އިންޑިޔާގެ ގައުމީ އެއާލައިން އެއާ އިންޑިޔާއަށް ގެއްލުންވަމުން ދާތީ އެ އެއާލައިން ވިއްކާލަން އެގައުމުގެ ސަރުކާރުން ތައްޔާރުވެއްޖެއެވެ.
މި ފަހަރު އިންޑިޔާ ސަރުކާރުން ނިންމާފައިވަނީ އެއާލައިނުގެ %100 ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށެވެ. އެއީ، ހިއްސާގެ ބައެއް ވިއްކަން މީގެ ކުރިން ހުޅުވާލުމުން ގަންނާނެ ފަރާތެއް ނުވީމައެވެ.
އެއާލައިން ވިއްކާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މައްޗަށް އެކުލެވޭ މަތީ ފެންވަރުގެ ކޮމިޓީއެއް މިހާރުވަނީ އެކުލަވާލާފައެވެ. ކޮމިޓީގެ ޗެއާމަނަކަށް ހުންނަވަނީ ހޯމް މިނިސްޓަރު އަމިތު ޝާހުއެވެ. ކޮމިޓީގައި ދެން ތިއްބެވީ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަންއާއި، ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ޕޫރީއާއި، ޓްރޭޑް މިނިސްޓަރު ޕިޔޫޝް ގޯޔަލްއެވެ.
"ވިއްކާލަން ބޭނުންވާކަން ހާމަކުރާ ލިޔުންތައް ކޮންމެ ވަގުތަކުވެސް ޝާއިއުކޮށްފާނެ. އެންމެ ލަސްވެގެން މިމަސް ނިމުމުގެ ކުރިން. ރާވާފައި ވަނީ އެއާލައިނުގެ %100 ހިއްސާ ވިއްކާލަން. ހުށަހެޅުން އާއްމުކުރުމުގެ ކުރިން މިނިސްޓަރުންގެ ކޮމިޓީގެ އާނބަސް ބޭނުންވޭ." ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ނަން ހާމަނުކުރުން ޝަރުޠުކޮށް ބުނެފައި ވެއެވެ.
ގެއްލުންވާ ބޮޑެތި ކުންފުނިތައް ވިއްކާލުމަސް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމުގެ ދަށުން، އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭ މާލީ އަހަރު ނިމުންގެ ކުރިން ސަރުކާރުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން 1.05 ޓްރިލިއަން ރުޕީސްގެ އިންވެސްޓްމަންޓު ވިއްކާލުމުގެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެއާ އިންޑިޔާ ވިއްކާލުން ސަރުކާރަށް ވަރަށް މުހިއްމެވެ.
މިއަހަރުގެ މާރިޗު މަހު އެއާ އިންޑިޔާގެ ދަރަނި ވަނީ 590 ބިލިއަން ރުޕީސްއަށް އަރާފައެވެ. އެއާ އިންޑިޔާގެ ދަރިނީގެ ބައެއްގައި ސަރުކާރުން ހިފުމުގެ ބޭނުމުގައި އެއާ އިންޑިޔާ އެސެޓްސް ހޯލްޑިންގ ލިމިޓެޑް (އޭއައިއޭއެޗްއެލް) ގެ ނަމުގައި ސަރުކާރުން ވަނީ ކުންފުޏެއް އުފައްދާފައެވެ. އިންޑިގޯ، ގޯއެއާ، ސްޕައިސް ޖެޓް އަދި އެއާ އޭޝިޔާ ފަދަ އަމިއްލަ ބަޖެޓް އެއާލައިންތަކުގެ ވާދަވެރިކަމުގެ ސަބަބުން އަޑިއަޅާލާފައިވާ އެއާ އިންޑިޔާ ކޮޅަށް ޖެހުމަށް އިންޑިޔާ ސަރުކާރުން ވަނީ މިއަހަރު އެ އެއާލައިނަށް 330 ބިލިއަން ރުޕީސް ދީފައެވެ.
އެއާ އިންޑިޔާގައި މިހާރު 136 މަތިންދާބޯޓު އޮތް އިރު އެތެރޭގެ 54 މަންޒިލަކަށާއި، ބޭރުގެ 40 މަންޒިލަކަށް ދަތުރުކުރެއެވެ. މުވައްޒަފުންގެ އަދަދު 20 ހާހަށްވުރެ ގިނައެވެ.
އެއާ އިންޑިޔާގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ޖަމްއިއްޔާ އެއާ ކޯޕަރޭޝަން އެމްޕްލޯޔީސް ޔުނިއަން (އޭސީއީޔޫ) އިން ވަނީ އެއާ އިންޑިޔާ ވިއްކާލުމާއިގެން ކުރިއަށްދާނަމަ ހަޅުތާލުކުރާނެ ކަމުގެ އިންޒާރުދީފައެވެ.