އުތުރު ކޮރެޔާއިން ވަނީ ބެލިސްޓިކް މިސައިލްގައި ހަރުކުރެވޭ ފެންވަރުގެ ނިއުކުލިޔާ އާލާތް އުފައްދާފައި: އދ.ގެ ރިޕޯޓު

އުތުރު ކޮރެޔާއިން އުފައްދާފައިވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަކެެއް ދައްކާލަނީ

ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާ (ޑީޕީއާރްކޭ- އުތުރު ކޮރެޔާ) އިން ބެލިސްޓިކް މިސައިލްގައި ހަރުކުރެވޭ ފެންވަރުގެ ނިއުކުލިޔާ އާލާތް އުފައްދާފައިވާ ކަމަށާއި، މިކަމުގައި އެ ގައުމު އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވެފައިވާ ކަމަށް މިނިވަން 15 މެންބަރުންގެ ކޮމިޓީއަކުން އދ. ސަލަމާތީ މަޖިލީހުގެ ސެންކްޝަންސް ކޮމިޓީއަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފިއެވެ.

"ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާއިން ދަނީ ނިއުކުލިޔާ ޕްރޮގްރާމުގައި ކުރިއަށް. އޭގެ ތެރޭގައި މަތީ ފެންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އުފެއްދުމާއި، ތަޖުރިބާކުރުމުގެ ގޮތުން ލުއި ފެނުގެ ނިއުކުލިޔާ ރިއެެކްޓަރެއް އުފެއްދުންވެސް ހިމެނޭ." ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ވެއެވެ. މި ރިޕޯޓުގެ ކޮޕީއެއް ވަނީ ރޮއިޓާސްއަށް ލިބިފައެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އުތުރު ކޮރެޔާއިން އެ ފެންވަރުގެ ނިއުކުލިޔާ އާލާތްތައް އުފައްދާފައި ވަނީ އެ ގައުމުން ކޮށްފައިވާ ނިއުކުލިޔާ 6 ޓެސްޓުގެ އެހީގައެވެ. ސެޕްޓެންބަރު 2017 ގެ ފަހުން އުތުރު ކޮރެޔާއިން ނިއުކުލިޔާ ޓެސްޓެއް ކޮށްފައި ނުވެއެވެ.

އދ. އަށް ކަނޑައަޅާފައި ނިއުޔޯކުގައި ހުންނަވާ އުތުރު ކޮރެޔާގެ މަންދޫބުގެ އޮފީހުން މި ރިޕޯޓާމެދު އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

އދ.ގެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް އުތުރު ކޮރެޔާއިން ކޮށްފައި ވަނީ ނިއުކުލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އެކަންޗެއް ނޫނެވެ. އެ ގައުުމުން ދަނީ ގަވާއިދާއި ޚިލާފަށް ބޯޓުދެލި (ކޯލް) ބޭރުކުރަމުންނެވެ. މިއަަހަރުގެ ޖަނަވަރީ ފެށިގެން މާރިޗުމަހުގެ ނިޔަލަށް ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް އަނެއްކާވެސް އެކަން ވަނީ ފަށާފައެވެ.

އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން ފާއިތުވި ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި ނިއުކުލިޔާ ހަތިޔާރަކީ އިސްތިއުމާރީ އަދި ދުޝްމަން ބާރުތަކުން ކުރިމަތިކުރާ އިންތިހާ ދަރަޖައިގެ ފިއްތުމާއި، އަސްކަރީ ބިރުދެއްކުމާއި، ބްލެކްމޭލްކުރުމާ ދެކޮޅަށް ބޭނުންކޮށް އެކަންތައް ހުއްޓަން ނަތީޖާ ނެރެދޭނެ، އިތުބާރުހުރި ހަތިޔާރެކެވެ.

2018 ވަނަ އަހަރު ޒައީމު ކިމްއާ އެެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އުތުރު ކޮރެޔާއިން ނިއުކުލިޔާ ޕްރޮގްރާމު ހުއްޓާލުމުން ބަދަލުގައި އުތުރު ކޮރެޔާާއާ ދެކޮޅަށް އަޅާފައިވާ ދަތިކުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭ ވާހަކަތައް ދެކެވުނެވެ. އެހެންނަމަވެސް، އެކަމަށް އަމަލީ ސިފަ އައިސްފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.