އައްޑޫ ސިޓީގައި އިމާރާތްކުރާ ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓުގެ މަސައްކަތްތައް އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރާ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްލަވައިފިއެވެ.
ޑިސެމްބަރ 1 ވަނަ ދުވަހު ފުލުހުންގެ ނެޝަނަލް ކޮލެޖަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މަސައްކަތް ގޮސްފައިވާ މިންވަރަށް ބަލާއިރު އަމާޒަކީ ވީހާވެސް އަވަހަކަށް ތަން ހުޅުވުންކަމަށާއި ކުރިއަށް ދޮޅުމަހެއްހާ ދުވަސް ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. އެގޮތުން މުޅި ތަން ނިންމަައި އޮޕަރޭޝަނަށް ގެނައުމުގެ ބަދަލުގައި ތަނުގެ މަސައްކަތްތައް ނިމެމުންދާ ވަރަކަށް ހުރި ވަސީލަތްތަކާ އެކު އޮޕަރޭޝަނަށް ގެނައުމަށް ނިންމާފައިވާކަމަށާއި އަންނަ އަހަރުގެ މާރޗް މަހު މަސައްކަތްތައް ނިންމައި ތަން ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ފުލުހުންނަށް ބޭނުންވާ ތަމްރީނާއި ތައުލީމު ދިނުމަށް ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރަމުންދާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރަމުންދާ ތަނެކެވެ.
އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރާ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.