އަފްޣާނިސްތާނުގައި އަލަށް ގާއިމުކޮށްފައި ޠާލިބާން ސަރުކާރު ދުނިޔޭން ބަަލައިގަނޭތޯ އެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭން އެމެރިކާއާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގުޅިފައިވާ ވަފުދަކާއި ޠާލިބާންގެ ވަފުދަކާ ދެމެދު ޤަޠަރުގެ ވެރިރަށް ދޯހާގައި މަޝްވަރާތައް ބާއްވައިފިއެެވެ.
ޠާލިބާން ޖަމާއަތުން ބޭނުންވަނީ އަފްޣާނިސްތާނުގެ ގާއިމުވެފައި އޮތް ދުނިޔެ ގަބޫލުކުރާ ސަރުކާރު ބަލިކޮށް ވެރިކަން އަތުލައި އެ ޖަމާއަތުން ގާއިމުކޮށްފައިވާ ސަރުކާރު ދުނިޔޭން ބަލައިގަތުމުގެ އިތުރަށް، އިންސާނީ ކާރިސާއަކުން އެ ގައުމު ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ އެހީ އެ ގައުމަށް ފޯރުކޮށްދިނުމެވެ. 20 އަހަރަށް ދެމިގެން ދިޔަ ހަނގުރާމަށްއަށް ފަހު އަފްޣާނިސްތާނުގެ އިގުތިސާދު ވަނީ އިނދަޖެހިފައެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ސެކްރެޓަރީ ޖެެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވަނީ އަފްޣާނިސްތާނުގެ އިގްތިސާދު މުޅިން ފުނޑުފުނޑުވުގެ ކުރިން އެ ގައުމަށް އެހީވުމަށް ދުނިޔެއަށް ގޮވައިލައްވާފައެވެ. ހަަމައެއާއެކު، އޭނަ ވަނީ އަންހެނުންނާއި އަންހެންކުދިންގެ ހައްގުތަކަށް އިހުތިރާމުކުރުމަށް ޠާލިބާނުން ވެފައިވާ ވައުދާ ޚިލާފުވެފައި ވާތީ އެކަން ކުށްވެރިކުރައްވާފައެވެ.
ދޯހާގައި ކުރިއަށްދާ މަޝްވަރާތައް އިންތިޒާމުކުރީ ކުރިއްސުރެ ޠާލިބާންގެ ސިޔާސީ އޮފީހެއް ގާއިމުކޮށްފައި ހުންނަ ޤަޠަރުންނެވެ. އީޔޫގެ ތަރުޖަމާނު ނަބީލާ މަސްރާލީ ވިދާޅުވިގޮތުގައި މި މަޝްރާތަކުން "މައްސަލަަތަކާ މެދު ވާހަކަދައްކައި ގޮތް ހޯދުމަށް މަގުފަހިކޮށްދޭނެ"އެވެ. އެ މައްސަލަތަކުގެ ތެރޭގައި އަފްޣާނިސްތާނު ދޫކޮށް ދާން ބޭނުންވާ މީހުންނަށް އެކަމުގެ ހުއްދަދިނުމާއި، އިންސާނީ އެހީ ބޭނުންވާ މީހުންނަށް އެއެހީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، އަންހެނުންގެ ހައްގުތަކަށް އިހުތިރާމުކުރުމާއި، އަފްޣާނިސްތާނަކީ ޓެރަރިސްޓު ޖަމާއަތުގެ "ސުވަރުގެއަށް" ވިޔަނުދިނުން ހިމެނެއެވެ.
"މިއީ ޓެކްނިކަލް ފެންވަރުގައި ބޭއްވި ނުރަސްމީ މަޝްވަރާތަކެއް. މިއީ 'ވަގުތީ ސަރުކާރު' ގަބޫލުކުރުން ކަމުގައި ނުބެލެވޭނެ."
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވިގޮތުގައި "މޭވާ ލިބެނިވި" މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ވާހަކަތައް ކުރިއަށް ގޮސްވަނީ "ވަރަށް އީޖާބީ (ޕްޒިޓިވް)" ގޮތަކަށެވެ.
އަނެއްކޮޅުން ޖީ-20 ގެ ވެރިން ބޭއްވެވި ވާޗުއަލް ބައްދަލުވުމަކަށް ފަހު އީޔޫއިން ވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީގެ ގޮތުގައި 1 ބިލިއަން ޔޫރޯ (1.2 ބިިލިއަން އެމެރިކާ ޑޮަލަރު) ދޭން ނިންމިކަން އިއުލާންކޮށްފައެެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަ ލެޔެން ވިދާޅުވި ގޮތުގައި މި އެހީ ދެނީ "އިންސާނީ އިޖްތިމާއީ އަދި އިގްތިސާދީ އިނދަޖެހުމަކުން" އަރަައިގަތުމަށެވެ.
މިފައިސާގެ ތެރޭން 550 މިލިއަން ޔޫރޯ އަފްޣާނިސްތާނަށް އިންސާނީ އެހީގެ ގޮތުގައި ދޭއިރު، ބާކީ ފައިސާ ދޭނީ އަފްޣާން ރެފިއުޖީންގެ ގިނަ ބަޔަކު ތިބި އަވަށްޓެރި ގައުމުތަކަށެވެ.