ރަޝިޔާއިން ކަނޑު އަޑީގެ މުވާސަލާތީ ކޭބަލްތަކަށް ގެއްލުންދީފާނެތީ ހުޅަނގުން ކަންބޮޑުވެއްޖެ

ކަނޑުއަޑީގެ ތަހުލީލުތައް ކުރާ ރަޝީޔާގެ މަނަވަރެއް އާޖެންޓީނާގެ ބުއެނަސް އައިރެސް ބަނދަރުގައި މިއަހަރުގެ ކުރީކޮޅު

ރަޝިޔާގެ މަނަވަރުތައް ކަނޑުއަޑީގައި މުވާސަލާތީ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުން ފެންނަމުން ދާތީ، ރަޝިޔާއިން ކޭބަލްތަކަށް ގެއްލުންދީފާނެތީ ނުވަތަ މުވާސަލާތަށް ހުރަސްއަޅައި، ފިނި ހަނގުރާމައިގެ ތެރެއަށް މުވާސަލާތީ ގުޅުން ވައްދަފާނެތީ އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރަޝިޔާއިން ކޭބަލްތައް ބިރުކޮށްފާނޭ ހެއްޔެވެ؟ ކޭބަލްތަކުން މަޢުލޫމާތު ވަގަށް ނަގަން އުޅޭފާނޭ ހެއްޔެވެ؟ ނުވަތަ ހުޅަނގުން އެއްވެސް ކަމަކާނުލާ ކަންބޮޑުވަނީ ހެއްޔެވެ؟ ރަޝިޔާގެ ނިޔަތް ކިތަންމެ ރަނގަޅު ކަމުގައިވިޔަސް، ދުނިޔޭގެ އެންމެ ގިނަ ފޯންކޯލުތަކާއި، އީމޭލްތަކާއި، އެސްއެމްސްތަކާއި، ދުވާލެއްގެ މައްޗަށް 10 ޓްރިލިއަނެއްހާ ޑޮލަރުގެ ވިޔަފާރި އޭގެ ތެރެއިން ހިނގާ 400 އެއްހާ ސަބްމެރިން ފައިބާ އޮޕްޓިކް ކޭބަލްތައް ކައިރީގައި ރަޝިޔާ މީހުން އުޅޭތީ ހުޅަނގު ކަންބޮޑުވުންތަައް ދަނީ އިތުރުވަމުންނެވެ.
"ރަޝިޔާގެ ކަނޑުގެ ސިފައިންގެ ހަރަކާތައް އަހަރުމެންނަށް ވަނީ ފެނިފައި. 80 ގެ އަހަރުތަކަށް ފަހު ދުވަހަކުވެސް އިތުރުނުވާ ވަރަށް އެމީހުން ސަބްމެރީންތަކުގެ ހަރަކާތްތައް ވަނީ އިތުރުވެފައި." އެމެރިކާގެ ކޮންގްރެސް އަށް މައުލޫމާތުދެއްވަމުން އެމެރިކާގެ އިރުމަތީ ޔޫރަޕް ކޮމާންޑުގެ ކޮމާންޑަރު، ޖެނެރަލް ކާޓިސް ސްކެޕަރޯޓީ ވިދާޅުވެފައި ވެއެވެ.
ކަނޑުއަޑީގެ ކޭބަލާއި ނުލައި އޭޝިޔާގައި ހުންނަ ބޭންކަކުން ތެލަށް ފައިސާ ދެއްކުމަށް ސައޫދީ އަރަބިއްޔާއަށް ފައިސާ ނުފޮނުވޭނެއެވެ. މެދު އިރުމައްޗާއި، އަފްޣާނިސްތާނުގައި ހަނގުރާމަކުރަމުންދާ އެމެރިކާ ސިފައިންނާ މުވާސަލާތުކުރުން އެމެރިކާގެ ވެރިންނަށް އުނދަގޫވާނެއެވެ. ޔޫރަޕުގައި ހުންނަ ކިޔަވާކުއްޖަކަށް އެމެރިކާގައި ތިބި އޭނާގެ މައިންބަފައިންނާ ސްކައިޕް މެދުވެރިކޮށް ވާހަކަ ނުދެއްކޭނެއެވެ.
މިހުރިހާ މުވާސަލާތީ ގުޅުމެއް ހިނގަނީ ކަނޑު އަޑިން އަޅާފައިވާ ހިމަ ފައިބާ އޮޕްޓިކް ކޭބަލްތަކުގެ ތެރެއިންނެެވެ. ޖުމްލަކޮށް ބަލާއިރު 9 ލައްކަ 97 ހާސް ކިލޯމީޓަރުގެ ކޭބަލް ކަނޑު އަޑިން އަޅާފައިވެއެވެ. އެއީ ދުނިޔެ ވަށާ 25 ބުރު ޖެހޭވަރުގެ ދިގު ކޭބަލެވެ. އޭގެ ތެރޭން ގިނަ ކޭބަލްތަކަކީ ގޫގްލްއާއި މައިކްރޯސޮފްޓް ފަދަ އަމިއްލަ ކުންފުނިތަކުގެ ކޭބަލްތަކެވެ.
"ރަޝިޔާއި އެތިބެނީ އަބަދަށް ތައްޔާރަށް. ހަމަނުޖެހުމެެއް ފެށިއްޖެއްޔާ ކޮންމެ ފަދަ ނުބައިކަމެއްވެސް އެމީހުން ކޮށްފާނެ." ރަޝިޔާގެ ކަންތައް ދިރާސާކުރާ ތަޖުރިބާކާރަކު ބުންޏެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.