔާމްގެ އެދިވަޑައިގަތުމަށް ޖަވާބު ދެއްވުމުގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާ ނަމަ އެ އޯޑިއޯ އިއްވެވިޔަސް އެންމެ ރަނގަޅު ކަމުގައެވެ. މެންބަރަކު އިއުތިރާޒު ކުރައްވައިފިނަމަ އިއްވެވޭނީ ވޯޓަކުން ފާސް ވެގެން ކަމުގައެވެ.

އެއްވެސް މެންބަރަކު އިއުތިރާޒުި ނުކުރެއްވުމާއެކު ޝިޔާމް އެ އޯޑިއޯ ކްލިޕް އިއްވަވާން ފެއްޓެވިއެވެ. ވަކި ހިސާބަކުން އޭނާގެ މައިކު ނިއްވައިލެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މެންބަރަކު ނިޒާމީ ނުކުތާއެއް ނުނެގްގެވުމާވެސް އެކު އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ ކަމުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އޯޑިއޯ ކްލިޕްގައި އެންމެ ފުރަތަމަވެސް ފެނަކައިގެ އެ މުވައްޒަފު ވަޒީފާއިން ވަކި ނުކުރައްވާނޭ ކަމަށް އެ ބޭފުޅަކު ވިދާޅުވި ކަމަށެވެ. އެހެންވީމާ އެޔަކު ނުފޫޒެއް ބިރު ދެއްކުމެއް ނެތް ކަމަށާއި އޭގެ ފަހުން އޭނާ ދައްކަވާ ކޮންމެ ވާހަކައަކީ އޭނާގެ އަމިއްލަ ވާހަކަ ކަމަށާއި އެއީ އޭނާއަށް ލިބިވަޑައިގެންފައިވާ ހައްގެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މެންބަރު ޝިޔާމު ވިދާޅުވި ގޮތުގައި އޯޑިއޯގެ ފަހަތުގައި އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ނުލައިފިނަމަ އާދީއްތަ ދުވަހު ކަނޑައި ވައްޓައިލާނޭ ކަމަށް އެ ބޭފުޅަކު ވިދާޅުވެއެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީ އެ ބޭފުޅެއްގެ އަމިއްލަ ވާހަކަފުޅެއް ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.