އުތުރު ކޮރެޔާ މިސައިލް ޓެސްޓުކުރުމުގައި އަވަދިނެތި

އުތުރު ކޮރެޔާގެ އަވަށްޓެރި ގައުމުތަކުން އިއްޔެ ބުނި ގޮތުގަައި އުތުރު ކޮރެޔާއިން އިއްޔެ ވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ބެލިސްޓިކް މިސައިލެއް އުދުއްސާލާފައެވެ. މިއީ، ނިއުކުލިޔާ ބާރެއް ކަމުގައިވާ އުތުރު ކޮރެޔާއިން މި ޖަނަަވަރީ މަހު ކުރި ހަތްވަނަ މިސައިލް ޓެސްޓެވެ.

ދެެކުނު ކޮރެޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް އިއްޔެ މައުލޫމާތު ދިން ގޮތުގައި ހެނދުނު 7:53 (ރާއްޖޭ ގަޑިން އިއްޔެރޭ ދަންވަރު 3:30 ހާއިރު) އުތުރު ކޮރެޔާގެ ޖަގަންގް ޕްރޮވިންސުން މާކަނޑާއި ދިމާއަށް ބެލިސްޓިކް މިސައިލެއް ކަމުގައި ބެލެވޭ އެއްޗެއް އުދުއްސާލާފައި ވެއެވެ.

ޖަޕާނު ސަރުކާރުންވެސް އިއްޔެ ބުނެފައިވަނީ "ބެލެސްޓިކް މިސައިލަކަށް ވުން ގާތް" އެއްޗެއް އުތުރު ކޮރެޔާއިން އުދުއްސާލާފައި ވާކަމުގައެވެ.

މި ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުވެސް ޖަގަންގް ޕްރޮވިންސުން ދެ މިސައިލް އުދުއްސާލާފައި ވެއެެެވެ. އުތުރު ކޮރެޔާއިން ބުނީ އެ ފަހަރު އުދުއްސާލީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ދެ މިސައިލް ކަމުގައެވެ. އަދި ތިރިން އުދުހި 'ހޭރިޔާކުރުމުގެ' ގާބިލްކަން ލިބިފައިވާ އެ މިސައިލަށް އެދުހުމުގެ ތެރޭގައި ދުވެލި ބާރުކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމުގައެވެ.

މި މަހުގެ ތެރޭގައި އުތުރު ކޮރެޔާއިން ވަނީ އިތުރު މިސައިލް ޓެސްޓުތަކެއްވެސް ކޮށްފައެވެ. އެެހެންކަމުން، މި ޖަނަވަރީ މަހަކީ އުތުރު ކޮރެޔާއިން މިސައިލް ތަރައްގީ ކުރުމަށް ހިންގާ ޕްރޮގްރާމުގައި އެންމެ އަަވަދިނެތި އުޅޭ މައްސަރެެވެ. މި ޓެސްޓުތައް ކޮށް، މިސައިލުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި މިވަނީ އެ ގައުމުން ބެލިސްޓިކް މިސައިލް ޓެސްޓުކުރުން މަނާކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށެެވެ. އަދި އެ ގައުމާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނިކޮށެވެ.

މި މިސައިލް ޓެސްޓުތަކާ ގުޅިގެން ޖަޕާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ބެލިސްޓިކް މިސައިލް ޓެސްޓުކުރަން އުދުއްސާލުމާ، އަދި އޭގެ ކުރިން މިސައިލްތަކެއް އުދުއްސާލުމަކީ އަަހަރުމެންގެ ގައުމަށާއި، މި ސަރަހައްދަށާއި، ބައިނަލްއަގުވާމީ މުޖުތަމައަަށް އޮތް ނުރައްކަލެއް." ޖަޕާނު ސަރުކާރުގެ ތަރުޖަމާނު އަދި ޗީޕް ކެބިނެޓް ސެކްރެޓަރީ ހިރޮކާޒޫ މަޓްސޫނޯ ވިދާޅުވިއެވެ.

ތަޖުރިބާކާރުން ލަފާކުރާގޮތުގައި އުތުރު ކޮރެޔާއިން އިއްޔެ އުދުއްސާލި ބެލިސްޓިކް މިސައިލަކީ 2017 ވަނަ އަހަރަށް ފަހު އެގައުމުން އުދުއްސާލި އެންމެ ދިގު ރާސްތާގެ މިސައިލެެވެ. އަދި ލަފާކުރެވޭ ގޮތުގައި އެއީ ހުވަސޮންެގް-12 މަރުކާގެ މިސައިލެކެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.