އިންޑިޔާގެ ގައުމީ އެއާ އިންޑިޔާ ވިއްކާލަން ހުޅުވާލި ބީލަން 180 ބިލިއަން ރުޕީސް (2.39 ބިލިއަން އެމެރިކާ ޑޮލަރު) އަށް ފާއިތުވި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ކާމިޔާބު ކުރި ކާމިޔާބުކުރި ޓެލޭސް ޕްރައިވެޓް ލިމިޓެޑުން މިއަދު އެއާ އިންޑިޔާއާއި ރަސްމީކޮށް ހަވާލުވެއްޖެއެވެ. ޓެލޭސްއަކީ ޓާޓާ ސަންސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ކުންފުންޏެކެވެ.
"ޓާޓާ ގްރޫޕަށް އެއާ އިންޑިޔާ އަނބުރާ ލިބުމުން އަހަރުމެން މިތިބީ ވަަރަށް އުފަަލުން. އަދި މިއީ ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް ހަދަން އަހަރުމެން މިތިބީ އަޒުމު ކަނޑައަޅައިގެން." މިއަދު އެއާލައިނާ ހަވާލުވުމަށް ފަހު ޓާޓާ ސަންސްގެ ޗެއާމަން އެން ޗަންދްރަސޭކަރަން ވިދާޅުވިއެވެ. އޭނާ ވަނީ މިއަދު އެއާލައިނާ ރަސްމީކޮށް ހަވާލުވުމުގެ ކުރިން ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާފައެވެ.
"އެއާ އިންޑިޔާގެ %100 ހިއްސާ މެނޭޖްމަންޓް ކޮންޓްރޯލާއެކު މިއަދު ޓެލޭސްއަށް ބަދަލުކުރުމާއެކު އެއާ އިންޑިޔާގެ ސްޓްރެޓީިޖިކް އިންވެސްޓްމަންޓް ސަރުކާރުން ދޫކޮށްލުމުގެ ވިޔަފާރި ނިމުމަކަށް އައީ." ސްޓްރެޓީކް ޕާޓްނަރުން އިސްކޮޮށްތިބި އާ ބޯޑަކުން އެއާ އިންޑިޔާއާ ހަވާލުވާނެ." ޑިޕާޓްމަންޓް އޮފް އިންވެސްޓްމަންޓް އެންޑް ޕަބްލިކް އެސެޓް މެނޭޖްމަންޓް (ޑީއައިޕީއޭއެމް) ގެ ސެކްރެޓަރީ ޓުހިން ކާންޓާ ވިދާޅުވިއެވެ.
ޓާޓާއާއި އެއާ އިންޑިޔާ ހަވާލުކުރުމުގެ ކުރިން އިންޑިޔާ ސަރުކާރުން ވަނީ އެ އެއާލައިން ހިންގަމުން އައި އެއާ އިންޑިޔާ އެސެޓްސް ހޯލްޑިންގްސް ލިމިޓެޑް (އޭައައިއޭއެޗްއެލް) ގެ 610 ބިލިއަން ރުޕީސް (8.1 ބިލިއަން އެމެރިކާ ޑޮަލަރު) ގެ ދަރަނި ޚަލާސްކޮށްފައެވެ.
މިހާރު ދުވާލަކު 200 މިލިއަން ރުޕީސް (2.7 މިލިއަން ޑޮލަރު) ގެެއްލުންވަމުން އަންނަ އެއާލައިން ހިންގާނެ ގޮތުގެ ތަފްސީލެއް ޓާޓާއިން އަދި ހާމަނުކުރެއެވެ. ޓާޓާއިން މިހާރުވެސް ހިންގާ ދެ އެއާލައިން ކަމުގައިވާ ވިސްޓާރާ އާއި އެއާ އޭޝިޔާ އިންޑިޔާ ގެތެރޭން އެއާލައިނަކާ އެއާ އިންޑިޔާ އެއްކޮށްލުމަކީ ވެސް ޓާޓާގެ ކުރިމަތީގައި އޮތް އިޚްތިޔާރެކެވެ.
އެއާ އިންޑިޔާއަކީ މީގެ 89 ވަނަ އަހަރު ކުރިން 1932 ވަަނަ އަަރު 'ޓާޓާ އެއާލައިންސް' ގެ ނަމުގައި ޖަހާންގީރް ރަތަންޖީ ދާދާބޯއި (ޖޭއާރްޑީ) ޓާޓާ އުފެއްދި އެއާލައިނެކެވެ. މި އެއާލައިންގެ ފުރަތަމަ އުދުހުން އުދުހިފައި ވަނީ 29 ޖުލައި 1946 ގައެވެ. 1946 ވަނަ އަހަރު ޓާޓ އެއާލައިންސް ސަރުކާރުގެ ކުންފުންޏަަކަށް ހެދުމަށް ފަހު އެއާ އިންޑިޔާގެ ނަން ދީފައި ވަނީ 1960 ވަނަ އަހަރުއެވެ. އެ އެއާލައިނުގައި މިިހާރު 125 މަތިންދާބޯޓ އެބައޮތެވެ.
މިއަދު ޓާޓާއިން އެއާ އިންޑިޔާއާ ހަވާލުވުމާއެކު އެ އެއާލައިން މިވަނީ އެ އެއާލައިން އުފެއްދި އާއިލާއަށް 69 އަަހަރަށްފަހު އަނެއްކާވެސް ލިބިފައެވެ.