އިންޑިއާ ސިފައިންނަށް ޖެހޭނީ ފައިބަން، އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން އިންޑިއާ ސިފައިން ބޭނުމެއް ނޫން: ރައީސް ޔާމީން

ދިވެހިރާއްޖެއަކީ އިންޑިއާގެ ޓައުނެއް ނޫން ކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އެމީހުންގެ ގަވަރުނަރެއް ނޫންކަމަށާއި އިންޑިއާ ސިފައިންނަށް ޖެހޭނީ ދިވެހިރާއްޖެއިން ފައިބާން ކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިނިވަންވުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ހެންވޭރު ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އިންޑިއާއަށާއި ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވި ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާގެ އެންމެ ބޫޓު ޖޯދެއްވެސް ހުރުމަކީ އެމަނިކުފާނު ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ،

ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ގޮވައިލަނީ ވަކި ފެންވަރެއްގެ ވަކި ބަޔަކު ކަމަށް ބުނަމުން ގެންދާތީ އެކަމަށް ޖަވާބު ދެއްވަން ބޭނުންފުޅުވާ ކަމަށެވެ. މިރޭ ރަސްމީ ގޮތުން އެ ވާހަކަ ވިދާޅުވަނީ ކަމަށް ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ޕީޕީއެމް ޕީއެންސީން ރަސްމީކޮށް ހިންގާ ކަމެކެވެ. ސީދާ އެމަނިކުފާނު އިސް ނަންގަވައިގެން ކުރައްވާ ކަމެކެވެ.

ދިވެހިރާއްޖެ އުފެދިގެން އައި ގޮތް ކަމަށް ގަބޫލުކުރައްވާ ގޮތެއް ވިދާޅުވެ ދެއްވުމަށް ފަހު އިންޑިއާއަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ. "މި ޖަޒީރާ ގައުމު މި އޮތީ ހަމަ ކަނޑު މެދުން ﷲ އުފައްދަވާފައި. އެހެންވީމާ އުފެދުމުގައި މި ސަރަހައްދުގައި އޮތަސް އަޅުގަނޑުމެންނަކީ އެމީހުންގެ ނަސްލުގެ ބައެއް ނޫނޭ. އަޅުގަނޑުމެން އިންޑިއާގެ އެކުވެރި ރައްޔިތުންނަށް އިހުތިރާމް ކުރަން އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތާ އިންޑިއާ ސިފައިން ތިބޭކަށް ނުޖެހޭ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.