ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި

ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހަ މީހަކު ހުޅުމާލެ ފޭސް ދޭކުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިހުން މިއަދު ހެނދުނު ހުޅުމާލެ ފޭސް ދޭއް ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޮަޕަރޭޝަނުގައެވެ.

އެގޮތުން، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައެވެ. ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. އަދި އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އެގޮތުން، 18 މޯބައިލް ފޯނާއި، 28 ޗާޖަރާއި، 28 ހެޑް ސެޓާއި، 10 މެމޮރީ ކާޑާއި، 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވެއެވެ. މި ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.

މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.