އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް އެމެރިކާ ސަރުކާރުން އެއްބަސްވުމުގެ ކުރިން އަފްޣާން ސަރުކާރާއެކު ސީދާ ވާހަކަތައް ނުބާއްވާނެކަމަށް ޠާލިބާނުން މިއަދު ބުނެފިއެވެ.
ސުލްހައިގެ ކަންތައްތަކާ ބެހޭ ދައުލަތުގެ ވަޒީރު ޢަބްދުއްސަލާމް ރަޙީމީ އިއްޔެ ވިދާޅުވީ ޔޫރަޕްގެ ކޮންމެވެސް ގައުމެއްގައި ކުރިއަށް ދެ ހަފުތާ ތެރޭގައި ޠާލިބާނުންނާ، ސަރުކާރާ ދެމެދު ސީދާ ވާހަކަތައް ފެށުމުގެ އުއްމީދު އެބައޮތް ކަމުގައެވެ. އޭނާ ވިދާޅުވީ ވާހަކަތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވާނީ 15 މެންބަރުންގެ ވަފުދަކުން ކަމުގައެވެ.
އެހެންނަމަވެސް، ޤަޠަރުގައި ހުންނަ ޠާލިބާން ޖަމާއަތުގެ އޮފީހުގެ ތަރުޖަމާން ސުހައިލް ޝާހީން ވަނީ ދައުލުތު ވަޒީރުގެ ވާހަކަފުޅުތަކާ ދެކޮޅުހައްދަވާފައެވެ.
"އަފްޣާނިސްތާނުގެ އެކި ފަރާތްތަކުގެ މެދުގައި ވާހަކަތައް ބޭއްވޭނީ ބޭރު ގައުމުތަކުގެ ސިފައިން ފައިބާނެކަން އިއުލާންކުރުމަށް ފަހު." ޝާހީން ވިދާޅުވިއެވެ.
އަފްޣާނިސްތާނަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒަލްމޭ ޚާލިދްޒާދްވެސް ވަނީ ޠާލިބާންގެ ވާހަކައަށް ބާރުލިބޭފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ.
ޚާލިދްޒާދް މިއަދު ވިދާޅުވީ ޠާލިބާނުންނާއި، އަފްޣާން ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދަކާ ދެމެދު ބާއްވާ ސީދާ ވާހަކަތައް ބޭއްވޭނީ ޠާލިބާނުންނާއެކު އެމެރިކާ ސަރުކާރުން އެކުލަވާލާ "އެއްބަސްވުންތައް" އެކުލަވާލައި ނިމުމަށްފަހުގައެވެ.
ޠާލިބާން ޖަމާޢަތުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދުވެސް ވަނީ ޚާލިދްޒާދްގެ ވާހަކަފުޅަށް ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް ފަހުގައި މެނުވީ އަފްޣާން ސަރުކާރުގައި ތިއްބެވި ފަރާތްތަކާ ޠާލިބާނުން ވާހަކަ ނުދައްކާނެ ކަމުގައެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ، ކާބުލްގައި ވެރިކަން ކުރާ ފަރާތްތައް އެއި ސަރުކާރެއް ކަމުގައި ޠާލިބާނުން ބަލައިނުގަންނަ ކަމަށެވެ.
ޚަބަރު ފަތުރާ ޔޫރަޕްގެ ބައެއް ވަސީލަތްތަކަށް މައުލޫމާތު ދެމުން ޑިޕްލޮމެޓިކް ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ނޯވޭގެ އޮސްލޯގައި ވާހަކަތައް ފެށުމަށް އޮތީ ހަމަޖެހިފައެވެ.
އެ މަސްދަރުތަކުން ބުނިގޮތުގައި ބައިނަލް އަގްވާމީ މުޖްތަމައުނާއި އަފްޣާން ސަރުކާރުން މިހާރު ތިބީ ޠާލިބާންގެ ޖަވާބެއްގެ އިންތިޒާރުގައެވެ.