މަޅުމަތި: މަރުގެ އަހަރު

އެކި ދުވަހު ފެންނަނީ އެކި ފޮޓޯއެވެ.
އެއް ދުވަހު މިނިސްޓަރެއްގެ ފޮޓޯއެވެ.
އަނެއް ދުވަހު ފުލުހެއްގެ ފޮޓޯއެވެ.
އަނެއް ދުވަހު ސިފައިންގެ މީހެއްގެ ފޮޓޯއެވެ.
އަނެއް ދުވަހު ޑަކްޓަރެއްގެ ފޮޓޯއެވެ.
ފޮޓޯ ތަފާތު ވިޔަސް ދެކެވެނީ ގާތްގަނޑަކަށް އެއް ވާހަކައެކެވެ.
ތިޔައީ އަހަރެމެން ބަނޑަށް ޖެއްސި މީހާއެވެ.
ތިޔައީ އަހަރެމެންގެ ހައްގުތައް ނިގުޅައިގަތް މީހާއެވެ.
ތިޔައީ އަހަރެމެން ރާއްޖެތެރޭމީހުންނަށް ކުޑަސިޓީ ހައްދަން ޖެއްސި މީހާއެވެ.
ތިޔައީ އަހަރެމެން ކުށެއް ނެތް ރައްޔިތުންގެ މޫނަށް ކަރުނަގޭސް ޖެހިމީހާއެވެ.
ހައްތަހާވެސް ބޮޑެތި މުޖުރިމުންނެވެ.
ތިރީސް އަހަރުގެ ދިގު ޚުދުމުޚްތާރު ވެރިކަމުގައި ރައްޔިތުން ވީދައި ނޮޅައި ކައި ހުސްކުރި މީހުންނެވެ.

* * *

2021 ވަނަ އަހަރު ނިމެނީއެވެ.
ސުރުޚީތައް ބަދަލުވެއްޖެއެވެ.
މިއަހަރަކީ ރާއްޖޭގައި އެންމެ ގިނަ އިސްރަށްވެހިން ނިޔައުވީ އަހަރެވެ.
ގައުމު ހިތާމަ ކުރަނީއެވެ.
ހިތާމައިގެ ސުރުޚީތައް ގިނަވެއްޖެއެވެ.
ތައުބީނުގެ ޖަލްސާތައް ބާއްވަނީއެވެ.
ތައުޒިޔާގެ ދަފުތަރު ހުޅުވަނީއެވެ.
މިހާރު ފެންނަނީ އެންމެ ފޮޓޯއެކެވެ.
މަތީގައި ބަޔާންކުރެވުނު އެންމެން ހިމަނައިގެން ހަދާފައި ހުރި އެންމެ ފޮޓޯއެކެވެ.
ފޮޓޯގެ ތިރީގައި ލިޔެފައި އޮތެވެ.
މިއީ ގައުމަށް ވަފާތެރި ޚިދުމަތްތެރިންނެވެ.
މިކަހަލަ އިޚްލާސްތެރި ބޭފުޅުން ގައުމުތަކުން ފެންނަނީ ވަރަށް މަދުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.