ރަޝިޔާގެ ބޮޑު ލަޝްކަރެއް ޔުކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަަށް ޖަމާކޮށް ޔުކްރޭނަށް އަރައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ޔުކްރޭންއާއި ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން ހޫނުވެފައިވާ ޔުކްރޭންގެ މަސްރަހު ފިނިކުރެވޭތޯ އެމެރިކާގެ ރައީސު ޖޯ ބައިޑަންއާއި، ރަޝިޔާގެ ރައީސު ވްލާޑިމީރް ޕްޓިން މަޝްވަރާކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވި ދެ ގަޑިއެއްހާއިރުގެ ވީޑިއޯ ކޮންފަރެންސަށްފަހު ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުކްރޭންއާ ދެކޮޅަށް ރަޝިޔާއިން އަސްކަރީގޮތުން ފިޔަވަޅުތަކެއް އަޅައިފިނަމަ، "އިގްތިސާދީ އަދި އެހެނިހެން ހަރުކަށި ދަތިކުރުމުގެ ފިޔަަވަޅުތަކާ ރަޝިޔާ ކުރިމަތިލާން ޖެހޭނެ" ކަމުގައެވެ.
ވައިޓް ހައުސްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރަޝިޔާއިން ޔުކްރޭންެގެ ސަރަހައްދު ކައިރިއަށް ގިނަ އަދަދެއްގެ ސިފައިން ޖަމާކުރަމުން ދާތީ އެމެރިކާާއާއި އެ ގައުމުގެ އެކުވެރިން ކަންބޮޑުވާކަން ރައީސު ބައިޑަން ހާމަކުރައްވާފައިވާ ކަމުގައެވެ. އަދި އޭގެ އިތުރަށް ސައިބާ ސެކިއުރިޓީއާއި، އީރާނު ފަދަ ސަރަހައްދީ މައްސަކަލަތަކާމެދު ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމުގައެވެ.
އަނެއްކޮޅުން މި ބައްދަލުވުމުގައި ރައީސު ޕުޓިން ވަނީ ރަޝިޔާ ކަންބޮޑުވާ ކަންކަން ރައީސު ބައިޑަނަށް ހުށަހަޅުއްވާފައެވެ.
ރަޝިޔާއިން ބުނީ ނޭޓޯ (ނޯތު އެޓްލާންޓިމް ޓްރީޓީ އޮގަނައިޒޭޝަން) އިރުމައްޗަށް ފުޅާނުކުރާނެކަމުގެ (ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހަދާނެ ކަމުގެ) ގާނޫނީ ގޮތުން ލާޒިމުކުރާ ގަރަންޓީއެއް ދެއްވުމަށް ރައީސު ބައިޑަންގެ ކިބައިން ރައީސު ޕުޓިން އެދިވަޑައިގަތް ކަމުގައެވެ.
ރައީސު ޕުޓިން ވަނީ ނޭޓޯއިން ރަޝިޔާގެ ސަރަހައްދީ ރޮނގު ކައިރީގައި އަސްކަރީ ހަރަކާތްތައް އިތުރުކޮށް "ޔުކްރޭންއަށް އަރައިގަތުމަށް ނުރައްކާތެރި ރެޭވުންތަައް ރާވަމުންދާކަން" ރައީސު ބައިޑަންއަށް ހާމަކޮށްދެއްވާއިފައި ކަމަށް ރަޝިޔާއިން ބުނެފައި ވެއެވެ.
ޔުކްރޭންގެ ބައެއްގެ ގޮތުގައި ކުރިން އޮތް ކްރައިމިޔާ 2014 ވަނަ އަަހަރު ރަޝިޔާއިން ހިފައި އެއީ ރަޝިޔާގެ ބައެއް ގޮތުގައި ކަނޑައެޅުމުގެ އިތުރަށް، ރަޝިޔާއަށް ތާއީދުކުރާ ހަނގުރާމަވެރިން އިރުމަތީ ޔުކްރޭންގެ ބޮޑު ބައެއް ހިފުމާ ގުޅިގެން ވެސް ރަޝިޔާއާއި ހުޅަނގާ ދެމުދު ގުޅުންތައް ގޯސްވެގެން ދިޔައެވެ. އެ ފަހަރުވެސް އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް މައްސަލަ ވަނީ ނިމިފައެވެ. އޭރު ހުޅަނގުން އެެދެމުން ދިޔަ ނަމަވެސް ރަޝިޔާއިން ކްރައިމިޔާއިން ނުފޭބިއެވެ.