މިއަދު ކޮންމެހެން ކުރަން އޮތް ކަމަކީ ޤާނޫނޫތައް ހަރުކަށި ކުރުން ނޫން ކަމަށާއި ކުރަންޖެހޭ ކަމަކީ މިކަންކަމާއި ހަވާލުވެ ތިއްބެވި ވެރިންގެ އިޚްލާސްތެރިކަން ދެމެހެއްޓުންކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މިފަހަކަށް އައިސް ރާއްޖޭގައި ބޮޑެތި ކުށްތައް އާންމުވެ، އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފް އެތައް ކަމެއް އާންމުވެފައިވާތީ އެކަމާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.
އޭނާގެ ޓްވީޓުގައި އެކަންކަމާއި އެންމެ އެކަށީގެންވާ ގޮތަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ފިޔަވަޅު ނޭޅޭތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅު ކުރައްވާފައެވެ.
ޝިޔާމް ވިދާޅުވީ މިއަދުފެނިގެންދަނީ ތަހުގީގީ އިދާރާތަކުން ފެށިގެން މުޅި ނިޒާމު ކޮރަޕްޓް ވެފައިތަން ކަމަށެވެ. އަދި ރާއްޖޭގައި ބޮޑެތި ކުށްތައް އާންމުވެގެންދަނީ ޤާނުނުތައް ނެތިގެން ނޫން ކަމަށާއި އެ ޤާނޫނުތައް ތަންފީޒު ކުރަން ތިބި ވެރިންގެ އިޚްލާސްތެރި ކަމެއް ނެތުމުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިފަދަ ޓުވީޓެއް ކުރައްވާފައިވާއިރު، ރާއްޖޭގައި ގޯސްކޮށް ހިނގާ ކަންކަން އިސްލާހު ކުރަން އުޅެނީ ކިތަންމީހުންތޯ ވިދާޅުވެ، ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ޢާންމުގެ ފާޑުކިޔުންތަކާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެޤައުމެއްގެ ހާލަތު ގޯސް ކުރަނީ ވެސް އަދި ރަނގަޅު ކުރަނީ ވެސް އެތަނެއްގައި ދިރިއުޅޭ ރައްޔިތުން އަމިއްލައަށް ކަމަށެވެ.
ރާއްޖޭގައި ވެސް މިއަދު ގޯސްކޮށް ހިނގާ އަދި ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަންކަން އިސްލާ ކުރަން މަސައްކަތް ކުރައްވަނީ ކިތައް މީހުންތޯ ސުވާލު ކުރައްވާފައެވެ.
އިމްރާންގެ މި ޓުވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް "އަލަމްގިރް" އާއެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް ޢާންމުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ބަހެއް ނުބުނާތީ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.