ދުނިޔޭގައި %100 އޯގަނިކް ދަނޑުވެރިކަން ކުރާ ފުރަތަމަ ގައުމަށް ވުމަށް ސްރީލަންކާއިން ކުރި މަސައްކަތް ހުއްޓާލައި، ދަނޑުވެރިކަމަށް ކެމިކަލް އެތެރެކުރުމާއި ބޭރުކުރުމުގެ ހުއްދަދިނުމަށް އިއްޔެ އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ކޮވިޑް-19 ގެ ސަބަބުން ސްރީލަންކާގެ އިގުތިސާދަށް އެރި ބޮޑު ލޮޅުމާއެކު ބޭރު ފައިސާ ލިބުން ދަތިވެ، ކާބޯތަކެއްޗާއި، ހަކަތައިގެ ބާވަތްތަކާއި، އަސާސީ މުދާ ލިބުން ވަނީ ދަތިވެފައެވެ.
ސައިފަތް ހެއްދުމަށް ބޭރުން ގަސްކާނާ އެތެރެކުރުން މަނާކޮށްފައި އޮތުމަށް ފަހު ދާދި ފަހުން އެކަންވެސް ވަނީ ހުއްދަކޮށްފައެވެ.
ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ދަނޑުވެރިން ކޮލޮމްބޯގައި އިހުތިޖާޖުކުރަން ތައްޔާރުވަމުން ދަނިކޮށް މިނިސްޓްރީ އޮފް އެގްރިކަލްޗާއިން ބެނެފައި ވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ހާބިސައިޑާއި ޕެސްޓިސައިޑް ފަދަ ކެމިކަލްތައް އެތެރުކުުރުމުގެ ހުއްދަ ދޭނެކަމުގައެވެ.
"މިވަގުތަށް އަވަަހަށް ބޭނުންވާ ކެމިކަލް އެތެރެކުރުގެ ހުއްދަ އަހަރުމެން ދޭނަން." ސްރީލަންކާގެ ނިއުސް ފަސްޓް ޓީވީއަށް މައުލޫމާތު ދެއްވަމުން އެގްރިކަލްޗާ މިނިސްޓްރީގެ ސެކްރެޓަރީ އުދިތު ޖަޔަސިންހޭ ވިދާޅުވިއެވެ.
"އަހަރުމެން މިހެން މިނިންމީ، ކާބޯތަކެތި ލިބުންހުންނާނެކަން ކަށަވަރުކުރުމުގެ ގޮތުން." އޭނާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ފާއިތުވި މޭމަހު މަނާކުރުމާއެކު ގިނަ ދަނޑުތަކެއްގައި ދަނޑުވެރިކަން ކުރުން ހުއްޓާލަން ޖެހުނެވެ. މީގެ ސަބަބުން ކާބޯތަކެތި ލިބުން މަޑުމަޑުން ދަތިވަމުން އައިސް، ފާއިތުވި ހަފުތާގައި ވަނީ ހަނޑުލާއި، ތަރުކާރީއާއި، އާއްމުކޮށް ކެއުމަށް ބޭނުންވާ ބާވަތްތަކުގެ އަގު އުފުލެން ފަށާފައެވެ.
ސުޕަމާކެޓްތަކުން ވެސް ވަނީ ހަނޑޫ ވިއްކުން ކޮންޓުރޯލުކޮށްފައެވެ. މިހާރު މީހަަކަށް ގިނަވެެގެން ވިއްކަނީ 5 ކިލޯ ހަނޑުލެވެ.
ދަނޑުވެރިކަމަށް ބޭނުންވާ ކެމިކަލްގެ ބާވަތްތައް އެތެރެކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ގާނޫނުހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށް ހުކުރު ދުވަހު އެއްވެ އިހުތިޖާޖުކުރަން ދަނޑުވެރިންގެ ޖަމްއިއްޔާތަކުން އޮތީ ރާވާފައެވެ.
ކެމިކަލްގެ ބާވަތްތައް އެތެރެކުރުން މިއަހަރުގެ ކުރީިކޮޅު މަނާކުރިއިރު، ރައީސު ގޮތާބޭ ރާޖަޕަކްސަ ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ސްރީލަންކާއަކީ %100 އޯގަނިކް ދަނޑުވެރިކަން ކުރާ ގައުމަކަށް ހެދުމަށެވެ.
ސަރުކާރުން މި ފިޔަވަޅު އެޅީ ބޭރުން ފައިސާ ލިބުން ދަތިވެ ގައުމަށް އެތެރެކުރާ ބައެއް ބާވަތްތައް އެތެރެކުރުން މަނާކުރުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުންނެވެ. ފަތުރުވެރިކަން ގާތްގަނޑަކަށްހެން ހުއްޓުމަކަށް އައުމާ ގުޅިގެން ބޭރު ފައިސާ ލިބުން ދަތިވެ، ސާފުނުކުރާ ތެޔޮ އެތެރެކުރުން ހުއްޓާލާފައިވާތީ، ސްރީލަންކާގައި ހުންނަ ތެޔޮ ސާފުކުރާ ހަމައެކަނި ކާރުޚާނާ ވެސް މިހާރުވަނީ ބަންދުކޮށްފައެވެ.