ޗައިނާއާއެކު ވެފައިވާ އެފްޓީއޭ އަކީ ނެތް އެއްޗެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރުކުރައްވައިފި

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް

ޗައިނާއާއެކު ކުރީ ސަރުކާރު ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓިއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސް ވުމަކީ ނެތް އެއްޗެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ. 

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ މިއަދު ކުރިއަށް ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ޗައިނާއެކު ކުރީ ސަރުކާރުން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރެވިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެއެއްބަސްވުން ދެމިއޮތްކަމަށް ބެލެވެންނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެވެސް އިރަކުން މަޖިލީހުން އެކަން ވަކިގޮތަކަށް ނިންމައި ދިނުމަކީ ބޭނުން ތެރިކަމެއްކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭގެ މާނައަކީ އެކަމުގައި އަވަސްވެގަތުން ނޫންކަމަށް ވެސް ވިދާޅުވި އެވެ. 

ކުރީގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސް ވުމާ ދެކޮޅަށް ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވައިފައިވާއިރު އެއްބަސްވުމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ފަހު އެޖެންޑާއިން ވަނީއުނިކޮށްފިއެވެ.

އެޖެންޑާގައި އެމައްސަލަ ކުރިން އޮތީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާކަންކަމުގެ ތެރޭގައެވެ. ކުރިން އެޖެންޑާގައި އޮތީ އެމައްސަލަ ހުށަހަޅައިފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމަށެވެ. މަޖިލީހުގެ މެޖޯރީޓީ ލީޑަރަކީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރ ޢަލީ ޢާޒިމެވެ. މިމައްސަލަ އެޖެންޑާއިން އުނިކޮށްފައިވަނީ އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރައްވާނެކަމަށްއިޢުލާންކުރެވިފަހުންނެވެ. 

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް ނަޝީދު ފަދައިން މަޖިލީހުގެ މެޖޯރީޓީ ލީޑަރަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައާއި އެކި ޕްލެޓްފޯމްތަކުގައި ދަނީ، ޗައިނާއާއެކު ކުރީ ސަރުކާރު ވެފައިވާ މިނިވަން ވިޔާރީގެ އެއްބަސްވުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ ޗައިނާއާއެކު ކުރީ ސަރުކާރު ވެފައިވާ މިނިވަން ވިޔާރީގެ އެއްބަސްވުން މަރުވެފައިވާ ކަމަށެވެ. އެއީ މިހާރު އޮތް އެއްބަސްވުމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމޭރުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކޮށްފައިވަނީ  އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން އެކަމަށް ރުހުން ހޯދުމަށްފަހުއެވެ. މިއެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރ މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދެވެ. އޭނާ ވަނީ ދާދި ފަހުންވެސް މި އެއްބަސް ވުން ތަންފީޒު ކުރެއްވުމަށް މިސަރުކާރަށް ގޮވާލައްވައިފައެވެ. ނަމަވެސް އެ އެއްބަސްވުމާމެދު މި ސަރުކާރުން އަދި ގޮތްތަކެއް ނިންމާފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.